ކުޅިވަރު

ޓީޓީގައި އަންހެން ކުޅުންތެރިން ދުލެއް ނުދޭނެ

މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގައި ނިމިގެން ދިޔަ ޒުވާން ކުޅުންތެރިންގެ ސަރަހައްދީ ޓޭނަލް ޓެނިސް މުބާރާތް، 'ސައުތު އޭޝިއަން ޖޫނިއަން ކެޑޭޓް ޗެމްޕިއަންޝިޕްގައި' ރާއްޖެއިން ހަތް މެޑަލް ހޯދި އެވެ. މެޑްލަ ލިސްޓްގައި އަންހެން ކުޅުންތެރިން އުޅެނީ މާ ކުރީގަ އެވެ. ހަ މެޑަލް ކަރަށް މަހާލީ އަންހެން ކުދިންނެވެ.

އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ދިވެހި ކުޅިވަރުގައި ނަން ހިނގަނީ ފިރިހެން ކުޅުންތެރިންނެވެ. އެ ހާލަތު ބަދަލު ވެއްޖެ އެވެ. ހާއްސަކޮށް ދިވެހި ޓީޓީ އަންހެން ކުދިންގެ ވިދުން ފެންނަނީ މާ ގަދަ ކޮށެވެ. އެހެން ކުޅިވަރެއްގައި އަންހެން ޓީމަކުން ނޯހޯދާ ކާމިޔާބު ޓީޓީގެ އަންހެން ޓީމުން އެކަނި މި ތިން އަހަރުވެސް ހޯދައިފި އެވެ.

ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ރަފާ ނާޒިމު އެކަނިވެސް ފަސް މެޑްލް ހޯދި އެވެ. އެއީ އިންޑަވިޖުއަލް ކެޓަގަރީގައި ތިން އިވެންޓަކުން އޭނާ ހޯދި ތިން ބްރޯންޒް މެޑްލް އާއި އަދި ކެޑޭޓް ކެޓަގަރީގެ ޓީމާއި ޖޫނިއާ ޓީމުން ހޯދި ބްރައުންޒް މެޑްލަގައިވެސް ރަފާގެ ހިއްސާ އޮތެވެ. ދެން އޭނާގެ ޕެއާ ލައިސް ފަތުހުﷲ އެވެ.

ހޯޕްސް ކެޓަގަރީގައި ވާދަ ކުރި ފާތިމަތު ދީމާ އަލީ ވަނީ އެ ކެޓަގަރީން ރިހި މެޑްލަ ހޯދާފަ އެވެ. މިއީ މުބާރާތުގައި ރާއްޖެއަށް ލިބުނު ހަމައެކަނި ރިހި މެޑްލްއެވެ. ދިމާ ވަނީ ލަންކާގެ އެއް ވަނަ ކުޅުންތެރިޔާއާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދީފަ އެވެ.

"އަންހެން ޓީމު ހޯދި ކާމިޔާބަކީ ރާއްޖޭގެ ނިސްބަތުން ލިބުނު ބޮޑު ކާމިޔާބެއް، އެއީ އިތުރު ސިލްވް ދެ މެޑްލްއާ ވަރަށް ގާތަށް ދިވެހި ކުޅުންތެރިން ދަތުރު ކުރި، އިންޑިއާގެ ކުޅުންތެރިންނާ ދެކޮޅަށް ވަރަށް ގާތްގާތުން ރާއްޖެ ދިޔައީ." މިފަހަރު އަންހެން ކުޅުންތެރިން ހޯދި ކާމިޔާބާ ބެހޭގޮތުން ޓީޓީ އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ އިސްމާއީލް ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިރިހެން ޓީމުގައިވެސް ހުނަރުވެރި ކުޅުންތެރިން ތިބ ކަމަށެވެ. ލިބޭ ފުރުސަތުތަކާއެކު އެ ކުޅުންތެރިންނަށް ކާމިޔާބާ ހަމަޔަށް ދެވޭނެ ކަމަށް އޭނާ ގަބޫލު ކުރ އެވެ.

"މިހާރު މިތިބަ އަންހެން ކުޅުންތެރިންނަށް ވުރެ ލަހުން ފިރިހެން ކުޅުންތެރިން ޓީޓީގެ ތެރެއަށް ވަނީވެސް އެހެންވީމަ ފިރިހެން ޓީމާ މެދު ކެތްތެރިވެލަން ޖެހޭނެ، އެ ކުޅުންތެރިންގެ ތެރޭގައިވެސް އެބަތިބި ބައިނަލްއަގްވާމީ މުބާރާތްތަކުން ކާމިޔާބު ހޯދޭނެ ކުޅުންތެރިން، އަޅުގަނޑުމެންނަށް ފެނޭ މިހާރުވެސް އެ ކުޅުންތެރިން ކުރިއެރުން ހޯދަމުން އަންނަތަން."

ފިރިހެން ކުދިންގެ ބައިން ލިބުނީ އެންމެ މެޑަލްއެކެވެ. އެއީ ހޯޕްސް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި އަޔާން ތޯހާ ރަޝީދެވެ. މުބާރާތުގެ ގޯލްޑްމެޑަލްތައް ހޯދީ އިންޑީއާގެ ކުޅުންތެރިންނެވެ. ބޫޓާން ފިޔަވައި ސާކްގެ އަނެއް ހަ ގައުމުން މުބާރާތުގައި ވާދަ ކުރި އެވެ.