ވިޔަފާރި

ދުނިޔޭގެ ސްޕާ އެވޯޑުގެ އިންޑިޔާ ކަނޑުގެ ބަޔަށް ރާއްޖެ ނޮމިނޭޓް ވެއްޖެ

Apr 26, 2018

ޓޫރިޒަމް ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ "ވޯލްޓް ޓްރެވަލް ސްޕާ އެވޯޑު" ގެ އިންޑިއަން އޯޝަން ބަޔަށް ރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ދުނިޔޭގެ ސްޕާތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ދިނުމަށް އޮކްޓޫބަރު 26 ގައި ރާއްޖޭގެ ސެންޓް ރެޖިސް ވޮއްމުލި ރިސޯޓުގައި ބާއްވާއިރު، އިންޑިޔާ ކަނޑުގެ އެންމެ ރަނގަޅު ސްޕާގެ އެވޯޑަށް ރާއްޖެ ނޮމިނޭޓް ކޮށްފައިވާ ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑުން ދޭން ފެށި "ވޯލްޑް ސްޕާ" އެވޯޑަކީ މި ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މިއީ މި އެވޯޑު ދޭ ހަަތަރު ވަނަ އަހަރެވެ. ވޯލްޑް ޓްރެވަލް އެވޯޑް ދުނިޔޭގައި މަޝްހޫރުވެފައި އޮންނަނީ ޓޫރިޒަމް ދާއިރާގެ އޮސްކާ އެވޯޑުގެ ގޮތުގަ އެވެ.

މި އެވޯޑަށް އޮންލައިންކޮށް ވޯޓު ދެވޭއިރު، ވޯޓުލުން މެއި މަހުގެ އެކަކުން އޮގަސްޓް 17 އަށް އޮންނާނެ އެވެ.

ރާއްޖެއަކީ ދުނިޔޭގެ ސްޕާ އިންޑަސްޓްރީގެ ބްރޭންޑް ނަމަކެވެ. މިގޮތުން މޫދު އަޑީގައި ހުޅުވި ފުރަތަމަ ސްޕާ ހުޅުވީ ވެސް ރާއްޖޭގަ އެވެ. ދެހާސް ހަތަރު ވަނަ އަހަރު މިތަން ހުޅުވީ ހުވަފެންފުށި ރިސޯޓުގަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑުގެ ސްޕާ އެވޯޑު، ރާއްޖެއަށް 2015 ވަނަ އަހަރާއި 2016 އަދި 2017 ވަނަ އަހަރުވެސް ވަނީ ލިބިފަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑު ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކަށް ލިބެ އެވެ. މިގޮތުން ދުނިޔޭގެ އެންމެ ރޮމޭންޓިކް އެވޯޑާއި އެންމެ ހިތްގައިމު މަންޒިލް ފަދަ ވަނަތައް އަބަދުވެސް ލިބެނީ ރާއްޖެ އަށެވެ.