ހަބަރު

ބްރިޖުގެ ދިރާސާއަށް ރަސްމީކޮށް ބޯހޯލް ތޮރުފަން ފަށައިފި

May 20, 2015
1

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށްޓަކައި ބޯހޯލް ތޮރުފުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ބޯހޯލް ތޮރުފުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ސުނާމީ ބިނާ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބޯހޯލް ތޮރުފުމުގެ މަސައްކަތް ފެށުމާއެކު ކަނޑުއަޑީގެ 50 މީޓަރުގެ އަޑީގައި 29 ބޯހޯލް ތޮރުފާނެ ކަމަށެވެ.

"މި މަސައްކަތުން ބްރިޖުގެ ޑިޒައިނަށް ބޭނުންވާ މައުލޫމާތު ހޯދޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރިޖު ދިރާސާ ކުރުމަށް 29 ބޯހޯލް ތޮރުފަނީ 29 ތަނބު ޖަހަން ކަމަށްބުނެ، ފާޑު ކިޔުންތައް އަމާޒު ކުރިނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"ބްރިޖުގެ މަސައްކަތް ހިނގާނެކަން އިނދިކޮޅު ފަރާތްތަކަށް ވެސް ޔަގީންކަން ދޭ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޗައިނާ ސަރުކާރުން އަންނަ މަހު ބްރިޖުގެ ޑިޒައިން ލިބޭނެ ކަމަށެވެ.

ބްރިޖުގެ ދިރާސާގެ މަސައްކަތް ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. ސަރުކާރުން ވަނީ ބްރިޖުގެ މަސައްކަތް 2017 ވަނަ އަހަރު ނިންމަން ކަނޑައަޅާފަ އެވެ.