ހަބަރު

ރިސޯޓެއްގެ މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަނީ

މާލެ އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެއްގެ މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ މާލެ އަތޮޅު އޮޅުހަލީގައި ތަރައްގީ ކުރަމުންދާ ރިސޯޓުން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން މިރޭ 8:25 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑު ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

މޫދަށް ފޭބި ބިދޭސީއަކު ހޯދަން ފަށާފައިވާ އިރު އައްޑޫ ސިޓީ ހިތަދޫ އިން މޫދަށް އެރުން ދެ ކުދިން ހޯދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް އެ ދެ ކުދިންގެ ހަބަރެއް ނުވެ އެވެ. އަދި މިރޭ އިރު އޮއްސުނު ވަގުތު ހުޅުމާލޭގެ މޫދަށް އެރުނު މީހަކު ވަނީ ގެނބިގެން މަރުވެފައެވެ.