ހަބަރު

އިހްލާސްތެރިކަމެއް އޮތް ނަމަ ބަހަނާ ނުދައްކައި، މަޝްވަރާއަށް އަންނާނެ: ރައީސް

May 20, 2015

އިދިކޮޅު ފަރާތްތަކުގެ އިހްލާސްތެރިކަމެއް އޮތް ނަމަ ބަހަނާ ނުދައްކައި، މަޝްވަރާގެ މޭޒަށް އަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ބައެއް ކައުންސިލަރުންނާއި ބައެއް އާންމު ރައްޔިތުން ޕީޕީއެމަށް ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން މަޝްވަރާއަށް ނުގޮސް، އެކިއެކި ބަހަނާތައް ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ޕާޓީތަކުން މަސައްކަތް ކުރަންޖެހޭނީ ރައްޔިތުންގެ މަސްލަހަތަށް ކަމަށެވެ. އަދި ސަރުކާރުން ތިބީ ޕާޓީތަކާ އެކު މަޝްވަރާއަށް ދާން ތައްޔާރަށް ކަމަށާއި އެއްވެސް ޕާޓީއަކާ ހަނގާ ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ކިބައިގައި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މަޝްވަރާއަށް ދިއުމުގެ މަގު ދިގު ކުރެއްވުމަށް އެކިއެކި ވާހަކަ ދެއްކެވުމުގެ ބަދަލުގައި ރައްޔިތުންނަށް ވެސް ދައްކަވަންވީ މިހާރު ތިމަންނަމެން ވެސް މަޝްވަރާ މިކުރަނީ މިކަހަލަ ކަންކަމުގައޭ، ރައްޔިތުންގެ މަސްލަހަތު މިވެނި ވަރަކަށް އޮތް ކަންތައްތަކެކޭ ހިފައިގެން މިދަނީ. ދެން ސަރުކާރުން މިކަންކަމަށް ކިހާވަރަކަށް އިޖާބަދޭތޯ ބެލުމަކީ މަޝްވަރާގެ މޭޒަށް އައިސްފައި ވާހަކަ ދައްކަންޖެހޭ ކަމެއް." ރައީސް ވިދާޅުވި އެވެ.

ސަރުކާރާ އެކު މަޝްވަރާ ކުރަން އިދިކޮޅު ޕާޓީތަކަށް ސަރުކާރުން ދައުވަތު ދީފައިވާއިރު ބައެއް ޕާޓީތަކުން މިހާރު ވަނީ އެ ދައުވަތު ގަބޫލުކޮށްފަ އެވެ. އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދިން ނަމަވެސް ދައުވަތު މިހާތަނަށް ގަބޫލުކޮށްފައިވަނީ ޖޭޕީން އެކަންޏެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ގޯސްކޮށް ކަމެއް ކުރާ ނަމަ އެކަމެއް ހައްލުކުރަން ދާނެ މުއައްސަސާތައް އެބަހުރި ކަމަށާއި އެކަން ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ ކަމެއް މަގުމަތިން ނިންމަން އުޅޭ ނަމަ އެއީ ރައްޔިތުންގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތެއް ކަމަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެއާ ޚިިލާފަށް ކަންކަން ކުރާ ނަމަ އެއީ ޑިމޮކްރެސީގެ އުސޫލުތައް ގަބޫލު ނުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އުސޫލުތަކަށް ތަބާވާ ނިޒާމެއް ޑިމޮކްރެސީއަކީ، އެ އުސޫލުތައް ގާއިމް މިކުރަނީ ރައްޔިތުންގެ މަންދޫބުންގެ އަޣުލަބިއްޔަތުން. ތަހްޒީބު މުޖްތަމައެއްގައި އަމަލުކުރާ އުސޫލަކީ މިއީ." ރައީސް ވިދާޅުވި އެވެ.