ހަބަރު

މަޝްރޫއުތަކަށް ސައުދީ އިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު ދީފި

އައިއިހެވަން މަޝްރޫއުގެ ފީސިބިލިޓީގެ މަސައްކަތަށާއި އެހެން ވެސް އިގްތިސާދީ މަޝްރޫއުތަކަށް ސައުދީ ސަރުކާރުން ރާއްޖެ އަށް އިތުރު ދެ މިލިއަން ޑޮލަރު (30.8 މިލިއަން ރުފިޔާ) ދީފި އެވެ.

ފިޝަރީޒް މިނިސްޓަރު މުހައްމަދު ސައިނީ މިއަދު، "އަވަސް" އަށް ވިދާޅުވީ އައިހެވަންގެ ފީސިބިލިޓީގެ ކަންކަން ކުރުމަށް ސައުދީ އިން ދެއްވީ އެއް މިލިއަން ޑޮލަރު ކަމަށެވެ. އަދި ރައީސް އިސްކަން ދެއްވާ އިގްތިސާދީ އެހެން ޕްރޮޖެކްޓްތަކަށް އިތުރު އެއް މިލިއަން ޑޮލަރު ދެއްވި ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖުމްލަ ދެ މިލިއަން ޑޮލަރު އިއްޔެ ވަނީ ދައުލަތަށް ލިބިފަ އެވެ.

"މިކަމުގެ ސަބަބުން އެނގިގެން ދެނީ ސައުދީ އިން ރާއްޖެއަށް ކުރައްވާ އިތުބާރު. އަދި ރައީސް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ކާމިޔާބުވި މިންވަރު. މީގެ ސަބަބުން ސަރުކާރުގެ އިގްތިސާދީ މަސައްކަތްތަކަށް ބާރެއް ލިބޭނެ،" ޝައިނީ ވިދާޅުވި އެވެ.

މި މަހުގެ ކުރީކޮޅު ސައުދީ އިން ވަނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި ދޭން އެއްބަސްވި، 20 މިލިއަން ޑޮލަރު ވެސް ހަމަޖައްސައިދީފަ އެވެ.

ރައީސް ޔާމީން މިދިޔަ މާޗް މަހު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ ފަންޑްގެ އެހީގައި ރާއްޖޭގެ އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫއަށާއި އާ ދާއިރާތަކަށް ސައުދީ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް އެ ގައުމުގެ ރަސްގެފާނު ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.