ހަބަރު

ރިޔާޒުގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނުގެ ޕިން ޖަހައި ނުދިން މައްސަލާގައި އޭނާއާ ދެކޮޅަށް ދައުލަތުން ކުރި އިސްތިއުނާފުގެ މައްސަލާގެ އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

މީގެކުރިން މި މައްސަލާގެ އަޑުއެހުމެއް ބާއްވައި އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. އެހެންވެ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ މާދަމާ މައްސަލާގައި އޮންނާނީ ހުކުމެވެ.

ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ރިޔާޒުގެ ފޯނު ހުޅުވާ ނުދިން ކަމަށް ބުނެ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އޭނާގެ މައްޗަށް ދައުލަތުން ކުރީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. ނަމަވެސް އެ މައްސަލާގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ އެވެ.

ތަހުގީގަށް ގަސްތުގައި ހުރަސް އެޅި މައްސަލައިގެ އަޑު އެހުންތައް ނިންމާލާފައި ވަނީ އެ މައްސަލަ ބަލަމުން ގެންދިޔަ ބެންޗާއި ރިޔާސަތަށް ވެސް ބަދަލު ގެނައުމަށް ފަހުގަ އެވެ. ކުރިން އެ ބެންޗުގައި ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އަލީ ސަމީރެވެ. ނަމަވެސް ފަހުން ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޝުޖާއު އުސްމާން އަދި ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދެވެ.

ރިޔާޒުގެ މައްޗައް އެ ކުށް ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

ރިޔާޒުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ އިރު އޭނާ މިހާރު ހުންނެވީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގައި ޝަރީއަތް ނިމެންދެއް ބަންދުކޮށްފަ އެވެ. އަދި އެކެއް ފެބްރުއަރީގެ އަމުރަށްފަހު ހިނގައިދިޔަ ކަންކަމާ ގުޅިގެން ރިޔާޒުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފަ އެވެ.