ކުޅިވަރު

މިހާރު ނިއުއާމެދު މާބޮޑަށް ސަމާލުވާން ޖެހޭނެ: ބެންގަލޫރު

މާލޭގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭއިރު ބެންގަލޫރު އެފްސީން މާބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް އެ ޓީމުން ބުނެފި އެވެ.

ބެންގަލޫރުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި، ބެންގަލޫރުގެ ހެޑް ކޯޗް އަލްބަޓް ރޮކާ ބެންޗުން ފޮނުވާލުމުން އޭނާ އަށް އައި ސަޕެންޝަނާ ގުޅިގެން ޕްރީ މެޗު ޕްރެސްއަށް ހާޒިރުވީ ޓީމުގެ ގޯލްކީޕަރު ކޯޗް އިޑޫ ގޯސަލް އެވެ.

އޭނަ ބުނީ ހޯމްގައި ކުޅޭއިރު ނިއު ރޭޑިއަންޓްގެ ހާލަތު އޭނާގެ ޓީމަށް އެނގޭ ކަމާށާއި މާދަމާ ކުޅޭ މެޗުގައި އެޓީމާ މެދު ސަމާލުވާން ޖެހޭނެ ކަމަށެވެ. އިންޑިއާގެ ފުޓްބޯޅަ ސީޒަން ވަނީ މިހާރު ނިމިފަ އެވެ. އޭނަ ބުނީ ވަރުގަދަ މެޗުތަކެއް ކުޅުމަށްފަހު ކުޅުންތެރިން މިހާރު ތިބީ ހަމަޖެހިލައިގެން ކަމަށެވެ. އަދި މެޗަށް އެންމެ ރަނގަޅު ކުޅުންތެރިން ޓީމުގެ ހެޑްކޯޗް ކަނޑައަޅާނެ ކަމަށެވެ.

މާދާމަގެ މެޗާ ބެހޭގޮތުން ނިއު ރޭޑިއަންޓްގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނީ، މެޗަކީ ފައިނަލެއް ކަމަށެވެ. ބެންގަލޫރުން މެޗާ މެދު ދެކެނީ ކޮންގޮތަކަށްތޯ ސުވާލުކުރުމުން ސްޕެއިންއަށް ނިސްބަތްވާ ގޯސަލް ބުނީ، އަވޭ މެޗެއްގައި އޭނާގެ ޓީމުން ކުރަން ޖެހޭ މަސައްކަތް ބޮޑު ވާނެ ކަމަށާއި މާލޭގައި ކުރިން ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ވީނަމަވެސް މާދަމާގެ މެޗު ފަސޭހަކޮށް ނުލާނެ ކަމަށެވެ.

ބެންގަލޫރު ޓީމުގެ އެކޮމެޑޭޝަން ނިއު އިން ހަމަޖައްސާފައި ވަނީ ކ. ތުލުސްދޫގަ އެވެ. މެޗު އޮންނަ ދުވަހު ބެންގަލޫރު ޖެހޭނީ މާލެ އަންނާށެވެ. އެކަމާ ގުޅިގެން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލް ޕްރެކްޓިސް ސެޝަން އެ ޓީމުން ވަނީ ކެންސަލް ކޮށްފަ އެވެ. ނަމަވެސް ގޯސަލް ބުނީ އޭނާގެ ޓީމުން އަބަދުވެސް ޕްރެކްޓިސް ކުރާނެ ކަމަށާއި ފައިނަލް ޓްރެއިނިން ސެޝަނަށް މާލެ ނައި ނަމަވެސް އެ ތިބި ތަނެއްގައި ތިބެގެން އެ ޓީމުން ޕްރެކްޓިސް ކުރާނެ ކަމަށެވެ.

ބެންގަލޫރާ ދެކޮޅަށް ދިވެހި ޓީމަކަށް މިހާތަނަށް ޕޮއިންޓެއްވެސް ހޯދިފައެއް ނުވެ އެވެ. މިދިޔަ އަހަރު މާޒިޔާ އާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައިވެސް އެ ޓީމުން މޮޅުވީ މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބު ކުރި ލަނޑުންނެވެ.