ހަބަރު

އަލީ ވަހީދު، އިމްރާން އަދި އަމީންގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

May 20, 2015

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް ދައުވާކުރަން ފުލުހުން ފޮނުވީ މިމަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާ ގުޅިގެންނެވެ. އެ މައްސަލަ ޕީޖީއަށް މިއަދު މެންދުރުފަހު ފޮނުވިކަން ޕީޖީ އޮފީހުން ވަނީ ކަށަވަރުކޮށް ދީފަ އެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެ އޮފީހުން ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.

އެ ތިން ބޭފުޅުންގެ އިތުރުން މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ސޮބާހު ރަޝީދުގެ މައްޗަށް ވެސް ދައުވާކުރަން ފުލުހުން ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ. އެ ހަތަރު ބޭފުޅުންގެ ތެރެއިން އަމީން ފިޔަވައި ދެން ތިބި ތިން ބޭފުޅުން އަދިވެސް ތިބީ ބަންދުގަ އެވެ. އަމީން ދޫކޮށްލަން ހައި ކޯޓުން އަމުރުކުރި މައްސަލަ ވެސް އޮތީ ސުޕްރީމް ކޯޓުގަ އެވެ.