ދުނިޔެ

ދޮގު ހެދިކަން ފަޅާ އެރުމުން ޔޫކޭގެ ހޯމް ސެކްރެޓަރީ އިސްތިއުފާދީފި

އިނގިރޭސި ޕާލަމެންޓްގެ ކޮމިޓީއަކަށް ހާޒިރުކޮށް ސުވާލުކުރުމުން ޖަވާބުދެއްވި އިރު އިތުރުފުޅު ހެއްދެވިކަން ފަޅާ އެރުމުންް އެގައުމުގެ ހޯމް ސެކްރެޓަރީ އަމްބާ ރުޑް އިސްތިއުފާ ދެއްވައިފިއެވެ.

ސްކައި ނިއުސް ބުނީ އެމްބާ ރުޑް އިސްތިއުފާ ދެއްވުމުގެ ކުރިން ބޮޑުވަޒީރު ތެރޭސާ މޭއަށް ގުޅުއްވައި އެކަން އެންގެވި ކަމަށެވެ. އަދި ބުނީ އޭނާގެ އިސްތިއުފާ މޭ މިހާރު ގަބޫލުކުރައްވާފައިވާ ކަމަށެވެ.

އެމްބާ ރުޑް އިސްތިއުފާ ދެއްވީ އޭނާގެ އިދިކޮޅު ލޭބަ ޕާޓީން އޭނާގެ އިސްތިއުފާއަށް ގޮވާލަމުންދާތާ ދުވަސްކޮޅެއްވީ ފަހުންނެވެ. އޭނާ ޕާލަމެންޓްގެ ކޮމިޓީއަކަށް ހެއްދެވި އިތުރުފުޅަކީ އިނގިރޭސިވިލާތަށް ހިޖުރަކޮށްފައިވާ މީހުންގެ ތެރެއިން ގަވައިދާ ހިލާފަށް އައިސް ތިބި ކަމަށް ބެލެވޭ މީހުން ބޭރުކޮށްލުމުގައި ވަކި ބަޔަކަށް އަމާޒުކޮށްގެން މަސައްކަތްކޮށްފައިވާކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވުމެވެ. އޭނާ އެހެން ވިދާޅުވެފައި ވަނިކޮށް، އޭނާއަށް އެކަން އެނގޭކަން ކަށަވަރުވާ ލިއުމެއް ދަ ގާޑިއަން ނޫހުން ވަނީ ޝާއިއުކޮށްފައެވެ.

ހިޖުރަކޮށްފައިވާ މީހުން ބޭރުކޮށްލުމުގައި ބޭ އިންސާފުން އަމަލުކުރުމުގެ ބޮޑު މައްސަލައެއް އިނގިރޭސިވިލާތުގައި ފެންމަތިވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. " ވިންޑްރަޝް ސްކޭންޑުލް"ގެ ނަމުން މަޝްހޫރުވެފައިވާ އެ މައްސަލައިގައި އިނގިރޭސި ސަރުކާރުން މިހާރު ވަނީ ކެރީބިއަން ސަރަހައްދުގެ ގައުމުތަކުގެ ކިބައިން މައާފަށް ވެސް އެދިފައެވެ. އެކަންތަކުގައި ވެފައިވާ ގޮތަކީ އިނގިރޭސިން އިސްތިއުމާރުކުރި ތަންތަން މިނިވަންކުރި ދުވަސްވަރު ( 1970ގެ އަހަރުތަކުގައި) އެގައުމަށް ހިޖުރަކުރި ބައެއް މީހުންނަކީ ވެސް ގަވައިދާ ހިލާފަށް އައި ބައެއް ކަމަށް ކަނޑައެޅޭ ފަދަ ގޮތަކަށް އިނގިރޭސި ސަރުކާރުން އަމަލުކުރުމެވެ. އެގޮތަށް އަމަލު ކުރި އިރު އިނގިރޭސިން އިސްތިއުމާރުކުރުމަަށް ފަހު ދޫކޮށްލި ތަންތަނުގެ މީހުން އެގައުމަށް ހިޖުރަކޮށްފައި ވަނީ އޭރުގައި އެކަމަށް ހުއްދަ ދިނީމައެވެ.