ކުޅިވަރު

ތަފާތަކަށްވީ މުޅި ޓީމު އެކުގައި ކުރި މަސައްކަތް: އަޝްފާގު

އޭއެފްސީ ކަޕްގައި، އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދުމުގައި އެންމެ ބޮޑު ތަފާތަކަށްވީ މުޅި ޓީމު އެކުގައި ކުރި މަސައްކަތް ކަމަށް ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.

ބެންގަލޫރުގެ ކަންޓީރަވާ ސްޓޭޑިއަމްގައި 1-0 ބެންގަލޫރު އަތުން ބަލިވުމަކީ، އަށް މަސް ފަހުން ނިއު އަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ. އޭގެ ހަފުތާއެއް ފަހުން މާލޭ ލީގްގައި އެ ޓީމުގެ ކުރީގެ ވާދަވެރިޔާ ވިކްޓަރީ އަތުން ބަލިވެ ޑޮމެސްޓިކް ސީޒަންގައިވެސް ބަލި ނުވެ ނިއުއިން ދަމަހައްޓަމުން އައި ރެކޯޑް ވެސް ނިމުމަކަށް އައެވެ. ނަމަވެސް އެ ދެ މެޗުން ބަލިވިޔަސް އޭގެ އަސަރެއް ބެންގަލޫރު މެޗުގައި ނިއުގެ ކިބައިން ނުފެނުނެވެ.

އެއާ ހިލާފަށް ބެންގަލޫރާ ދެކޮޅަށް އިއްޔަ މާލޭގައި ކުޅުނު މެޗުގައި، ނިއުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު ރޫހެކެވެ. މެޗުގެ ކުރިންވެސް ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ވެސް ބުނީ ނިއު އަކީ ބަލިވުމުން އެކަމުން ފިލާވަޅު ލިބިގަންނަން އެނގޭ ކުލަބެއް ކަމަށެވެ.

މެޗަށް ފަހު އަޝްފާގް ބުނީ، ބެންގަލުރު އަތުން ކާމިޔާބު ލިބުނީ މުޅި ޓީމުގެ މަސައްކަތުން ކަމަށާއި މުޅި ޓީމު މަސައަކަތް ކޮށްފިނަމަ ކޮންމެ ޓީމެއްވެސް ބަލި ކުރެވޭނެ ކަމަށެވެ.

"އަލްހަމްދުލިްލާހި މިއީ މުޅި ޓީމުގެ ހިތްވަރު، މިގޮތަށް މަސައްކަތް ކޮށްފިއްޔާ ހަމަ ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެ." މެޗަށް ފަހު ވާހަކަ ދައްކަމުން އަޝްފާގް ބުންޏެވެ.

އިއްޔަގެ މެޗުގައި ނިއުގެ ފުރަތަމަ ލަނޑު އަޝްފާގް ދިން ފުރުސަތަކުން ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) އެވެ. ނިއުގެ ހާފުގެ ތެރޭގައި ހުރެފައި އަޝްފާގް ސެންޓޭއަށް ބޯޅަ ދިނީ ބެންގަލޫރު ކުޅުންތެރިންގެ ބޯމަތިން ސެންޓޭއަށް ލިބޭނެ ގޮތަށެވެ.

ދެ ވަނަ ލަނޑު ދެ ވަނަ ހާފުގެ ފެށުނު ތަނުން އަޝްފާގް ކާމިޔާބު ކުރީ ބެންގަލުރުގެ ޑިފެންސަށް ހެދުނު މިސްޓޭކުގެ ފައިދާ ނަގައި އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަދެ އޭނަގެ ވާތު ފައިން ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ.

އެ ލަނޑަކީ އޭއެފްސީ ކަޕްގެ ތާރީހްގައި އޭނާ ޖެހި 15 ލަނޑެވެ.