ކުޅިވަރު

ހާލަތު ބަދަލުކޮށް ފައިދާ ނަގަން ނިއު ޕޮޒެޓިވް ވިސްނުމެއްގައި

ހާލަތު ބަދަލުކޮށް ފައިދާ ނަގަން ނިއުރޭޑިއަންޓް އޮތީ ޕޮޒެޓިވް ވިސްނުމެއްގައި ކަމަށް އެ ޓީމުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނެފި އެވެ.

އޭއެފްސީ ކަޕްގައި، ނިއު ރޭޑިއަންޓް މާދަމާ ހަވީރު ނިކުންނާނީ، އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. ފުރަތަމަ ލެގް މެޗުގައި ބެންގަލޫރުގައި ކުޅުނު މެޗުން ނިއު ބަލިވީ އެންމެ ފަހު ވަގުތުގަ އެވެ. މެޗުގައި ބޯލްޕޮޒިޝަން ކޮންޓްރޯލްކޮށް ގިނަ ޕާސްތައް އުފެއްދީވެސް ނިއު ރޭޑިއަންޓުންނެވެ.

ބުރުޒޮން ބުނީ، ފުރަތަމަ ލެގް މެޗުގައި ބަލިވިޔަސް، ހާލަތު ބަދަލުކޮށް އޭގެ ފައިދާ ނިއުރޭޑިއަންޓުން ހޯދާނެ ކަމަށާއި، އެއީ ނިއުރޭޑިއަންޓްގައި އޮތް ސަގަފާތް ކަަމަށެވެ.

"މެޗުން ބަލިވިޔަސް އޭގެ ފައިދާ ރަނގަޅު ގޮތުގައި ނަގައިގެން އަހަރެމެން ކުރިއަށް ދާނީ، އޭގެ ރަނގަޅު ގޮތަކީ އެ މެޗު ރަނގަޅަށް އެނަލިސްކޮށްގެން އަހަރެމެންގެ މިސްޓޭކުތައް ދެނެގަނެގެން އަހަރެމެން ނިކުތުން،" ސްޕެއިންގެ ކޯޗް ބުންޏެވެ.

"އަހަރެމެންގެ މިސްޓޭކްތައް ދެނެގަނެވުނީމަ، އަހަރެމެން ޕްރެކްޓިހުގައި އެކަމަށް މަސައްކަތް ކުރަންް، އަހަރެމެން ކުރާ މަސައްކަތަމެދު ކުޅުންތެރިންނަށް އިތުބާރު އޮންނާނެ ގޮތަށް އަހަރެމެން މަސައްކަތް ކުރަނީ، މިއީ ވަގުތު އަހަރެމެންގެ ތެރޭގައި އޮތް ރަނގަޅު ވިސްނުން."

ނިއު ރޭޑިއަންޓާއި ބެންގަލޫރަކީ ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ދެ ކުލަބު ކަމަށް ފާހަގަ ކޮށް ބުރުޒޮން ބުނީ، މާދާމާ މެޗުގައި ދަނޑަށް ނިކުންނާނީވެސް ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިން ކަމަށެވެ.

މާދަމާގެ މެޗަށް ނިއު ނިކުންނާނީ ފައިނަލެއް ކަމުގައި ދެކިގެން ކަމަށް ބުރުޒޮން ބުންޏެވެ. ނިއު އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އެ ޓީމުގެ ޑިފެންޑަރު އަމިރީއަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުމެވެ. ބުރުޒޮން ބުނީ އެ ހާލަތަށްވެސް ނިއު ރޭޑިއަންޓް ދަނީ ތައްޔާރު ވަމުން ކަމަށެވެ.

"އެ ޓީމުގެ ވެސް އައީ އެ ޓީމުގެ ސްޕެނިޝް ސްޓައިކަރު ގޮވައިގެނެއް ނޫން، އެމީހުންނަށް އަހަރެމެންގެ ކުޅުން ބެންގަލޫރުގައި ކުޅުނު މެޗުގައި ފެނިފައި ވާނެ، އަހަރެމެން ގަބޫލު ކުރަނީ އެމީހުންވެސް ކުޅެނީ އެކަހަލަ ގޭމެއް ހެން، އަހަރެމެންވެސް ކުޅެނީ އަހަރެމެންގެ ސްޓްއިލްގެ ގޭމެއް، އަހަރެން ބޭނުމެއް ނޫން ޓެކްޓިކްސްގެ ވާހަކަ ދައްކާކަށް."

"އަހަރެމެންގެ ހުރިހާ ވިސްނުމެއް މިހުރީ މާދާމަގެ މެޗުން މޮޅުވުން، އަހަރެމެން ގަބޫލުކޮށްގެން މިތީބީ އަހަރެމެންނަށް އެކަން ކުރެވޭނެ ކަމަށް، އަހަރެމެން ނުވެސް ވިސްނަން އެހެން އިތުރު ކަމަކަށްވެސް ބޭނުމީ މި މެޗުން ތިން ޕޮއިންޓް."

ނިއު ރޭޑިއަންްޓާއި ބެންގަލޫރު މާލޭގައި ކުޅޭ މެޗު، ފުރަތަމަ ޝެޑިއުލް ކޮށްފައި އޮތީ ރޭގަނޑު ކުޅުމަށެވެ. ނަަމަވެސް މިހާރު ހަވިރު ކުޅޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. ބުރުޒޮން ބުނީ ހަވީރު ކުޅޭ ގޮތަށް ހަމަޖެއްސީ އިދިކޮޅު ޓީމަށް އަވޭ މެޗުގެ އުނދަގޫކަން އިހްސާސްކޮށްދިނުމަށް ކަމަށެވެ.