މީހުން

މި ހަފުތާގެ ގިޓަރިސްޓް: އަޑްލީ

"މިއުޒިކް ކުޅޭ މީހުން މި ތިބެނީ ނުބައި ބައެއްގެ ގޮތުގައި ލޭބަލްކޮށްފައި. އެކަމަކު އަސްލު އަހަރެން މާރަމާރީ އާއި ޑްރަގްސްގެ ތެރެއަށް ނުދިޔަ ސަބަބަކީ ވެސް މިއުޒިކް. އުޅެ ބޮޑުވީ ވަރަށް އެހެން ކަހަލަ މާހައުލެއްގައި. ވަރަށް ގިނަ ކަންތައްތައް ފެނުނު،"

މިއީ މަޝްހޫރު ގިޓަރިސްޓް އަޑްލީ (މުހައްމަދު އަދުލީ) ގެ ވާހަކަ އެވެ. މި ހަފުތާގެ ހޮވުމަކީ ސްޓީޖިއަން ޝޯސްގެ މި ހުނަރުވެރި ފަންނާނެވެ.

******

އޭނާ މިއުޒިކް ކުޅެން ފެށީ ވަރަށް ވެސް ކުޑައިރު އެވެ. އޭރު ތިނެއް ނުވަތަ ހަތަރު އަހަރެވެ. އެއީ ކަޒިންއެއްގެ އުފަން ދުވަހެއްގެ ޕާޓީއަކުން އޭނާ އަށް ދައުވަތު ލިބުނު ދުވަހެކެވެ. އެ ޕާޓީއަށް ގޮސްގެން އުޅެނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ކުޑަކުޑަ ކީބޯޑެކެވެ.

ދެން ގޮސް އޭނާ އެތި ހުޅުވާލީ އެވެ. އެވަގުތު އައީ ހެޕީ ބާތުޑޭގެ ޓިއުންތަކުގެ އަޑެވެ. އެ ދުވަހު އޭނާ އެނބުރި ގެއަށް ދިޔައީ ކީބޯޑުން އަމިއްލަ އަށް ހެޕީ ބާތު ޑޭ ކުޅެފަ އެވެ. އެއްވެސް މީހަކު ދަސްކޮށްދީގެންނެއް ނޫނެވެ. ހަމަ އަޑު އަހާލާފައި ކުޅެގަތީ އެވެ.

"އަޅުގަނޑަށް ލިބިފައި މި ވަނީ މިއީކީ ސުޕްނެޗުރަލް ޕަވާއެއް ނޫން. އެކަމަކު އެންމެ ކުޑައިރު ވެސް މިއުޒިކް ކުޅެވޭ. މިކަން ދަސްކުރާކަށް ވެސް ނުޖެހުނު އަޅުގަނޑު،" އަޑްލީ ކިޔައިދިނެވެ.

މިސާލަކަށް ކީބޯޑެއް ލިބުނީމަ، ކުރިން އިވިފަ ހުންނަ އަޑުތައް އެންމެ ކުޑައިރު ވެސް ފަސޭހައިން ކުޅެލެވޭ. މިއީ ނެޗުރަލީ އަންނަ ކަމެއް އަސްލު."

އަޑްލީގެ އާއިލާގެ މުގުލުގައި ވެސް އޮތީ މިއުޒިކްގެ ޝައުގުވެރިކަމެވެ. އެންމެ ކުޑައިރު ގޭ ތެރެއިން އޭނާ އަށް އަޑު އިވެނީ ޖޯޖް ބެންސަންގެ ލަވަތަކާއި ބޮނިއަމް ފަދަ އާޓިސްޓުންގެ ލަވަތަކެވެ. އެހެންކަމުން އޭނާ އެންމެ ފުރަތަމަ ނޭވާލީ ވެސް މިއުޒިކްގެ އަޑުފައްގަނޑުން ގުގުމާލާފައި އޮތް މާހައުލަކަށެވެ.

އުޅެ ބޮޑުވީ ޖިމީ ހެންޑްރިކްސް އާއި ބީބީ ކިންގާއި އެރިކް ކްލެޕްޓަން ފަދަ ފަންނާނުންނަށް މަރުދީގެން އުޅުނު މީހުންނާ އެކުގަ އެވެ. ގޭ ތެރޭގައި ބައްޕަމެން ޖަހަމުން ދިޔަ ލަވަތައް ދޫކޮށް ޖިމީ ހެންޑްރިކްސް އާއި ބްލޫސް ލެޖެންޑުން ކަމަށްވާ ބީބީ ކިންގް ފަދަ މިއުޒީޝަނުންގެ ލަވަތަކަށް އޭނާގެ އުމުރުން އެންމެ ފަސް އަހަރުގައި ހުސްވާން ފަށައިފި އެވެ. އެއީ މީހަކު އެ މިއުޒިކް އޭނާ އަށް ތައާރަފްކޮށް އެ ނޫން މިއުޒިކެއް އަޑު ނޭހުމަށް ގޮވާލުމުންނެވެ.

