ދުނިޔެ

ޔޫކޭގެ އާ ހޯމް ސެކްރެޓަރީއަކަށް ޕާކިސްތާނު ދަރިކޮޅުގެ ބޭފުޅެއް

އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ ކަމުގެ މަގާމުން އަމްބާ ރުޑް އިސްތިއުފާ ދެއްވުމުން އެމަގާމަށް ސާޖިދު ޖާވީދު އައްޔަންކޮށްފިއެވެ.

ހޯމް ސެކްރެޓަރީ ކަަމަށް މިއަދު އަޔަން ކުރި ސާޖިދު ޖާވީދަކީ ޕާކިސްތާނުން އިނގިރޭސިވލާތަށް ހިޖުރަކުރި ޕާކިސްތާނު ދެމަފިރިއެއްގެ ދަރިއެކެވެ. އޭނާގެ ބައްޕައަކީ ބަސްޑްރައިވަރެކެވެ. އޭނާ މިހައިތަނަށް ހުންންނެވީ ލޯކަލް ގަވަމެންޓް އެންޑް ހައުސިން ސެކްރެޓަރީކަމުގެ މަަގާމުގައެވެ. މަގާމު ލިބިވަޑައިގެންނެވުމުން ސާޖިދު ވެފައި ވަނީ އިނގިރޭސިވިލާތުގައި ބައިމަދު ނަސްލަކުން ވަޑައިގެންނެވި ފުރަތަމަ ހޯމް ސެކްރެޓަރީއަށެވެ.

މިއަދާ ހަމައަށް ހޯމް ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނެވި އަމްބާ ރުޑް އިސްތިއުފާ ދެއްވީ އިނގިރޭސި ޕާލަމެންޓަށް އިތުރުފުޅު ހެއްދެވިކަން ފަޅާ އެރުމުންނެވެ.އޭނާ އިސްތިއުފާ ދެއްވީ އޭނާގެ އިދިކޮޅު ލޭބަ ޕާޓީން އޭނާގެ އިސްތިއުފާއަށް ގޮވާލަމުންދާތާ ދުވަސްކޮޅެއްވީ ފަހުންނެވެ. އޭނާ ޕާލަމެންޓްގެ ކޮމިޓީއަކަށް ހެއްދެވި އިތުރުފުޅަކީ އިނގިރޭސިވިލާތަށް ހިޖުރަކޮށްފައިވާ މީހުންގެ ތެރެއިން ގަވައިދާ ހިލާފަށް އައިސް ތިބި ކަމަށް ބެލެވޭ މީހުން ބޭރުކޮށްލުމުގައި ވަކި ބަޔަކަށް އަމާޒުކޮށްގެން މަސައްކަތްކޮށްފައިވާކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވުމެވެ. އޭނާ އެހެން ވިދާޅުވެފައި ވަނިކޮށް، އޭނާއަށް އެކަން އެނގޭކަން ކަށަވަރުވާ ލިއުމެއް ދަ ގާޑިއަން ނޫހުން ވަނީ ޝާއިއުކޮށްފައެވެ.

ހިޖުރަކޮށްފައިވާ މީހުން ބޭރުކޮށްލުމުގައި ބޭ އިންސާފުން އަމަލުކުރުމުގެ ބޮޑު މައްސަލައެއް އިނގިރޭސިވިލާތުގައި ފެންމަތިވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. " ވިންޑްރަޝް ސްކޭންޑުލް"ގެ ނަމުން މަޝްހޫރުވެފައިވާ އެ މައްސަލައިގައި އިނގިރޭސި ސަރުކާރުން މިހާރު ވަނީ ކެރީބިއަން ސަރަހައްދުގެ ގައުމުތަކުގެ ކިބައިން މައާފަށް ވެސް އެދިފައެވެ. އެކަންތަކުގައި ވެފައިވާ ގޮތަކީ އިނގިރޭސިން އިސްތިއުމާރުކުރި ތަންތަން މިނިވަންކުރި ދުވަސްވަރު ( 1970ގެ އަހަރުތަކުގައި) އެގައުމަށް ހިޖުރަކުރި ބައެއް މީހުންނަކީ ވެސް ގަވައިދާ ހިލާފަށް އައި ބައެއް ކަމަށް ކަނޑައެޅޭ ފަދަ ގޮތަކަށް އިނގިރޭސި ސަރުކާރުން އަމަލުކުރުމެވެ. އެގޮތަށް އަމަލު ކުރި އިރު އިނގިރޭސިން އިސްތިއުމާރުކުރުމަަށް ފަހު ދޫކޮށްލި ތަންތަނުގެ މީހުން އެގައުމަށް ހިޖުރަކޮށްފައި ވަނީ އޭރުގައި އެކަމަށް ހުއްދަ ދިނީމައެވެ.