ކުޅިވަރު

ޔޫތު ސިޓީ ކަޕް ޒެނިތު، ޑެސްޕެރާޑޯއަށް ރަނގަޅު ފެށުމެއް

ހައުސިން ޑިވްލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ޒުވާނުންނަށް ހުޅުވާލައިގެން، ހުޅުމާލޭގައި ބާއްވާ ޔޫތު ސިޓީ ފުޓްސަލްކަޕްގެ ކުލަ ގަދަ ރަސްމިއްޔާތަކާއެކު ރޭ ފަށައިފި އެވެ.

ހަވާގެ ކުޅިވަރުތަކާއެކު ބޭއްވި ކުލަގަދަ ހަފުލާގައި މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ. މުބާރާތުގައި މި އަހަރު 136 ޓީމު ވާދަ ކުރާނެ އެވެ. އެއީ ފިރިހެން ޑިވިޝަންގައި 120 ޓީމާއި އަންހެން ޑިވިޝަންގައި 16 ޓީމެވެ.

އަންހެން ޑިވިޝަންގެ 16 ޓީމު ހަތަރު ގުރޫޕަކަށް ވަނީ ބަހާލަފަ އެވެ. ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ދާނީ ކްއާޓާ ފައިނަލަށެވެ.

ފިރިހެން ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ނޮކައުޓް އުސޫލުންނެވެ. ބަލިވާ ޓީމެއް މެޗުން މުބާރާތުން ވަކިވާ ގޮތަށެވެ. ފިރިހެން ޑިވީޝަންގެ ފުރަތަމަ ރައުންޑުގައި 60 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މެޗުތަކުން މޮޅުވާ 30 ޓީމު ދެ ވަނަ ރައުންޑުގައި ވާދަ ކުރާނެ އެވެ. އޭގެއިން ފަނަރަ ޓީމު ސީދާ ދާނީ ކްއާޓާ ފައިނަލަށެވެ. ބަލިވި ޓީމުތައް މުބާރާތުން އަލްވަދާއު ކިޔާނެ އެވެ. ނަމަވެސް ދެ ވަނަ ބުރުގައި ބަލިވި ޓީމުތަކުގެ ތެރެއިން ޓީމަކަށް އަދި ދިރިގެން އައުމުގެ ފުރުސަތު ދޭނެ އެވެ. އެކަމަކު ހަމަ އެންމެ ޓީމަކަށެވެ. އެއީ ބަލިވި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމަކަށް ދެވޭ ފުރުސަތެވެ.

މުބާރާތުގެ ފުރަތަމަ މެޗަކަށް ވީ އަންހެން ޑިވިޝަންގެ ގުރޫޕް "އޭ" ގެ މެޗެވެ. ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ޒެނިތު ސްޕޯޓްސް ބައްދަލު ކުރި މެޗު 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ޒެނިތު އެވެ.

ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗު ދިޔައީ ވަރަށް ފޯރިގަދަ ކޮށެވެ. ދާއެޅުން ޕްރޯ ޓީމުގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ޑެސްޕަރޭޑޯ ކާމިޔާބު ކުރީ 5-4 ންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.

ދާ އެޅުން ޕްރޯ ޓީމުގެ ކޮޅަށް މެޗު އަނބުރާލުމަށް އެ ޓީމަށް ދެ ފަހަރު ފުރުސަތު ލިބިގެން ދިޔަ އެވެ. އެ ޓީމަށް ވަނީ ސީދާ ޕެނަލްޓީ އަކާއި ނުސީދާ ޕެނަލްޓީއެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް ރަނުގެ އެ ދެ ފުރުސަތުވެސް އެ ޓީމަށް ބޭނުމެއް ނުކުރެވުނެވެ.

މެޗު އެ ޓީމު އަތުން ގެއްލުނީ ވެސް ލީޑްގައި އޮއްވައި މެޗުގެ ފަހު ވަގުތުގައި ބައިކޮޅަށް ވަން ލަނޑުންނެވެ. ޕެނަލްޓީގައިވެސް ކުރީގައި އޮތީ އެ ޓީމެވެ. އެއީ ޑެސްޕަރޭޑޯގެ ފުރަތަމަ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. ނަމަވެސް ދާއެޅުން ޕްރޯ ފަހުން ވަނީ ދެ ޕެނަލްޓީ މިސްކޮށްލާފަ އެވެ. މުބާރާތުން އެންމެ ފުރަތަމަ ކަޓައިގެން ދިޔައީ އެ ޓީމެވެ.