ދުނިޔެ

ވަލީދުގެ ކުންފުނިން މޫވެންޕިކް ހޮޓެލްސް ވިއްކާލައިފި

މަޝްހޫރު ހޮޓެލް ޗެއިން މޫވެންޕިކް ހޮޓެލްސް އެންޑް ރިޒޯޓްސްގައިވާ ކިންގްޑަމް ހޯލްޑިންގްގެ ހިއްސާ އެކޯ ހޮޓެލްސްއަށް ވިއްކާލަައިފި އެވެ. ކިންގްޑަމް ހޯލްޑިންގްއަކީ ސައުދީ އަރަބިއްޔާގެ ބިލިޔަނަަރު ޕްރިންސް އަލް ވަލީދު ބިން ތަލާލުގެ ކުންފުންޏެވެ.

ކިންގްޑަމް ހޯލްޑިންގް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ވިޔަަފާރީގެެ މުއާމަލާތް މިހިނގާ 2018 ވަަނަ އަަހަރުގެ ދެވަނަ ބައިގައި ނިއްމާލާނެ ކަމަށެވެ. އެކޯ ހޮޓެލްސް އިން ބުނީ މޫވެންޕިކް ހޮޓެލްސް އެންޑް ރިޒޯޓްސް 560 މިލިޔަން ސްވިސް ފްރޭންކްއަށް ގަތުމަށް އެ ކުންފުނިން އެއްބަސްވެފައިވާ ކަމަށެވެ.

ސްވިޒަލޭންޑްގައި 1973 ވަނަ އަހަރު އުފެއްދި މޫވެންޕިކް ހޮޓެލްސް އެންޑް ރިޒޯޓްސް އަކީ ދުނިޔޭގެ 27 ގައުމެއްގައި 84 ހޮޓާ ހިންގާ ކުންފުންޏެކެވެ. އޭގެ ތެރެއިން ގިނަ ހޮޓާތައް ހުރީ ޔޫރަޕާއި މެދުއިރުމަތީގައެވެ.

އަލްވަލީދުގެ ކިންގްޑަމް ހޯލްޑިންގް އިން ވަނި ލުބުނާނުގެ ވެރިރަށް ބައިރޫތުގައިވާ ފޯސީޒަންސް ހޮޓާ ވެސް ވިއްކާލާފަ އެވެ. ރޮއިޓާސްއަށް މައުލޫމާތު ދިން މަސްދަރުތަކާ ހަވާލާދީ އެ އެޖެންސީން ބުނީ ބައިރޫތުގެ ފޯސީޒަންސް ހޮޓާ ވިއްކާލީ 100 މިލިޔަން ޑޮލަރާއި 115 މިލިޔަން ޑޮލަރާ ދެމެދުގެ އަގަކަށް ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް ހިންގާ ހަރަކާތެއް ކަމަށް ބުނެ ސައުދީ ސަރުކާރުން މިދިޔަ 2017 ވަނަ އަހަރުގެ ފަހުކޮޅު ހައްޔަރު ކުރި ޝާހީ ބޭފުޅުންނާއި ވިޔަފާރިވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ އަލް ވަލީދެވެ. އޭނާ މިނިވަންވެ ވަޑައިގެންނެވީ ބަންދުގައި ހުންނަވާތާ ތިން މަސްދުވަސްވީ ފަހުންނެވެ. އޭނާ މިނިވަން ވެވަޑައިގެންނެވީ ސައުދީ ސަރުކާރަށް ފައިސާ ދައްކަވާ ގޮތަށް ކަމަށް އޭރުގައި އަޑުފެތުރުނެވެ. ނަމަވެސް ވަލީދު އެކަން ދޮގުކުރެއްވިއެވެ.