ހަބަރު

ބީއެމްއެލްގެ ކޭޝް އޭޖެންޓުންގެ ހިދުމަތް 100 ވަނަ ރަށަށް

May 20, 2015
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޭޖެންޓުން މެދުވެރިކޮށް ފައިސާނެގުމުގެ ހިދުމަތް 100 ވަނަ ރަށުގައި ދޭން ފެށުން ފާހަގަކޮށްފިއެވެ.

މި ހިދުމަތް ދޭން ފެށި 100 ވަނަ ރަށަކީ ކ. މާފުށްޓެވެ. 

ބީއެމްއެލް އިން ބުނީ ކޭޝް އޭޖެންޓުންގެ ޚިދުމަތަކީ ބޭންކުން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ބޭންކިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރި ވައުދު ފުރިހަމަ ކުރުމަށް އެޅި ބިންގަލެއް ކަމަށެވެ. މި ހިދުމަތުގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހުރި ވިޔަފާރިތައް މެދުވެރިކޮށް ބީއެމްއެލް ޑެބިޓްކާޑް ބޭނުންކޮށްގެން ޕީއޯއެސް މެޝިނުން ފައިސާ ނެގެ އެވެ.  

ކޭޝް އޭޖެންޓުންގެ ޚިދުމަތް ކ. މާފުށީގައި އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރު ޑރ. އަޒީމާ އާދަމެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ގަވަނަރު ޑރ. އަޒީމާ ވިދާޅުވީ

"ފައިސާގެ ހިދުމަތްތަކާއި މުއާމަލާތްތަކަށް ހުރިހާ ރައްޔިތުންނަށް ފުރުޞަތު ލިބިގެން ދިއުމަކީ ރައްޔިތުންގެ ދިރިއުޅުމަށް ގިނަ  ފަސޭހަތަކެއް ލިބިގެންދާނޭ ކަމެއް. މި އަގު ހުރި ގައުމީ މަސައްކަތް ބީއެމްއެލް އިން ކުރައްވަމުން ދާތީ، ބޭންކަށް ތަޢުރީފުކޮށް ޝުކުރު އަދާކުރަން."

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ  ިއަދަކީ ބީއެމްއެލްގެ ހަޔާތުގައި ވަރަށް މުހިއްމު ލަނޑުދަނޑިއެއް ހާޞިލުކުރެވުނު ދުވަހެއް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ ކޭޝް އޭޖެންޓުން މެދުވެރިކޮށް 100 ވަނަ ރަށުގައި ފައިސާ ލިބިގެން ދިޔުން. އަޅުގަނޑުމެން އަހަރެއް ނުވަނީސް މީހުން ދިރިއުޅޭ 100 ރަށުގެ ރައްޔިތުންނަށް ފައިސާނެގުމަށްޓަކައި އެހެން ރަށަކަށް ދަތުރުނުކޮށް، އެ ރަށަކުން ފައިސާ ނެގެނޭ އިންތިޒާމް ހަމަޖައްސދެވިފާ. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މި އަހަރު ނިމުނުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިޚިދުމަތް ފޯރުކޮށްދިނުން."