ހަބަރު

އޭޑީކޭ ހޮސްޕިޓަލްގެ 80 އެނދުގެ އާ އިމާރާތް އަޅަން ޖައުސާއަށް

May 20, 2015
1

އޭޑީކޭ ހޮސްޕިޓަލުގައި 80 އެނދުގެ އާ އިމާރާތެއް އަޅަން ޖައުސާ ކޮންސްޓްރަކްޝަންއަށް މިއަދު ހަވާލުކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖައުސާ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ. އަދި ޖައުސާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖިލްވާޒް ޖައުފަރެވެ.

އޭޑީކޭ ހޮސްޕިޓަލް ހުރި އިމާރާތުގެ ތެރޭ (ކުރީގެ ފުޑް ކޯޓު) ހުރިތަނުގައި ހަދާ ނުވަ ބުރީގެ އިމާރާތުގެ މައުލޫމާތު ދެއްވަމުން، އައްފާލް ވިދާޅުވީ 18 މަސް ދުވަހުގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިމޭއިރު 3.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 55 މިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށެވެ.

"މި އިމާރާތުގެ ސަބަބުން ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ. އިމާރާތް ކުރުމަށް ޖައުސާއަށް ހަވާލުކުރީ އޯޕަން ބިޑް ޕްރޮސެސިންއެއްގެ ތެރެއިން އެންމެ ރަނގަޅު އަގެއް ހުށަހަޅާފައިވަނީ އެ ކުންފުނި ކަމަށްވާތީ،" އައްފާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް އިމާރާތްކުރާ ބައިގައި ހަދާ 80 އެނދު ވެސް ހުންނާނީ ވޯޑުތަކެއްގެ ގޮތުގައި ކަމަށެވެ.

"މިހާރު އާއްމުކޮށް ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ހުންނަ ވޯޑްތައް ހުންނަ ގޮތަކަށް ނޫން މި ވޯޑްތައް ހުންނާނީ. ވޯޑްތައް ހުންނަ ގޮތަކަށް ދޮރުފޮތި ގަނޑެއް ދަމާލުމުގެ ބަދަލުގައި އެތަނުން ހިދުމަތް ލިބޭ މީހުންނަށް ޕްރައިވެސީ ލިބޭ ގޮތަށް ވޯޑް ހަދާފައި ހުންނާނީ. އެހެންވެ އެ ތަނަށް އެޑްމިޓް ވާ މީހުންނަށް ޔަގީންކަން ލިބޭ ގޮތަކަށް ހުންނާނީ،" އައްފާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ އިމާރާތް ފަރުމާ ކުރުމަށް ރާއްޖޭގެ ބޮޑެތި އިންޖިނައިރުންނާއި ޖަރުމަނުވިލާތުގެ ކުންފުންޏެއްގެ ލަފާ ހޯދާފައިވާނެ ކަމަށެވެ.

"ޖަރުމަނުވިލާތުގެ ސީޑީއެމް ސްމިތް ކުންފުނިން ވަރަށް ގިނަ ސްޓޭޑަޑް ތަކެއް ކަނޑައަޅާ ދީފައިވޭ،" އައްފާލް ވިދާޅުވި އެވެ.