މީހުން

ހައިފާ: ދިވެހި ރެޑް ކްރެސެންޓްގެ ފުރަތަމަ އަންހެން ޑްރައިވަރު

މިއީ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ، ދިވެހި ރެޑް ކްރެސެންޓްގެ ޕްރޮގްރާމް މެނޭޖަރުގެ ބަހެވެ: "އަޅުގަނޑު މި ދާއިރާގައި މަސައްކަތްކުރާއިރު އަޅުގަނޑު ގަބޫލެއް ނުކުރަން ނުވަތަ ނުބަލަން އަޅުގަނޑަކީ އަންހެނެއް ކަމަކަށް. އަދި ފިރިހެނެއް ކަމަކަށް ވެސް. އަޅުގަނޑު ބަލަނީ ކުރަން ޖެހިއްޖެ ކޮންމެ މަސައްކަތެއް ވެސް ކުރަން ނުކުންނަން. ބަރު އެއްޗެއް އުފުއްލަން ޖެހުނަސް މައްސަލައެއް ނޯންނާނެ،"

މީހަކު ބަލިވެގެން ނުވަތަ ކުއްލި ހާލަތެއް ދިމާވެގެން އެމީހުންގެ އިމަޖެންސީ ރެސްޕޮންސް ޔުނިޓުގެ އެހީތެރިކަމަށް އެދިއްޖެ ނަމަ ދުންޖަހާލާފައި އެމްބިއުލާންސު ދުއްވަމުން އަންނަ މީހާއަށް ވެސް، އުމުރުން 33 އަހަރުގެ ހައިފާ ވެދާނެ އެވެ.

އޭނާ އަކީ ދިވެހި ރެޑް ކްރެސެންޓުން އެމީހުންގެ އިމަޖެންސީ ރެސްޕޮންސް ޓީމުން ބޭނުންކުރާ އެމްބިއުލާންސް ދުއްވަން ކަނޑައަޅާފައި ތިބޭ ވޮލިންޓިއަރުންގެ ތެރެއިން އެކަކެވެ. އޭނާގެ ވާހަކަ ދެން ތިބި އެހެން ޑްރައިވަރުންނާއި ވޮލިންޓިއަރުންނަށް ވުރެ ތަފާތުވާ ސަބަބަކީ މިގޮތަށް ނުކުމެ އެމްބިއުލާންސްގެ ޑްރައިވިން ސީޓުގައި އިށީން ފުރަތަމަ ދިވެހި އަންހެނާއަށް އޭނާވީމަ އެވެ.

ރެޑް ކްރެސެންޓާ އެކު މަސައްކަތްކުރާތާ ދެ އަހަރުވެފައިވާ ޕްރޮގްރާމު މެނޭޖަރަކު، އަދި މީގެ ކުރިން ދުވަހަކު ވެސް ދުއްވާ އުޅަނދެއްގެ ހުންގާނާ ހަވާލުވެފައި ނެތް ފަރާތެއް، އެތައް ދުވަހެއްގެ މަސައްކަތުން އެމްބިއުލާންސެއް ދުއްވާ މީހަކަށް ވެވަޑައިގަތީ ކީއްވެގެން ހެއްޔެވެ؟

"އަޅުގަނޑަކީ ހަގީގަތުގައި މިފަދަ އުޅަނދުތައް ދުއްވުމާ ވަރަށް ދެކޮޅު މީހެއް. އެއީ އެއިން ތިމާވެއްޓަށް ލިބޭ ގެއްލުން އެނގޭތީ. އެހެންވީމަ އަޅުގަނޑަކީ އަބަދުވެސް ހިނގާފައި އުޅުނު މީހެއް،" ހައިފާ ކިޔައި ދެއްވި އެވެ. އެކަމަކު އަންހެނެއްގެ ގޮތުގައި އެމްބިއުލާންސެއް ދުއްވަން އެރުން މުހިންމު ކަމަކަށް ވާތީ ހިތަށް އެރީ މިކަން ވެސް އެބަޖެހެއޭ ކުރަން،"

އޭނާ ބުނީ ވިސްނައިދޭން ބޭނުންވާ ފިކުރަނީ ކުއްލި ހާލަތެއްގައި ބޭނުންކުރާ އެމްބިއުލާންސެއް ދުއްވަން ވެސް އަންހެނަކަށް އިނދެވިދާނެ ކަމެވެ.

