ހަބަރު

ދީނީ މިނިވަންކަންދޭން ގޮވައިލުމުން އިދިކޮޅުން އީޔޫއަށް ޝަކުވާ އުފުލައިފި

މުސްލިމު ނޫން މީހުނަށް ރާއްޖޭގެ ރައްޔިތުކަން ލިބޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވައިލި ގޮވައިލުމާ މެދު އިދިކޮޅު ފަރާތްތަކުން އީޔޫއަށް ޝަކުވާ އުފުލައިފި އެވެ.

ގުޅިފައިވާ އިދިކޮޅުޕާޓީތަކުން މިއަދު ބުނީ މުސްލިމަކަށް ނޫނަސް ދިވެއްސަކަށް ވެވޭ ގޮތަށް ގާނޫނު އަސާސީ ބައްދަލު ކުރަން ގޮވައިލި ގޮވާލުމާ މެދު ކަންބޮޑުވުން ފާޅުކުރީ ލަންކާގައި ތިއްބަވާ އީޔޫ ޑެލިގޭޝަނާއެކު ބޭއްްވި ބައްދަލުވުމެއްގައި ކަމަށެވެ.

އަދި ބުނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް އެ ބައްދަލުވުމުގައި ދީފައިވާނެ ކަމަށާއި އެ ޕާޓީތަކުން ރާއްޖޭގެ ހާލަތާ މެދު ހުރި ކަންބޮޑުވުންތައް ވެސް އީޔޫ ޑެލިގޭޝަނާ ހިއްސާކުރި ކަމަށެވެ.

އެގޮތުން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި އިދިިކޮޅު ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބަންދުކޮށްފައި ތިބޭ މައްސަލަހިމެނެ އެވެ. އަދި ދައުލަތުގެ ބާރުތައް އެއްކޮށް، މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށް އިދިކޮޅުން ކުރާ ތުހުމަތު ވެސް ހިއްސާ ކުރިއެވެ.

ރާއްޖޭގައި ދާދިފަހުން ތައާރަފްކުރި އެންޓި ޑިފެކްޝަން ގާނޫނަށް ސުޕްރީމްކޯޓުން ރުހުން ދިންްކަން ވެސް ކަންްބޮޑުވުމެއްގައި ގޮތުގައި އިދިކޮޅުން ފާހަގަ ކުރިއެވެ.