ވިޔަފާރި

އަމާނާ ތަކާފުލްގެ އަހަރީ ސާފު ފައިދާ ރެކޯޑް އިތުރުވުމެއް!

Apr 30, 2018

އަމާނާ ތަކާފުލް މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ، ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ އެވެ.

އަމާނާ ތަކާފުލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2017 ވަނަ އަހަރު 5.3 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެ އެވެ. މި އަދަދަކީ ކުރީ އަހަރު ލިބުނު 1.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ މި މުއްދަތުގައި އެ ކުންފުންޏަށް އިންޝުއަރެންސް ވިޔަފާރިން އާމްދަނީގެ ގޮތުގައި 114 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 108 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ޝެއާ ހޯލްޑާ ފަންޑް (އެސްއެޗްއެފް ފަންޑު) ވެސް މިދިޔަ އަހަރު ވަނީ 38 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު ހުރީ 3.5 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ހުރީ 2.5 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރު އެ ކުންފުނީގެ ޖުމްލަ އެސެޓު (ހަރު މުދަލުގެ އަގު) ވެސް ވަނީ އަށް ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ ކުންފުނީގެ އެސެޓުގައި ހުރީ 107 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ހުރީ 99 މިލިއަން ރުފިޔާ އެވެ.

އަމާނާ ތަކާފުލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހަރީޒް މުލައިމާން އަހަރީ ރިޕޯޓަށް ވިދާޅުވެފައިވަނީ މިދިޔަ އަހަރަކީ ގިނަ ރޮނގުތަކުން ކުންފުންޏަށް ފައިދާ ހުރި އަހަރެއް ކަމަށެވެ.

އަމާނާ ތަކާފުލްއަށް މިދިޔަ އަހަރު ރަނގަޅު އާމްދަނީއެއް ލިބުނުއިރު، މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ދަނީ ތައްޔާރު ވަމުންނެވެ. އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު މޫކައި ސުއިޓްސްގަ އެވެ.

ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ތަކަފުލް ހިދުމަތްދޭން ފެށި ކުންފުނިން ދަނީ ރާއްޖޭގެ ބާޒާރުގައި ގިނަ ކާމިޔާބީ ތަކެއް ހޯދަމުންނެވެ. އަދި އަހަރުން އަހަރަށް ބަހާ ފައިދާ ވެސް ވަނީ އިތުރުވެފަ އެވެ.