ވިޔަފާރި

ބީއެމްއެލްގެ ފުރަތަމަ ކުއާޓާގެ ފައިދާ 11 ޕަސެންޓް އިތުރުވެއްޖެ

ގައުމީ ބޭންކް، ބީއެމްއެލްއަށް މިއަަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 11 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން މިއަދު އާންމު ކުރި، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ހިސާބުތަކުގައިވާ ގޮތުގައި، ހިންގުމުގެ ފައިދާގެ ގޮތުގައި 388.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 356.2 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. މިއީ ތިން ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ދައުލަތަށް ދެއްކި 96.2 މިލިއަން ރުފިޔާ އުނިކުރުމުން ސާފު ފައިދާގެ ގޮތުގައި 259.10 މިލިއަން ރުފިޔާ ވަނީ ބީއެމްއެލްއަށް ލިބިފަ އެވެ.

ލޯނު ދޫކުރެވުނު ނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެ، އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ 2017 ވަނަ އަހަރު ނިމުނު އިރު ހުރި ނިސްބަތްކަމަށްވާ 4.1 ޕަސެންޓުން 3.2 ޕަސެންޓަށް ދަށްކުރެވިފައި ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ބުނީ ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީ މިންވަރެއްގައި ހިފަހެއްޓިފައިވާ ކަމަށެވެ.

"ކާމިޔާބުކަމާއެކު މިއަހަރު ފެށުނީތީވެ އަޅުގަނޑުމެން މިތިބީ ވަރަށް ހިތްހަމަޖެހިފަ. މިއީ ގިނަ މަސައްކަތްތަކެއް ކުރެވުނު
ކުއާޓަރެއް. އަދި މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މި ބާރުމިނުގައި މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދޭނަން. މިދިޔަ ކުއާޓަރ އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު ކުއާޓަރ އެއް ނަމަވެސް އަޅުގަނޑުމެންގެ މުވަައްޒަފުން ވަނީ ފާހަގަކޮށްލެވޭ ފަދަ ހީވާގި މަސައްކަތްތަކެއް ކޮށްފަ. ޚާއްސަކޮށް، އަޅުގަނޑުމެން ޚިދުމަތްދޭ މުޖުތަމައުތަކާ އޮތް ގާތްކަން އިތުރުކޮށް މުޖުތަމައުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރުމަށް ފެބްރުއަރީ މަހު ހިންގުނު 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ތަފާތު 28 ހަރަކާތް ފާހަގަކޮށްލެވޭ،" ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ޖޭހީލީ ވިދާޅުވި އެވެ.

މި އަހަރުވެސް ބީއެމްއެލް އިން ދަނީ މުޖުތައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމް ކުރިއަށް ގެންދަމުން އެވެ. އަދި މިދިޔަ ފެބްރުވަރީ މަހު އެކަނިވެސް 'އަހަރެންގެ ބޭންކް' ގެ ދަށުން 28 ހަރަކާތްތަކެއް ވަނީ ހިންގާފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު މި ހަރާކަތްތައް މެދުވެރިކޮށް ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ދާއިރާގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 95 އޭޓީއެމް، 5000 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.