"އޭރު އިންސްޓްރުމެންޓެއް ނުކުޅުނަސް ލަވަޖަހާލައިގެން ހަމްކޮށްލައިގެން އުޅޭނީ. މިއުޒިކް ނުކުޅުނަސް އަސްލު އޭގައި އެ ވަނީ ކީއްކަން އޭރު ވެސް އެނގޭ. ކޯޑާއި ސްކޭލް ހުންނަކަން ނޭނގުނަސް މިއުޒިކްގެ ޕަޒްލް އުފެދިގެން އަންނަ ގޮތް އޭރު ވެސް އިހްސާސްކުރެވޭ.،" އަޑްލީ ބުންޏެވެ.

"މީހަކު މިއުޒިކް ކުޅުމަކީ އޭނާ އަހަންނާ ވާހަކަ ދެއްކުން ކަހަލަ ކަމެއް."

އަޑްލީ އަށް މިއުޒިކް ސިފަވެގެން އަންނަ ގޮތަކީ އެއީ އެވެ.

މި ޝައުގުވެރިކަމާ އެކު 70 އާއި 80ގެ އެންމެ ހިތްގައިމު އަޑުތަކުގެ ތެރެއަށް އޭނާ ގެއްލިފައި ވަނިކޮށް އޭނާގެ ބައްޕަ ގެއަށް ގެންނަނީ ކުޑަވަރެއްގެ ކީބޯޑެކެވެ. އޭރު ވެސް އަދި ގިޓައެއް ކުޅެލުމުގެ ފުރުސަތެއް ނުލިބެ އެވެ. ގަންސް އެންޑް ރޯސަސް އާއި ލެޑް ޒެޕަލިން ފަދަ ބޭންޑްތަކުގެ ފޯރިއާ އެކު އޭރު މާލެ ތެރޭގައި އޮތީ ޒީރޯ ޑިގްރީ އާއި މެޒޯ ކަހަލަ ބޭންޑްތަކުގެ ފޯރިވެސް ގަދަކޮށްފަ އެވެ.

މި ފޯރީގައި އުޅެނިކޮށް މިއުޒިކް ކުޅެން އޭނާ އަށް ފުރަތަމަ ފުރުސަތު ލިބެނީ ބައްޕަ ގެއަށް ވެއްދި ކީބޯޑުންނެވެ.

"އޭގެ އިން ފެށީ ރެގިއުލާކޮށް މިއުޒިކް ކުޅެން. ކޮންމެ ކަހަލަ ލަވައެއް އަޑުއިވުނަސް އެ ލަވައެއް ކުޅެން ފަށަނީ. އެގޮތަށް އުޅެނިކޮށް ސްކޭލް އެނގުނީ. ކޯޑް ކިޔާ އެއްޗެއް ހުންނަކަމެއް އޭރު ނޭނގުނަސް ކޯޑް ވެސް އަޅަން،" އަޑްލީ ބުންޏެވެ.

އެ ކީބޯޑް އެންމެފަހުން ހަލާކުވީ އެވެ. އާ ކީބޯޑެއް، މައިކެއް ނުވަތަ ޑްރަމެއް ގަނެދޭނެ ލާރިއެއް ވެސް އޭނާގެ ބައްޕަގެ އަތަކު އޭރަކު ނެތެވެ. ގޯޅި ކަންމަތީގައި ގިޓާ ހިފައިގެން ގިޓާ ކުޅެން ތިބޭ ކުދިންތައް އަޑްލީ އަށް އޭރު ފެނެ އެވެ.

ފުރަތަމަ ފަހަރަށް ގިޓާއެއްގައި ބީހުމުގެ ފުރުސަތު އޭނާ އަށް ލިބުނީ އޭރު އުޅުނު ގޭދޮށުގައި އުޅުނު ބޭންޑަކާ ހެދި އެވެ. އޭނާ ބުނީ އެމީހުންގެ ޕްރެކްޓިސް ރޫމަށް ވަދެ އެއްޗެހި ތަކުގައި އޭރު ފުރަތަމަ ކުޅެނީ އެމީހުން ނުތިބޭ ގަޑިތަކުގައި، ވަގަށް ކަމަށެވެ.

"ދެން އެންމެފަހުން ގިޓާ ވެސް ނަގައިފިން ކުޅެލަން ވެގެން. ދެން ހަމަ ގިޓާ ވެސް ކުޅެވެން ފެށީ. ދަސްކުރަން ޖެހުނު ހަމައެކަނި ކަމަކީ ޓެކްނިކަލް ޕިކިންސްތައް. މީހަކު އައިސް އިތުރު ކަމެއް އަހްނަނަށް ދަސްކޮށްދޭކަށް ނުޖެހުނު. އެއްވެސް މީހަކު ދަހެއް ނުކޮށްދޭ ގިޓާ ކުޅޭނީ މިހެންނޭ ކިޔާފަ،" ގިޓާގައި ފުރަތަމަ އަތްލި ދުވަސް ކުލަކުރަމުން އަޑްލީ ބުންޏެވެ.

