ޑެންގީ

ޑެންގީ ފެތުރުމުގެ ފުރުސަތު ބޮޑު، ރައްކާތެރިވޭ!

މި ދުވަސްވަރު މާލެއާއި އަތޮޅުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާތީ ކުރިއަށް އޮތް ދުވަސްތަކުގައި ހުން ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. މިނިސްޓްރީން ވަނީ ހުމުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.

ކުރިއަށް ދެން އޮތީ ހުޅަނގު މޫސުމުގެ ދުވަސްތަކެކެވެ. މިއީ ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ޑެންގީ ހުން އެންމެ ބޮޑަށް ފެތުރޭ ދުވަސްވަރެވެ.

ހެލްތުން މިއަދު ނެރުނު އެލާޓް ނޯޓިސްގައި އިލްތިމާސްކޮށްފައިވަނީ ހުމުން ރައްކާތެރިވުމުގެ ފިޔަވަޅު ދުރާލާ އަޅައި މަދިރި އުފެދުމާއި މަދިރި މަދުކުރުމުގެ މަސައްކަތްތައް އިތުރު ކުރުމަށް އިސްކަންދިނުމަށެވެ. އަދި ހުން އައިސް ޑެންގީގެ އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން އިސްކަން ދިނުމަށްވެސް އެދިފައިވެ އެވެ.

ޑެންގީގެ އަލާމާތްތައް:

  • ގަދައަށް ހުންއައުން
  • ގައިގައި ބިހިނެގުމާއި، ކަހާ ހިރުވުން
  • ހިރުގަނޑުންނާއި ނޭފަތުން ލޭއައުން
  • އާދަޔާ ހިލާފަށް ބޮލުގަ އާއި ގައިގައި ރިއްސުން
  • ހުޅުހުޅުގަ އާއި މަސްތަކުގައި ރިއްސުން
  • މޭނުބައިކުރުން، ހޮޑުލުން
  • ކާހިތްނުވުން

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ ޑެންގީހުން ފެތުރޭ މިންވަރު މަދުކުރުމަށް މި އަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ޑެންގީއަށް ހޭލުންތެރިކުރުވުމަށާއި ބަލި ދެނެގަތުމާއި ފަރުވާފަރުވާކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް މި އަހަރުވެސް ކުރާނެ ކަމަށެވެ. އަދި ޑެންގީ ބޮޑަށް ފެތުރޭ ރަށްރަށުގައި ބަލި ކޮންޓްރޯލްކުރުމަށް ލަފާއާއި އެހީތެރިކަން ފޯރުކޮށްދީ ކެމްޕޭންތައް ކުރިއަށް ގެންދާނެ ކަމަށެވެ.