ދުނިޔެ

އިޒްރޭލުން ފަލަަސްތީނު ތިން މީހަކު މަރާލަައިފި

އިޒްރޭލު އުފެއްދި އިރު ފޭރިގެންފައިވާ ބިންތަކަށް އެނބުރި ދިއުމުގެ ފުރުސަތު ދިނުމަށް ގޮވާލަައި ފަލަސްތީނު މީހުން ކުރާ ދެމިގެންވާ މުޒާހަރާގެ ތެރެއަށް އިޒްރޭލުން ރޭ ބަޑި ޖަހައި ފަލަސްތީނުގެ ތިން މީހަކު މަރާލައިފި އެވެ.

އެ ތިން މީހުން މަރައިލިކަމާއި އިތުރު މީހަކު ހައްޔަރު ކުރިކަން އިޒްރޭލު ސިފަން ވަނީ ޓްވިޓާގައި ހާމަކޮށްފައެވެ. އިޒްރޭލުން ވަނީ ހުކުރު ދުވަހުވެސް މުޒާހަރާގެ ތެރެއަށް ބަޑި ޖަހައި ފަލަސްތީނުގެ ތިން މީހުން މަރާލައި 955 މީހަކު ޒަހަމްކޮށްލާފަ އެވެ. ރޭގައި މަރައިލި ތިން މީހުންނާއެކު ފާއިތުވި ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުން މެރި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 48 އަށް އަރާފައެވެ. ޒަހަމްވީ މީހުންގެ އަދަދަކީ 5500 އެވެ.

ޣައްޒާގެ ރައްޔިތުން މިދިޔަ މާޗްމަހުގެ 30 ވީ ހުކުރު ދުވަހު މުޒާހަރާއަށް ނުކުތީ އިޒްރޭލު އުފެއްދުމަށް ފަލަސްތީނުގެ ބިންތައް ފޭރިގަތުމުން ރެފިއުޖީންނަށްވެފައިވާ ފަލަސްތީނު މީހުން އެނބުރި އެމީހުންގެ ވަޒަނަށް އައުމަށް ފުރުސަތު ދިނުމަށް ގޮވައިލުމަށެވެ. ޣައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނީ އަންނަ މެއިމަހުގެ 15 ވަނަ ދުވަހާ ހަމައަށް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަަމަށެވެ. މޭ މަހުގެ 15 ވަނަ ދުވަހަކީ " ނަކުބާ ދުވަސް" ( ހިތާމައިގެ ދުވަސް) ގެ ގޮތުގައި ފަލަސްތީނު މީހުން ފާހަގަ ކުރާ ދުވަހެކެވެ. އެއީ އިޒްރޭލު އުފެއްދުމަށް ޓަކައި ފަލަަސްތީނުގެ އެތައް ހާސް މީހުންނެއް ގެދޮރުން ނެރެލި ދުވަހެވެ. އެ ޖަރީމާ ހިންގީ 1948 ވަނަ އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހުއެވެ.