ހަބަރު

އިފަޕްކާ އަހަރީ ބައްދަލުވުން ހާހަކަށްވުރެ މީހުންނާއެކު ރާއްޖެއަށް

ހާހަކަށްވުރެ ގިނަ ބައިވެރިންނާއެކު، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިފް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފަޕްކާ) ގެ 45 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ނަވާރަ ސަތޭކަ ފަންސާސް ހަވަނަ އަހަރު އުފެދުނު މި ޖަމިއްޔާގެ ބައްދަލުވުން ރާއްޖޭގައި ބާއްވަން ފުރުސަތު ދޭނެކަން ހާމަ ކުރެއްވީ އެ ޖަމިއްޔާގެ ރައީސް ދާތުކް މެތިއު ޓީ ކައި ވޫން މިހާރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގަ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން ހޮޓެލް ޖެންގަިއ ރޭ ބޭއްވި ބައްދަލުވުމުގައި އިފަޕްކާގެ ރައީސް ދާތުކް މެތިއު ވިދާޅުވީ ރާއްޖޭގައި ބާއްވާ އެ ޖަމިއްޔާގެ 45 ވަނަ އެނުވަން ކޮންފަރެންސްގައި ބައިވެރިވާން އިމާރާތް ކުރުމުގެ ދާއިރާގައި ދުނިޔޭގެ ފުންނާބުއުސް ބޭފުޅުން އަންނާނެ ކަމަށެވެ.

އިފަޕްކާގެ 45 ވަނަ ކޮންފަރެންސް ރާއްޖޭގައި ބާއްވާނީ 2020، ޖުލައި މަހު އެވެ. މި ބައްދަލުވުމުގައި 1000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ރާއްޖޭގައި ބާއްވާ މި ބައްދަލުވުން އިންތިޒާމު ކުރުމަށް އިފަޕްކާ އިން ހަމަ ޖައްސާފައިވަނީ ދަމާސް ކުންފުނީގެ ވެރިޔާ، ދަމާސް ސޯލިހު އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އިފަޕްކާގެ ބޯޑުގައި ހިމެނިވަޑައި ގަންނަވާ، އެލިޔާ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ އަލާއު އަލީ ވިދާޅުވީ މި ބައްދަލުވުން ކާމިޔާބު ކުރުމަށް ސަރުކާރާއި ސްޕޮންސަރުން އަދި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އަދި މި ބައްދަލުވުން ވެގެންދާނީ މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ފަހަރާ އައިސް ރާއްޖޭގައި ބާއްވާ ބައްދަލުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިފަޕްކާ އުފެދިފައިވަނީ 1956 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމަ ނިމުމާ ގުޅިގެންނެވެ. ފުރަތަމަ މި ޖަމިއްޔާގެ މެންބަރުގެ ގޮތުގައި އަށް ގައުމެއް ތިބިނަމަވެސް މިހާރު މި ޖަމިއްޔާގެ މެންބަރުންގެ އަދަދު ވަނީ 19 އަށް އިތުރުވެފަ އެވެ. މެންބަރުންގެ ގޮތުގައި ޗައިނާ އާއި އިންޑިޔާ އަދި ސިންގަޕޫރު ފަދަ ބޮޑެތި ގައުމުތައް ވެސް ހިމެނެ އެވެ.