ހަބަރު

މަލީހަށްވީ ގޮތް މަލީހަށް ވެސް ނޭނގޭ!

May 20, 2015
7

މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް މިވީ ކިހިނެއް ހެއްޔެވެ؟ އެންމެ ފަހުން އޭނާ ޓްވިޓާއަށް ދޫކޮށްލާފައި ވަނީ "ގްރޭޓް ނިއުސް" މިހެނެ. އޭގެ ފަހުން ކުއްލި ގޮތަކަށް ޔޫތު މިނިސްޓަރު ކަމަށް މިއަދު އާ ބޭފުޅަކު ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވީ މިނިސްޓަރު ކަމުން މަލީހު ވަކި ކުރެއްވުމަށްފަހު އެވެ.

މިހާރު އަޑުތައް ފެތުރިފައިވަނީ މަގާމު ގެއްލި ވަޑައިގެންނެވި އިރު ވެސް މަލީހަށް އެކަން އެނގި ވަޑައި ނުގަންނަވާ ކަމަށެވެ. އަދި މަލީހު ވަޑައިގެންނެވި ތަނެއް ވެސް އެނގޭ މީހަކު ނެތް ކަމަށެވެ.

މަލީހު މަގާމު ވަކި ކުރައްވައި އެ މަގާމަށް ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ޒުހޫރު އައްޔަން ކުރައްވައިފިކަން މަލީހަށް މިއަދު އެނގި ވަޑައިގަތް ކަމަށް ވަނީ އެ ހަބަރު މީޑީއާއިން ބްރޭކްކޮށް ޝޯޝަލް މީޑިއާގައި ބާރަށް ފެތުރިގަތް ހިސާބުންނެވެ.

ކުއްލި މި ބަދަލު އާއިރު ކެބިނެޓް ބަދަލެއް އަންނަ ކަމުގެ އިޝާރާތެއް ވެސް ވެފައި ނެތެވެ. ހުރިހާ ތަނެއް ހުޅުވައި ބޯ ކޮއްޕާ ޝޯޝަލް މީޑިއާއަށް ވެސް އެކަން ރޭކާލާފައެއް ވެސް ނެތެވެ،

"މަލީހަށް އެއްވެސް ކަމެއް ދުރާލާ ވެސް އަދި ހެނދުނު ވެސް އެނގިވަޑައިގެންފައެއް ނެތް. އެ ހަބަރު އެނގި ވަޑައިގެންނެވީ މީޑީއާއިން ބުރޭކް ކުރި ހިސާބުން. އަސްލު މަލީހަށް ވީ ގޮތް މަލީހަށް ވެސް ނޭނގޭ،" މަލީހުގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.

މީގެ މަސްތަކެއް ކުރިން ވެސް މަގާމު ގެއްލި ދާނެ ކަމުގެ އަޑުތައް ފެތުރިފައިވާ މަލީހާއި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ދެބެންގެ ދެދަރި ދެބޭފުޅުންނެވެ. މިއަދު ކުއްލި ގޮތަކަށް މަގާމުން ވަކި ކުރެއްވި އިރު ސުނާމީ ބިނާ ސަރަހައްދުގައި ހެނދުނު އޮތް، މާލެ/ ހުޅުމާޅެ ބްރިޖް މަޝްރޫއުގެ ބޯހޯލް ތޮރުފުމުގެ ރަސްމިޔާތަށް ވަޑައިގެންނެވި ވަޒީރުންނާއެކު ވެސް މަލީހު ބައިވެރިވެ ވަޑައިގެންނެވި އެވެ. އެތާނގައި ވަޒީރުންނާއެކު ވާހަކަފުޅު ދައްކަވާ ސަމާސާވެސް ކުރެއްވި އެވެ. އއޭގެ ފަހުން މިނިސްޓްރީއަށް ވަޑައިގެން މީޓީންތައް ހައްދަވާ ބައެއް ވެރިންނާ ބައްދަލު ކުރައްވާވެސް ހެއްދެވި ކަމަށް ވެއެވެ.

"އޭގެ ފަހުން ހިނގި ހުރިހާ ކަމެއް ހިނގައިދިޔައީ. މަލީހަށް އެ ހަބަރު ލިބި ވަޑައިގެންނެވުމުން ލަސް ނުކުރައްވާ މިނިސްޓްރީ ނުކުމެ ވަޑައިގެންފި،" މިނިސްޓްރީގައި މަސައްކަތް ކުރައްވާ ސީނިއާ ބޭފުޅަކު ވިދާޅުވި އެވެ.

މަލީހަށް ވީ ގޮތެއް ނޭނގެ އެވެ. އެހެން މަގާމެއް އޮފާ ކުރެއްވީ ކަމެއް ވެސް އަދި ސަރުކާރާ މުޅިން ވަކިވެ ވަޑައިގެން ގެއަށް ވަޑައިގެންނެވީ ކަމެއް ވެސް ނޭނގެ އެވެ. އަޑު ފެތުރިފައި އޮންނަ ގޮތުން މީގެ ކުރިން ރައީސް ޔާމީން ވަނީ މަލީހަށް ހެލްތު މިނިސްޓަރުކަން ހުށަހަޅުއްވާފައެވެ. ނަމަވެސް އެއީ މަލީހު އެހާ ރުހިވަޑައިގަންނަވާ މަގާމަކަށް ނުވާތީ އެ މަގާމު ގަބޫލު ފުޅު ނުކުރައްވާ ދޫކޮށްލެއްވީ އެވެ. އެހެން ކަމުން މިއަދު މަލީހަށް ލިބި ވަޑައިގެންނެވީ "ގްރޭޓް ނިއުސް" ކަމެއް "ބޭޑް ނިއުސް" އެއް ކަމެއް ނޭނގެ އެވެ.