ހަބަރު

ގައުމަށް އެންމެ ގިނަ މެޑަލް ހޯދީ މި ހަތަރު އަހަރުގައި: މިނިސްޓަރު

Apr 23, 2018
2

ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ރަން، ރިހި އަދި ރަންވަން ލޯ މެޑަލް ގައުމަށް ގެނެސްފައިވަނީ ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ކަލާސް އެވޯޑްސް ޝަރަފުވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތަފާސް ހިސާބުތަކަށް ބަލާއިރު ބައިނަލްއަގްވާމީ 45 މެޑަލް ސްކޫލްތަކުގެ ދަރިވަރުން ހޯދާދީފައިވާ ކަމަށެވެ. އެގޮތުން 2007 އިން 2013 އާ ހަމައަށް ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުން ހޯދިފައިވަނީ 11 މެޑަލެވެ. މިނިސްޓަރު ވިދާޅުވީ، 11 އިން 45 އާ ހަމައަށް މި ކުރެވުނު ދަތުރަކީ ގިނަ ބައެއްގެ ވިސްނުމާއި ބުރަ އަދި މިންނެތް މަސައްކަތުގެ ނަތީޖާ އަދި ދަރިވަރުންގެ ހިތްވަރު ކަމަށެވެ.

"މިފަދަ ފުރުސަތުތައް ސްކޫލްތަކުގެ ދަރިވަރުންނަށް ފަހިކޮށްދެއްވާފައިވާތީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ވަރަށް އިހްލާސްތެރިކަމާއެކު މަރުހަބާ ދަންނަވަން، އަދި ކުޅިވަރު ކަންތައްތައް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ތައުލީމީ ދާއިރާއިން މީގެ ކުރިން ދުވަހަކުވެސް ހާސިލުވެފައި ނުވާ އެތައް ކާމިޔާބީތަކެއް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހާސިލްކޮށްފައިވާ ކަމަށާއި އެއީ އުނގެނިގެން ކަމަށް ވިޔަސް ނުވަތަ ދަރިވަރުންގެ ހުނަރު ދައްކުވައިދީގެން ކަމުގައިވިޔަސް ކަމަށެވެ. ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ދަރިވަރުން ވަނީ ބައިނަލްއަގްވާމީ މައިދާނުގެ މެދު އުޑުގައި ފިޔަ ޖަހަން ފަށާފައިވާ ކަމަށާއި ތަރުބަވީ ދަރިންތަކެއް އުފެއްދެވުމަށް އެމަނިކުފާނު ފެށްޓެވި މަސައްކަތްޕުޅުތަކުގެ ތެރެއިން ދަރިވަރުންގެ ހުނަރު އޭގެ އެންމެ ފައިދާ ހުރި ގޮތެއްގައި ބޭނުން ކުރުމާއި ހުނަރު ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ވެސް ސްކޫލްތަކުގެ ތެރެއިން ވަނީ ފެށިގެން ގޮސްފަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު، 2014 ވަނަ އަހަރުން ފެށިގެން ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުގައި ކުޅިވަރަށް އޮތް ޝައުގުވެރިކަން އިތުރު ކުރުމަށް ފެށުނު މަސައްކަތްތަކުގެ ފޮނި މޭވާ މިއަދު ދަނީ ލިބެމުން ކަމަށެވެ.

"ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން އިންޓާ ސްކޫލް މުބާރާތްތަކުގައި އަތޮޅުތަކުގެ ސްކޫލްތަކުން ބައިވެރިވާ ދަރިވަރުންގެ އަދަދު މިވަނީ އިތުރުވެފައި، އަދި މުބާރާތްތަކުން މި ދަރިވަރުން ހޯދާ ކާމިޔާބީތައް މިވަނީ ބޮޑުތަން އިތުރުވެފައި، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި، ތައުލީމެކޭ އެއްގޮތަށް، ކުޅިވަރުތަކުންވެސް ހުރިހާ ދަރިވަރުންނަށް މިވަނީ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ކުޅުންތެރިންނަކީ ދިވެހި ގައުމީ ދިދަ ބޭރު ގައުމުތަކުގައި އުފުލާލަދޭނެ ބައެއް ކަމަށާއި ކުޅިވަރުގެ މައިދާނުން މަޝްހޫރުވެ ބަތަލަކަށްވާ ކޮންމެ ކުޅުންތެރިއަކަށްވިޔަސް، ނުވަތަ އެނޫން ރޮނގަކުންވިޔަސް މަޝްހޫރުކަން ލިބޭ ކޮންމެ ކުއްޖަކަށްވެސް އެ މަޝްހޫރުކަން ލިބުމުގެ ފަހަތުގައި އެތައް ބައެއްގެ ގުރުބާނީތަކެއް ވާނެ ކަމަށެވެ.