ދުނިޔެ

ދެކޮރެއާގެ ވެރިންގެ ބައްދަލުވުމަށް ބޮޑު ތައުރީފެއް

އުތުރުކޮރެއާގެ ލީޑަރު ކިމްޖޮންއުންއާއި ދެކުނު ކޮރެއާގެ ރައީސް މޫންޖައިއިން ހުކުރު ދުވަހު ބޭއްވެވި ތާރީހީ ބައްދަލުވުމަށް އުތުރުކޮރެއާ ސަރުކާރުގެ ނިއުސް އެޖެންސީ ( ކޭސީއެންއޭ) އިން ވަރަށް ބޮޑަށް ތައުރީފު ކޮށްފިއެވެ.

އުތުރުކޮރެއާ ސަރުކާރުގެ މީޑިއާއިން ބުނީ ދެލީޑަރުންގެ ތާރީހީ ބައްދަލުވުމަކީ ކޮރެއަން ޕެނިންސިއުލާއާއަށް އާ ޒަމާނެއް ގެނެސްދޭނެ ބައްދަލުވުމެއް ކަމަށެވެ. އަދި ބުނީ އެއީ ތަރައްގީއާއި ކުރިއެރުމުގެ މަގުގައި ދެގައުމުން ހާސިލުކުރި މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ.

ދެކޮރެއާގެ ވެރިންގެ ބައްދަލުވުމަށް ދެގައުމުގެ މީޑިއާގެ އިތުރުން ޗައިނާއާއި އެމެރިކާއިން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

ދެކޮރެއާގެ ވެރިން އިއްޔެގައި ބޭއްވި ބައްދަލުވުމުގައި ސަރަހައްދީ ސުލްހައަށް ޓަކައި ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ.

އެއްބަސްވުމުގައި އޮތީ ކޮން ކަންތައްތަކެއް؟

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާއި ދެކުނުކޮރެއާގެ ރައީސް މޫން ޖައި އިން ސޮއިކުރެއްވި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކޮރެއަން ޕެނިންސިއުލާއިން ނިއުކްލިއަ ހަތިޔާރު ނައްތާލައި އެ ސަރަހައްދު އަމާން ތަނަކަށް ހެދުމެވެ. ނަމަވެސް އެ ނިއުކްލިއަ ހަތިޔާރު ނައްތައިލުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލެއް އެ އެއްބަސްވުމެއްގައި ނެތެވެ.

އެއްބަސްވުމުގައި ހިމެނޭ މުހިއްމު ނުކުތާތަކަކީ:

ދެގައުމުގެ ދެމެދުގައި ދެކޮޅުވެރިކަމުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން

ދެގައުމު ގުޅޭ ސަރަހައްދުގައިވާ ޑީމިލިޓަަރައިޒްޑް ޒޯން ( އަސްކަރި ހަރަކާތް ހިންގުން މަނާ ސަރަހައްދު) ސުލްހައިގެ ސަރަހައްދަކަށް ބަދަލުކުރުން

އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ސަރަހައްދުން ހަތިޔާރު މަދުކުރުން

ދެކޮރެއާ ބައިވުމުގެ ސަބަބުން ވަކިވެފައިވާ އާއިލާތައް އަލުން ބައްދަލުކުރުމުގެ ކަންތައް އިންްތިޒާމްކުރުން

ޒަމާނީ ރެއިލްވޭ ނިޒާމަކުން ދެގައުމު ގުޅައިލުން

ބައިނަލް އަގުވާމީ ކުޅިވަރު ހަރަކާތްތަކުގައި ދެގައުމު ގުޅިގެން ބައިވެރިވުން

ބައްދަލުވުން ކުރިއަށް ދިޔައީ ކިހިނެތް؟

ބައްދަލުވުމަށްޓަކައި ދެގައުމުގެ ލީޑަރުން ވަޑައިގެންނެވީ ދެކޮރެއާ ދެމެދު އޮންނަ އަސްކަރީ ހަރަކާތްތައް ހިންގުން މަނާ ސަރަހައްދަށެެވެ. އެތަނުގައި އޮތް ފުރަތަމަ ރަސްމިއްޔާތަކީ ދެލީޑަރުންވެސް ސަރަހައްދީ ރޮނގު ހުރަސްކުރައްވައި އަނެެއް ގައުމުގެ ސަރަހައްދަށް ވެދެވަޑައިގެންނެވުމެވެ. އެކަން ކުރިއަށް ދިޔަ އިރު އުތުރުކޮރެއާގެ ލީޑަރު ކިމްޖޮންއުން އާއި ދެކުނުކޮރެއާގެ ލީޑަރު މޫން ޖައި އިން ތިއްބެވި އަތުގުޅާލައްވައިގެންނެވެ. އެއަށް ފަހު ގާޑް އޮފް އޮނާއެއް އެރުވުންް އޮތެވެ. ދެން ދެބޭފުޅުން ވަޑައިގެންނެވީ އަސްކަރީ ހަރަކާތް ހިންގުން މަނާ ސަރަހައްދުގައި ދެކުނުކޮރެއާ ފަޅީގައިވާ ޕަންްމުންޖޮމް އަވަށުގައިވާ ޕީސް ހައުސް ގައެވެ.

ބައްދަލުކުރުއްވުމުގައި މޫންއާ ސަމާސާ ކުރެއްވުމުގެ ގޮތުން ކިމް ވިދާޅުވީ އުތުރުގެ ނިއުކްލިއަ ޓެސްޓްތަކާ ހެދި މޫންއަށް ހެނދުނު އަވަހަށް ހޭފުޅު ލައްވަން ޖެހިވަޑައިގެންނެވީތީ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

" އަޅުގަނޑު އަޑުއަހާފައިވާ ގޮތުގައި ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުންތަކަށް ހެނދުނާ ވަޑައިގަންނަވަން ޖެހިވަަޑައިގެން މަނިކުފާނުގެ އަވަހާރަފުޅު ލެއްޕެވުމަަށް ވަނީ ދަތިވެފައި. އަވަހާރަފުޅަށް ދަތިނުވާނެކަން އަޅުގަނޑު ކަށަވަރުކުރާނަން،" ކިމް ވިދާޅުވި ކަމަށް ނޫސްތަކުގައި ވެއެވެ.