ސިވިލްސާވިސް ކޮމިޝަން

ތަޖުރިބާއާއެކު އާއުސްމިނަކަށް ދާން އިތުރު މަސައްކަތް ކުރަންޖެހޭ: ޝަމީމް

May 1, 2018
1

ސިވިލް ސާވިސްގެ 10 އަހަރުގެ ތަޖުރިބާއިން ހިތްވަރު ހޯދައި ހިދުމަތުގެ ތަރައްގީގައި އާ އުސްމިންތަކަކަށް ދެވޭނީ ދިވެހި ސިވިލް ސާވިސް އާ އަޒުމަކާއެކު މަސައްކަތް ކޮށްގެން ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ސިވިލް ސާވިސްއަށް 10 އަހަރު ފުރުމާ ގުޅުވައި އާންމު ކުރެއްވި ހިތޯބެއް މެދުވެރި ކުރައްވަ އެވެ. އޭނާ ވިދާޅުވީ 10 އަހަރު ދުވަހުގެ ތެރޭގައި އިތުބާރު ހޯދައި ބޭނުންވާ ފެންވަރުގައި ހިދުމަތްތައް ދެވުނީ އަގު ހުރި ގިނަ މަސައްކަތުން ކަމަށައި އެ ތަޖުރިބާއިން ތަރައްގީގައި އުސްމިންތަކަކަށް ދެވޭނީ ސިވިލް ސާވިސް މުވައްޒަފުން އިތުރަށް މަސައްކަތްކޮށްގެން ކަމަށެވެ.

"... ނިމިދިޔަ 10 އަހަރުގެ ތަޖުރިބާއިން ހިތްވަރު ލިބިގެން ކުރިމަގުގައި އުއްމީދު ކުރެވެނީ ދުނިޔޭގެ ފެންވަރުގައި ވެސް ކުރިއަރާފައިވާ ހިދުމަތަކަށް ސިވިލް ސާވިސް ހެދުމަށެވެ." އެ ހިތާބުގައި އެވެ. އަދިވެސް އޭގައި ވެއެވެ: "... އާ އުސްމިންތަކަކަށް ދެވެން އޮތީ ވެސް ދިވެހި ސިވިލް ސާވިސް މުވައްޒަފުން އާ އަޒުމްތަކާއެކު އާ ލަނޑުދަނޑިތަކެއް ހާސިލް ކުރުމަށް އަހުދު ކަށަވަރުހިފައި މަސައްކަތް ކޮށްގެންނެވެ،"

ސިވިލް ސާވިސްގެ ކާމިޔާބަށް އިޝާރާތް ކުރައްވާ ވިދާޅުވެފައި ވަނީ ހިދުމަތްދޭ މާހައުލަކީ ހިދުމަތް ލިބިގަންނަ ރައްޔިތުންނާ ރައްޓެހި މާހައުލަކަށް ހަދައި ހިދުމަތްތެރިންނަކީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ހިދުމަތެއް ދިނުމަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރެވުނު އިރު ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތްދޭ އިދާރާތަކަށް ނުގޮސް ގޭގައި ތިބެގެން ހިދުމަތް ލިބިދެވޭނެ ގޮތް ހެދިފައިވާ ކަމަށެވެ.