"މިފަދަ ފުރުސަތުތައް އަޅުގަނޑުމެން ހުޅުވާލީމަ ވޮލިންޓިއަރުންގެ ގޮތުގައި އަބަދުވެސް ކުރިމަތިލަނީ ފިރިހެން ކުދިން. ދެން ހިތަށް ކީއްވެހޭ އަންހެނަކު މިކަމަށް ނުނިކުންނަންވީ؟"

"މި މޫވްމަންޓަކީ ވަކި ޖިންސަކަށް ހާއްސަކަމެއް ދޭ ހަރަކާތެއް ނޫން. އެހެންވީމަ އަންހެންވެރިން މި ދާއިރާ އަށް ނެރެން އެބަޖެހެއޭ ހިތަށް އެރީ އެމީހުންނަށް އެ ހިތްވަރު ދީގެން ނަމަވެސް"

"އެހެންވީމަ މިއީ އަޅުގަނޑު އަމިއްލަ އަށް މިކަމަށް އިސްނަގައިގެން މިކަމަށް ނުކުތް އަސްލު ސަބަބަކީ،"

އެކަމަކު ދުވަހަކު ވެސް ދުއްވާ އުޅަނދެއްގެ ކޮންޓްރޯލް ބެލެހެއްޓި މީހަކަށް ނުވީމަ ހައިފާ އަށް ޖެހުނީ އޭނާގެ މި ދަތުރު ސުމަކުން ފަށާށެވެ. އޭނާގެ އެ ދަތުރު ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް މިހާރު އެ ވަނީ ލައިސަންސްގެ މަރުހަލާ ފުރިހަމަކޮށް ޕްރޮބޭޝަން ލައިސަންސް ނަގައިފަ އެވެ.

އެއަށް ފަހު އޭނާ ވަނީ އިމަޖެންސީ ރެސްޕޮންސް ޓީމުގެ އެމްބިއުލާންސް ޑްރައިވަރުގެ ގޮތުގައި މި މަހުގެ އަށް ވަނަ ދުވަހު ފީލްޑަށް ވެސް ނުކުމެވަޑައިގެންފަ އެވެ. އެއީ ކަސްޓަމްސް އިން ބޭއްވި ހަރަކާތަކަށެވެ.

"އެކަމަކު އަދި ބަލި މީހަކު ނުވަތަ ކުއްލި ހާލަތެއް ދިމާވެގެން މީހަކު ނުވަތަ ބަޔަކު ގޮވައިގެން ބާރަށް ދުއްވާލާނެ ކަހަލަ ފުރުސަތެއް ލިބިފައެއް ނެތް،" ހައިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑްރައިވަރުންގެ ގޮތުގައި ތިބޭ ވޮލިންޓިއަރުން ޑިއުޓީތަކަށް ބަހާލާފައި ހުންނައިރު އެ ޑިއުޓީ ޓޭބަލްގައި އޭނާގެ ނަން ވެސް އޮންނާނެ ކަމަށެވެ.

"މީހަކު ނެތިއްޖެ ނަމަ އަޅުގަނޑު ގޮސްދާނެ ކުއްލި ހާލަތެއްގައި ވެސް،"

ހައިފާ ވިދާޅުވީ އަންހެނުންނަށް ހިތްވަރު ދިނުމުގެ ބޭނުމުގައި އަދި އިންސާނީ ހިދުމަތެއްގެ ގޮތުގައި މިކަމަށް އަމިއްލަ ގޮތުން ނުކުމެ ތަމްރީން ހަދައިގެން ޑްރައިވިން ސީޓަށް އަރައި އިންނަސް މިހާރު ފަސޭހަޔަސް ރާއްޖެ ކަހަލަ މުޖުތަމައެއްގައި މިފަދަ ކަމެއް ހާސިލުކުރަން ނުކުންނަ އަންހެން މީހާ އަށް ވަރަށް ގިނަ ފުރައްސާރަ އާއި މަލާމާތާއި ހުރަސްތައް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ހައިފާ ވަނީ ޑްރައިވިން ލައިސަންސް ނެގުމަށް ކުރި ދަތުރުގައި އެކަން އަމިއްލަ އަށް ތަޖުރިބާ ވެސްކޮށްފަ އެވެ. އޭނާ ވިދާޅުވީ އަންހެނަކު އެގޮތަށް ނުކުތީމަ ކުދި ގޮވާއަޑާއި އެފަދަ މަންޒަރު ފެންނަ ކަމަށެވެ.

