ދުނިޔެ

ދެ ކޮރެއާގެ ގަޑި ތަފާތުވުމަކީ ހިތާމައެއް: ކިމް

ދެކުނު ކޮރެއާ އާއި އުތުރުކޮރެއާގެ ގަޑި އެއްގޮތް ކުރުމަށްޓަކައި އުތުރު ކޮރެެއާއިން މިހާތަނަށް ގެންްގުޅުނު އަމިއްލަ ޓައިމް ޒޯން އަންނަ މޭމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ދޫކޮށްލާނެކަމަށް އެ ގައުމުން ބުނެފި އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވިިދާޅުވީ މިދިޔަ ހުކުރު ދުވަހު ބޭއްވި ދެ ކޮރެއާގެ ވެރިންގެ ތާރީހީ ސަމިޓް ބޭއްވި ތަނުގެ ފާރުގައި ޕިޔޮންޔޭންގާއި ސޯލްއަށް ތަފާތު ދެ ގަޑިއެއް ބަހައްޓާފައި ހުރިތަން ފެނުމުން ހިތާމަވެރި އިހުސާސެއް ކުރެއްވުނު ކަމަށެވެ.

އުތުރު ކޮރެއާއިން 2015 ވަނަ އަހަރު އުފެއްދި އަމިއްލަ ޓައިމް ޒޯން ދޫކޮށްލާނެކަން ފުރަތަމަ ހާމަކުރީ ދެކުނު ކޮރެއާގެ ރައީސްް މޫން ޖައި އިންގެ އޮފީހުންނެވެ. އެ މައުލޫމާތު ކަށަވަރު ކޮށްދެއްވަމުން ކިމް ވަނީ އުތުރު ކޮރެއާގެ އަމިއްލަ ޓައިމް ޒޯން އުވާލައްވަން ވައުދުވެވަޑައިގެންފަ އެވެ. ދެކުނު ކޮރެއާއާ ބައިގަޑިއިރު ތަފާތުވާ ގޮތަށް އުތުރު ކޮރެއާއިން 2015 ވަނަ އަހަރު އަމިއްލަ ޓައިމްޒޯނެއް އުފެއްދީ ޖަޕާނުގެ އަތްދަށުން އެ ގައުމު މިނިވަންވިތާ 70 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރި ކަމެއްގެ ގޮތުގައެވެ.

ދެ ކޮރެއާގެ ލީޑަރުން ހުކުރު ދުވަހު ބޭއްވި ތާރީހީ ބައްދަލުވުމަށް އެ ދެގައުމުގެ މީޑިއާއާއި ދުނިޔޭގެ ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އުތުރު ކޮރެއާ ސަރުކާރުގެ މީޑިއާއިން ބުނީ ދެ ލީޑަރުންގެ ތާރީހީ ބައްދަލުވުމަކީ ކޮރެއަން ޕެނިންސިއުލާއާއަށް އާ ޒަމާނެއް ގެނެސްދޭނެ ބައްދަލުވުމެއް ކަމަށެވެ. އަދި ބުނީ އެއީ ތަރައްގީއާއި ކުރިއެރުމުގެ މަގުގައި ދެ ގައުމުން ހާސިލުކުރި މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ.

ދެ ކޮރެއާގެ ވެރިންގެ ބައްދަލުވުމަށް ދެ ގައުމުގެ މީޑިއާގެ އިތުރުން ޗައިނާއާއި އެމެރިކާއިން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

ދެކޮރެއާގެ ވެރިން އިއްޔެގައި ބޭއްވި ބައްދަލުވުމުގައި ސަރަހައްދީ ސުލްހައަށް ޓަކައި ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކުރެއްވި އެވެ.

އެއްބަސްވުމުގައި އޮތީ ކޮން ކަންތައްތަކެއް؟

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާއި ދެކުނުކޮރެއާގެ ރައީސް މޫން ޖައި އިން ސޮއިކުރެއްވި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކޮރެއަން ޕެނިންސިއުލާއިން ނިއުކްލިއަ ހަތިޔާރު ނައްތާލައި އެ ސަރަހައްދު އަމާން ތަނަކަށް ހެދުމެވެ. ނަމަވެސް އެ ނިއުކްލިއަ ހަތިޔާރު ނައްތައިލުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލެއް އެ އެއްބަސްވުމެއްގައި ނެތެވެ.

އެއްބަސްވުމުގައި ހިމެނޭ މުހިއްމު ނުކުތާތައް

ދެ ގައުމުގެ ދެމެދުގައި ދެކޮޅުވެރިކަމުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން

ދެ ގައުމު ގުޅޭ ސަރަހައްދުގައިވާ ޑީމިލިޓަަރައިޒްޑް ޒޯން (އަސްކަރި ހަރަކާތް ހިންގުން މަނާ ސަރަހައްދު) ސުލްހައިގެ ސަރަހައްދަކަށް ބަދަލު ކުރުން

އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ސަރަހައްދުން ހަތިޔާރު މަދުކުރުން

ދެ ކޮރެއާ ބައިވުމުގެ ސަބަބުން ވަކިވެފައިވާ އާއިލާތައް އަލުން ބައްދަލުކުރުމުގެ ކަންތައް އިންްތިޒާމްކުރުން

ޒަމާނީ ރެއިލްވޭ ނިޒާމަކުން ދެގައުމު ގުޅައިލުން

ބައިނަލް އަގުވާމީ ކުޅިވަރު ހަރަކާތްތަކުގައި ދެގައުމު ގުޅިގެން ބައިވެރިވުން