ހަބަރު

ރޯދަ އެލަވަންސް ހަމަހަމަ ކުރަން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައެއް މެންބަރު ދެކޮޅު

May 20, 2015
4

ރޯދަ އެލަވަންސް 3،000ރ. އަށް ހަމަޖައްސައި އެންމެނަށް ހަމަހަމަ ކުރުމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން ހުށަހަޅާފައިވާ އިސްލާހާ މެދު އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައެއް މެންބަރުން، ދެކޮޅު ހައްދަވައި ހިޔާލުފާޅު ކުރައްވަން ފައްޓަވައިފި އެވެ.

ޕީޕީއެމްއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ރޯދަ އެލަވަންސް ހަމަޖައްސަން ހުށަހަޅާފައިވާގޮތާ މެދު ޕީޕީއެމްގެ ޕީޖީގެ މެދުގައި ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑަށް ވަނީ އުފެދިދިފައިވާ ކަމަށެވެ. އަދި މިކަންކަމާ މެދު އިތުރަށް މަޝްވަރާ ކުރުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި، ޕީޕީއެމްގެ ޕީޖީގެ މެންބަރުންގެ ތެރެއިން އެ މައްސަލައިގައި އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ ވިޔަފާރީގެ މަސްލަހަތުތައް ވަރަށް ބޮޑަށް އޮންނަ އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް ސަލީމާއި ހުސައިން މަނިކު ދޮންމަނިކެވެ. އެކަމާ މެދު އެބޭފުޅުންގެ ހިޔާލުތަފާތު ވަނީ ރޯދަމަހާ މާ ގާތްވެފައި ވަނިކޮށް ރޯދަ އެލަވަންސް ބަދަލު ކޮށްފި ނަމަ އެކަމުގެ ސަބަބުން، އަމިއްލަ ކުންފުނިތަކަށް ބޮޑެތި ދަތިތަކަށް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ ކަމަށް ވެއެވެ. އަދި ގާނޫނަށް އެ އިސްލާހު ގެންނަ ނަމަ އަންނަ އަހަރުގެ ރޯދަ މަހުން ފެށިގެން އަމަލު ކުރާ ގޮތަށް އެ އިސްލާހު ގެންނަން ވެސް އެފަދަ ބޭފުޅުން އެދިވަޑައިގަންންވާ ކަމަށް ވެސް އެނގިފައިވެ އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ، ބައެއް މެންބަރުންގެ ކަންބޮޑުވުން ހުރީ އެކަމުން އަމިއްލަ ކުންފުނިތަކަށް އުނދަގޫވެދާނެތީ ކަމަށެވެ. ނަމަވެސް ރައީސްގެ އެ އެދިލެއްވުމަށް ޕީޖީގެ ގިނަ މެންބަރުން ދެކޮޅު ނޫން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"ބައެއް މެންބަރުންގެ ކަންބޮޑުވުން އެބަ އޮތް. އެކަމަކު ޖުމްލަ ގޮތެއްގައި އެކަމާ ދެކޮޅުވެރިކަމެއް ނެތް،" ނިހާން ވިދާޅުވި އެވެ.

ވަޒީފާޔާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ވަޒީފާ އަދާ ކުރާ ކޮންމެ މުސްލިމަކަށް އެ މީހެއްގެ މުސާރައިގެ ތިންބައިކުޅަ އެއްބައި ދޭން ޖެހެ އެވެ. އަދި އެ އަދަދަކީ 2،000ރ. އަށް ވުރެ ކުޑަ އަދަދެއް ނަމަ ދޭން ޖެހޭނީ، 2،000ރ. ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. އަދި ރޯދަ އިނާޔަތުގެ ގޮތުގައު ދޭން ޖެހޭ އަދަދު 10،000ރ. އަށް ވުރެ އިތުރު ނަމަ ދޭން ޖެހޭނީ 10،000ރ. ކަމަށް ވެސް ގާނޫނުގައިވެ އެވެ.

މަޖިލިސް މިހާރު ޗުއްޓީގައި އޮތުމުން މަޖިލީހުގެ ބައްދަލުވުމެއް ދެން ބާއްވާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު، އަހުމަދު ނިހާން ވިދާޅުވެފައި ވަނީ، މަޖިލިސް ހުޅުވުމާ އެކު ލަސްނުކޮށް ރޯދަ އެލަވަންސް އިސްލާހުގެ ކަންކަން މަޖިލީހުން ކުރިއަށް ގެންދާނެ ކަމަށެވެ.

ރޯދަ އެލަވަންސް ދިނުމަށް މިއަހަރު ބަޖެޓްގައި ވަނީ 94 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. ނަމަވެސް ރޯދަ އެލަވަންސް ހަމަހަމަކޮށްދޭން އިތުރު 34 މިލިއަން ރުފިޔާ ބޭނުން ވާތީ އެ ފައިސާ މިހާރު ވަނީ ފިނޭންސުން ހަމަޖައްސައިފަ އެވެ.