ދުނިޔެ

ކުދި ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އެބަހުރި: އުތުރުކޮރެއާ

May 20, 2015

ކުދި ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އެ ގައުމުގައި އެބަހުރި ކަމަށް އުތުރު ކޮރެޔާއިން ބުނެފިއެވެ. އެ ގައުމުގެ ސަރުކާރުން  ހިންގާ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ މެދުވެރިކޮށް މިއަދު ޢާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ މި ގާބިލްކަން ލިބުނުތާ މިހާރު ދުވަސްކޮޅެއް ވެފައި ވާ ކަމަށެވެ.

ކުދި ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ ބޭނުމަކީ މިސައިލްގައި އެފަދަ ހަތިޔާރު ހަރުކޮށް، ބޭނުންވާ ތަނަކަށް ފޮނުވާލުމެވެ. އުތުރު ކޮރެއާއަށް މިކަން ކުރެވިދާނެ ކަމަށް އެމެރިކާގެ އޮފިޝަލުންނާއި މުރާސިލުން ބުނަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

އުތުރު ކޮރެއާއިން ކަށަވަރުކޮށްދެނީ ނިއުކްލިއަ ހަތިޔާރު ހަރުކުރެވޭނީ ހަމައެކަނި ކުރު ރާސްތާ މިސައިލްގައި ނޫން ކަމަށާއި، ދުރު ރާސްތާ މިސައިލްގައިވެސް މި ހަރުކޮށް، ބޭނުންވާ ތަނަކަށް ފޮނުވައިލުމުގެ ގާބިލްކަން އެބަހުރި ކަމަށެވެ.

ހަތިޔާރު އިންސްޕެކްޓް ކުރުމާއިބެހޭ އދ. ގެ ކުރީގެ އޮފިޝަލް ޑޭވިޑް އޯލްބްރައިޓް ދާދިފަހުން ސީއެންއެން އާއި ވާހަކަ ދައްކަމުން ވިދާޅުވީ އުތުރުކޮރެޔާގައި 10 ނުވަތަ 15 ނިއުކްލިއަ ވޯހެޑް ފައްކާކުރެވިފައި އޮންނާނެކަމަށް ބެލެވޭ ކަމަށެވެ. އަދި ކޮންމެ އަހަރަކު މި އަދަދު އިތުރުވަމުންދާ ކަމަށް ވެސް އޭނާ ވަނީ ލަފާ ކުރައްވާފަ އެވެ.

އުތުރުކޮރެޔާއަކީ އެ ޤައުމުގެ ނިއުކްލިއަ ޕްރޮގްރާމްގެ މަސައްކަތްތައް މުޅި ދުނިޔެއަށް ސިއްރުން ކުރިއަށްގެންދާ ގައުމެކެވެ. އަދި ދޭތެރެ ދޭތެރެއިން އެމީހުންގެ ހަތިޔާރުގެ ފެންވަރާއި ބެހޭ ގޮތުން ސަރުކާރުގެ ޕްރޮޕަގެންޑާ ފަތުރާ ނޫސްތައް މެދުވެރިކޮށް ޚަބަރު ފަތުރާލާ ބައެއްވެސް މެއެވެ. މިއިން ކޮންމެ ޚަބަރެއްގެ ތެދުދޮގު ބެލުމަށް ދުނިޔޭގެ އެކި ޤައުމުތަކުގައި އޮފިޝަލުން އަބަދުވެސް މަސައްކަތް ކުރެއެވެ.