ދުނިޔެ

އިންޑިއާގެ ސަރަހައްދަކަށް އެއް ދުވަހު 36749 ފަހަރު ހޮނު

އިންޑިއާގެ ދެކުނުގެ އަންދުރަޕްރަދޭޝް ސްޓޭޓަށް 13 ގަޑިއިރުގެ ތެރޭގައި 36749 ފަހަރު ހޮނުއަޅައިފިއެވެ.

އިންޑިއާގެ ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ ހޮނުއެޅުމުގެ ހާދިސާތަކުގައި އުމުރުުން ނުވަ އަހަރުގެ ކުޑަ ކުއްޖަކާއި އަށް މީހުން މަރުވި ކަމަށެވެ.

ވިއްސާރަމޫސުމުގައި އިންޑިއާއަށް ހޮނުއެޅުމަކީ އާއްމު ކަމެކެވެ. އެކަމަކު އެންމެ 13 ގަޑި އިރުގެ ތެރޭގައި ހޮނުއެޅުމުގެ މިހާ ގިނަ ހާދިސާ ހިނގުމަކީ މޫސުމަށް އައި ބޮޑު އަދި އާދަޔާ ހިލާފު ބަދަލެއް ކަމަށް އިންޑިއާގެ ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުންޏެވެ.

އިންޑިއާގައި ވިއްސާރަމޫސުން އާއްމުގޮތެއްގައި ފެށެނީ ޖޫންމަހުގެ ތެރޭގައެވެ. ނަމަވެސް ވިއްސާރަމޫސުމުގައި އާއްމުކޮށް ހިނގާ ކަމެއް ކަމަށްވާ ހޮނުއެޅުމުގެ ހާދިސާތައް އަންދުރަޕްރަދޭޝްގައި އާއްމު ކަމެކެވެ. އާދަޔާ ހިލާފު ކަމަކީ މިހާ ގިނައިން ހޮނުއެޅުމެވެ. ކުރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މޭމަހު ، މުޅި މަސްދުވަހުވެސް އެސަރަހައްދަށް ހޮނު އެޅީ 30000 ފަހަރުއެވެ.

ހޮނުއެޅުން ގިނަވަނީ ކީއްވެ؟

ވިއްސާރަމޫސުން ފެށުމުގެ ކުރިން އަންދުރަޕްރަދޭޝްއަށް ހޮނުއެޅުން ގިނަވުމަކީ އާއްމުކަމެކެވެ. އެހެން ނަމަވެސް މިއަހަަރު އެކަން އާދަޔާ ހިލާފު މިންވަރަކަށް އިތުރުވި ސަބަބެއް ކަމަށް މޫސުން ދިރާސާ ކުރާ މާހިރުންް ގަބޫލުކުރައްވަނީ އަރަބި ކަނޑުން އައި ފިނި ވައި އިންޑިއާގެ އުތުރު ސަރަހައްދުން އައި ހޫނު ވަޔާ ގުޅުމެވެ. އިންޑިއާގެ އުތުރުން އައި ވައި އެހާ ހޫނުވީ ދުނިޔެ ހޫނުވަމުންދާތީ ކަމަށް ވެސް މާހިރުން ދެކެވަޑައިގަންްނަަވައެވެ.

" މިއަހަރު އަރަބި ކަނޑުގެ ފިނި ވައި ގުޅުނީ އުތުރު އިންޑިއާގެ ހޫނުވަޔާ. އެހެންވެ ގިނަ ވިލާ އުފެދޭ ފަދަ މާހައުލެއް އުފެދުނީ،" އަންދުރަ ޕްރަދޭޝްގެ އިމަޖެންސީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ވެރިޔާ ކިޝަން ސާންކޫ ބީބީސީއަށް ވިދާޅުވެފައި ވެއެވެ.