"އަޅުގަނޑު ޑްރައިވިން ލައިސަންސް ނަގަން އުޅުނުއިރު ނުދޭ ދުވަހެއް އާންމުންގެ ފަރާތުން ކޮންމެ ވެސް މީހަކު ކޮންމެވެސް އެއްޗެކޭ ނުބުނާ ދުވަހެއް. އަންހެނަކު ވެހިކަލްއެއް ޑްރައިވްކުރަން ދަސްކުރަން އުޅޭތީ އެކަމާ ހައިރާންވެގެން ތިބޭ މީހުން. ކޮންމެ ދުވަހަކު ވެސް އޭގެ މީހުންނާ ދިމާވި،" ހައިފާ ވިދާޅުވި އެވެ.

"ދަސްކޮށްދޭން ތިބި ފިރިހެން އިންސްޓްރަކްޓަރުންނަށް އުނދަގޫވާ ވަރަށް ވެސް މީހުންތައް އެއްޗެހި ގޮވާލާ. އެމީހުން ވެސް ބުނޭ ވަރަށް ބެހޭ ދޯ އޭ."

"އެކަމަކު ކޮބައިހޭ މައްސަލައަކީ އަންހެނަކު މި މަސައްކަތް ކުރިޔަސް؟"

އެފަދަ ފަރާތްތަކާ ހައިފާ ކުރައްވަވާ ސުވާލަކީ މިއީ އެވެ.

އޭނާ ބުނީ އަންހެނުންގެ ތެރެއިން ބަޔަކަށް ފުރުސަތު ހޯދައި ދިނުމަށް ނުވަތަ ހިތްވަރެއް ދިނުމުގެ ބޭނުމުގައި އޭނާ ކުރި މި މަސައްކަތާ ހެދި އަދި ދައްކާ ވާހަކައަކުން އޭނާ ފެމިނިސްޓަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑަކީ ފެމިނިސްޓެއް ނޫން. ވަކި އަންހެނުންގެ ހައްގަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ވެސް ނޫން. އެކަމަކު އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމަށް މަސައްކަތްކުރާ ފަރާތެއް،" ހައިފާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަބަދުވެސް އިވެނީ އަންހެނުންނަށް ކުރާ ގެވެށި އަނިޔާ އާއި ކުޑަ އަންހެން ކުދިންނަށް ކުރާ އަނިޔާގެ ވާހަކަ. އެކަމަކު ކޮބައިތޯ އަނިޔާ ލިބޭ ފިރިހެނުން؟ އެމީހުންގެ އަދަދު ވެސް ހައިރާންވާހާ މަތީގައި އެއޮތީ."

"އެހެންވީމަ ވަކި ޖިންސަކަށް ހެޔޮއެދިގެން އަޅުގަނޑު މަސައްކަތްކުރަނީކީއެއް ނޫން. ހަމަހަމަކަމަށް ގަބޫލުކުރަނީ."

ބައެއް މީހުން ހިތަށް އަރާފާނެ އެވެ. އަންހެނަކަށް ވީމަ މި ރާއްޖޭގައި ނުލިބެނީ  ކޮން ހައްގެއް ހެއްޔެވެ؟ ހައިފާ އިމާދު އެމްބިއުލާންސެއްގެ ޑްރައިވަރަކަށް ވާން ބޭނުންވީމަ އެކަން ވެސް އެ ވީ އެވެ.

ނަމަވެސް ހައިފާ ގަބޫލުކުރައްވާ ގޮތް ތަފާތެވެ.

"ބައެއް ފަހަރަށް ވާ ގޮތަކީ ފުރުސަތުތަކަށް ބައެއް އަންހެނުން ކުރިމަތިނުލަނީ ނުވަތަ މުޖުތަމައުން ކުރިމަތިވެފައިވާ ހުރަސްތަކަކާ ހެދި ކުރިމަތިލާން ހިތްވަރެއް ނުލިބެނީ ނުވަތަ ބަޔަކު ހިތްވަރު ވެސް ނުދެނީ،" ހައިފާ ވިދާޅުވީ މިހެންނެވެ.

އެއަށް ފަހު ވިދާޅުވީ އަމިއްލަ އަށް އިސްނަގައިގެން އެމްބިއުލާންސްގެ ޑްރައިވަރަކަށް އޭނާ ވުމުން އިތުރު އެހެން އަންހެން ކުދިން ވެސް މިހާރު އެކަމަށް ނުކުމެފައިވާ ކަމަށެވެ.

އެހެންވީމަ ދިވެހި ރެޑް ކްރެސެންޓުގެ ހެލްމެޓު އަޅުއްވައިގެން ހައިފާ އިމާދު ދުންޖަހާފައި އެ ގެންދަވަނީ ތާރީޚު ލިޔުއްވަމުންނެއް ނޫން ހެއްޔެވެ؟