ހަބަރު

މޭޑޭ މުޒާހަރާގައި ފުލުހުން ސަފު ފަޅާލި ޕިކަޕުގެ ޑްރައިވަރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން ކޯޓަށް

May 20, 2015
1

މިމަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ޕިކަޕެއް ބޭނުންކޮށްގެން ފުލުހުންގެ ސަފު ފަޅާލި މައްސަލައިގައި ޕިކަޕު ދުއްވި މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މަސްމާރުކޭޓް ކައިރިން ފުލުހުންގެ ސަފު ފޫ އަޅުވާލުމަށް ފަހު ޕިކަޕު ދުއްވާފައި ދިޔަ މައްސަލައިގައި އެ ޕިކަޕުގެ ޑްރައިވަރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން މިއަދު ކޯޓަށް ފޮނުވިކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސަފު ފޫ އަޅުވާލުމަށް ފަހު ދިޔަ އެ ޕިކަޕު އެދުވަހު އަތުލައިގެންފައިވަނީ އިސްލާމީ މަރުކަޒު ކުރިމަތިންނެވެ. އޭގެފަހުން މުޒާހަރާތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރާ ނަމަ ފުލުހުންގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ފުލުހުން ވަނީ ހަދައިފަ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބޭ ޓެރަރިޒަމްގެ އަމަލެއް ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އެދުވަހުގެ މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން 30 މީހެއްގެ މައްޗަށް ވެސް ދައުވާކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވަނީ ވިދާޅުވެފަ އެވެ.