ދެން އެންމެފަހުން އޭނާ ގިޓާއެއް ވެސް ހޯދައިފި އެވެ. އެއީ ޔަމަހާ ކްލެސިކް ގިޓާއެކެވެ. ބޮޑުބައި ދަސްކުރި އެ ގިޓާ އޭނާގެ އަތުގައި އަދިވެސް އެބައޮތެވެ.

ގިޓައިން އެންމެ ފުރަތަމަ ކުޅެސް ދަސްކުރި ލަވައަކީ މެޓާލިކާގެ "ނަތިން އެލްސް މެޓާ" އެވެ. ދެން އެގޮތަށް ދަސްކުރި އަނެއް ލަވައަކީ ލެޑް ޒެޕަލިންގެ "ސްޓެއާ ވޭސް ޓު ހެވަން" އެވެ. އެއީ ރައްޓެއްސަކާ އެކު އޭނާގެ ގެއަށް އެއް ދުވަހަކު ދިޔަ ޖަރުމަނު މީހަކު ކުޅެލި ލަވަ އެކެވެ. އެ ދުވަހު ވަގުތުން އެ ލަވައިގެ ނަން ނޯޓްކޮށްލީ އެވެ.

މިއީ އަޑްލީގެ މިއުޒިކް ކެރިއަރު ފެށުނު ގޮތެވެ. އެހިސާބުން ފެށިގެން ގިޓާކުޅެން ފެށިގޮތަށް އޭނާ އޭގެ މާސްޓާއަކަށް ބަދަލުވީ އެވެ.

މިއުޒީޝަނެއްގެ ގޮތުގައި ނުވަތަ ގިޓަރިސްޓެއްގެ ގޮތުގައި އޭނާ އުޅޭތާ މިހާރު 14 އަހަރުވީ އެވެ. އާމްދަނީ ހޯދަނީ ރިސޯޓްތަކުގައި މިއުޒިކް ކުޅެގެންނާއި އެހެން ޝޯތަކުންނެވެ.

އަޑްލީ ބުނަނީ މިހާރުގެ ފޮނި މީރު ކަމަކީ އެންމެ ފުރަތަމަ ދިން ޝައުގުވެރިކަމާއި ކޮމިޓްމެންޓް ކަމަށެވެ.

"އޭރު ވަރަށް ގިނައިރު ގިޓާ ކުޅޭނެ. މިހާރު މިއީ ލައިފްގަ އެންމެ މަދުން ގިޓާ ކުޅޭ ދުވަސްތައް. އޭރުގަ އެއިޓް އަވާސް އާއި ސިކްސްޓީން އަވާސްގަ ކުޅޭނީ ގިޓާ. އިތުރު ކަމެއް ނުކުރާނެ. އެހެންވީމަ ޕްރެކްޓިކަލީ ވަރަށް ރަނގަޅުވާނެ. އެހާ ކުޑައިރުން ފެށިގެން އެހާ ގިނައިރު ކުޅުނީމަ މީގެ ހުރިހާ ކަމެއް މި ހުންނަނީ ބޮލުގައި ބިންވަޅު ނެގިފަ،" ގިޓަރިސްޓަކަށް ފައްކާވި ގޮތް އޭނާ ކިޔައިދިނެވެ.

ރިސޯޓް މިއުޒިކަށް ހާއްސަވެފައިވިޔަސް އަޑްލީ ދަނީ އަމިއްލަ ގިނަ ލަވަތަކެއްގައި ވެސް މަސައްކަތްކުރަމުންނެވެ.

"މިހާރު ވެސް ހަތަރު ފަސް އަލްބަމްގެ ލަވަ އެބަހުރި ހެދިފަ. އެއީ ހަމައެކަނި މެޓަލް އަދި. ޕޮޕް އަދި އޯލްޓަނޭޓިވް ދެ ތިން އަލްބަމެއް ވެސް އުޅޭނެ ނިމިފަ،" އަޑްލީ ބުންޏެވެ.

އޭނާ ބުނީ ބޮޑެތި ހުވަފެންތަކެއް ދެކުނަސް ރާއްޖެ ކަހަލަ މުޖުތަމައެއްގައި މިއުޒީޝަނުންނަށް ކުރިއަށް ދާން ފަސޭހައެއް ނޫން ކަމަށެވެ.

"އަޅުގަނޑު ބުނާނީ މިއުޒީޝަނުން ލާދީނީ ކުރުން އެއީ އަސްލު ޕޮލިޓިކްސްގެ ކަމެކޭ،" އަޑްލީގެ ހިޔާލަކީ މިއީ އެވެ.

އޭނާގެ ވާހަކަ އަކީ މިއީ އެވެ.

"މާރާމާރީ އާއި މަސްތުވާތަކެތީގެ ތެރެއަށް އަޅުގަނޑު ދަމައިގެން ނުގޮސް ހިފެހެއްޓުވި އެއްޗަކީ މިއުޒިކް."