ދުނިޔެ

އެމިރޭޓްސް އިން ފުރާ މީހާ ހުރި ތަނަށް ގޮސް ޗެކިން ކޮށްދެނީ

Apr 28, 2018

އެމިރޭޓްސް އެއާލައިނުން ދުބާއީގައި ދަތުރުކުރާ މީހުން ހުރި ތަނަށް ގޮސް ޗެކް-އިން ކޮށްދޭން ފަށައިފި އެވެ.

މުޅިން އަލަށް ފެށި މި ހިދުމަތް ދުބާއީގެ ކޮންމެ ހިސާބެއްގައި ތިބި ބަޔަކަށް ވެސް އެ އެއާލައިނުން ދޭނެ އެވެ. އަދި މި ހިދުމަތް ކޮންމެ ހުރިހާ ކްލާހެއްގެ މީހުންނަށް ވެސް ލިބޭނެ އެވެ.

އެމިރޭޓްސް އެއާލައިނުން ބުނި ގޮތުގައި "ހޯމް ޗެކް-އިން" ގެ ހިދުމަތަށް ދޭނީ ދަތުރުވެރިޔާ ހުރި ތަނަށް ގޮސް އެއާލައިންގެ މުވައްޒަފުންނެވެ. މިގޮތުން އެކަމަށް ހާއްސަ އެޖެންޓުން ހާއްސަ އުޅަނދުތަކެއްގައި ގޮސް ލަގެޖުގެ ބަރުދަން ބަލައި ބޯޑިން ޕާސް ވެސް ދަތުރުވެރިޔާގެ އަތަށް ދޭނެ އެވެ. މި ހިދުމަތް ހޯދާ މީހުން ދެން އިތުރަށް މަޑުނުކޮށް އެއާޕޯޓުގައި ސީދާ އިމިގްރޭޝަނަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ އެ އާލައިނުން ބުނެފައިވެ އެވެ.

އެ އެއާލައިނުން ބުނީ ހޯމް ޗެކް-އިން ހިދުމަތް ލިބޭނީ އެ ކަމަށް ހާއްސަ ފީއެއް ދެއްކުމުންނެވެ ފީއެއްގެ ގޮތުގައި ހަތް ލަގެޖަށް ވުރެ މަދުނަމަ 350 ދީނާރު (ގާތްގަނޑަކަށް 1473ރ) ގެ ފީއެއް ނަގާނެ އެވެ. އަދި ލަގެޖުގެ އަދަދު ހަތަކަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް 35 ދީނާރު (147ރ) ނަގާނެ އެވެ.

އެމިރޭޓްސް އެއާލައިނުން އެއާލައިންގެ ވެބްސައިޓު މެދުވެރިކޮށް ދޭ މި ހިދުމަތް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޓެސްޓް ކުރަމުންދާ ކަމަށެވެ.- މައުލޫމާތު: ސައޫދީ ގެޒެޓް