ކުޅިވަރު

ހުރިހާ ގޮތަކަށް ޓީމު އޮތީ ތައްޔާރަށް

އޭއެފްސީ ކަޕްގައި އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް މިއަދު ކުޅޭ މެޗަށް ހުރިހާ އޭންގަލަކުން ޓީމު ތައްޔާރު ވެފައިވާ ކަމަށާއި ލިބޭ ކޮންމެ ފުރުސަތެއް ބޭނުން ހިފޭނެ ގޮތަށް ކުޅުންތެރިން މަސައްކަތް ކުރާނެ ކަމަށް ނިއުގެ ވައިސް ކެޕްޓަން އަކުރަމް އަބްދުލް ގަނީ ބުނެފި އެވެ.

ބެންގަލޫރު އެފްސީއާ ދެކޮޅަށް މިއަދު ނިކުންނައިރު ނިއުގެ އަފްގާނިސްތާން ޑިފެންޑަރު އަމީރީ އަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭނެ އެވެ. އަމީރީ އާއެކު ނިއުގެ ޑިފެންސްގައި އެންމެ މުހިންމު ކުޅުންތެރިޔަކީ އަކުރަމް އެވެ.

އަކުރަމް ބުނީ އެންމެ ކުޅުންތެރިޔެއް މަދުވުމުން އޭގެ އަސަރު ނުކުރާނެ ކަމަށާއި ނިއު އިން މެޗަށް ތައްޔާރުވީ އެހުރިހާ ކަމަކަށް ވިސްނައިގެން ކަމަށެވެ.

"އެންމެ ކުޅުންތެރިޔެއް މަދުވުމަކީ އުނދަގޫ ވާނެ ކަމެއް ނޫން، އެއީ މިދިޔަ ޕްރެކްޓިސްތަކުގައި އަޅުގަނޑުމެން ވަނީ ކޯޗުގެ އިރުޝާދާއެކު އެކަމަށް ތައްޔާރު ވެފައި، މި މެޗަށް އަޅުގަނޑުމެން ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވެފަ މި ވަނީ،" ތަޖުރިބާ ކާރު ޑިފެންޑަރު ބުންޏެވެ. "އަޅުގަނޑުމެންނަށް އޮތީ (މިއަދު) މި ދަނޑުމައްޗަށް އަރައި މަސައްކަތް ކުރުން، ﷲ އިރާދަ ކުރެއްވިއްޔާ ކާމިޔާބު ލިބޭނެ، އިރާދަ ކުރެއްވިއްޔާ މެޗު ކާމިޔާބުކޮށްގެން ކުރިއަށް ދެވެން އޮތް ފުރުސަތުގެ ބޭނުން ހިފާނަން."

އޭނާ ބުނީ ބެންގަލޫރު މެޗަށް ނިކުންނަނީ ބެންގަލޫރު ގައި ކުޅުނު މެޗުގެ ކުރިމަތިވި މިސްޓޭކުތައް ރަނގަޅުކޮށްގެން ކަމަށާއި އެކަންކަމަށް ވަރަށް ބޮޑަށް ޕްރެކްޓިހުގައި ސަމާލުކަން ދީފައި ވާނެ ކަމަށެވެ.

"އެކޮޅުގައި [ބެންގަލޫރުގައި] އަޅުގަނޑުމެން ކުޅުނީ މުޅިން ތަފާތު ގޭމެއް، ފަހު ގަޑީގައި ހަމަ އެންމެ ޕްލޭޔަރެއްގެ ތަފާތު ފެނުނީ،" ބެންގަލޫރުގައި ކުޅުނު މެޗުގެ ދިމާވި މައްސަލަ ކިޔައި ދެމުން އަކުރަމް ބުންޏެވެ. "އެކަމަކު މާދަމާ އަޅުގަނޑުމެން އެ ހުރިހާ އެއްޗެއް ބަލައިގެން އެ ހުރިހާ ކަމަކަށް ތައްޔާރު ވެގެން ރާއްޖޭގެ ދަނޑުގައި ވަރަށް ރީތި ފުޓްބޯޅައެއް ކުޅެ ހިސްޓްރީ ބަދަލު ކުރަން އަޅުގަނޑުމެން ނިކުންނާނީ."

"އަޅުގަނޑުމެން ޖެހޭނީ (މިއަދު) ގެ މެޗުގައި އެންމެ ޗާންސެއްވެސް ނުދީ ޑިފެންސް ވަރަށް ސޮލިޑް ކޮށްގެން ވަރަށް ރަނގަޅަށް ޖައްސައިގެން މަސައްކަތް ކޮށްގެން ކުޅެން."

"ބޯލް ޕޮޒިޝަންގަޔާއި ޕާސިން ރޭޓުގަިވެސް ކުރީގައި އުޅުނީ އަޅުގަނޑުމެން، ނަމަވެސް މާގިނަ ފުރުސަތުތަކެއް އަޅުގަނޑުމެންނަކަށް ނުލިބޭ އެކަން ރަނގަޅު ކޮށްލައިފިއްޔާ އަޅުގަނޑުމެން ކޮޅަށް (މިއަދު) މެޗު އެނބުރާ ލެވޭނެ."