ދުނިޔެ

މިޔަންމާގައި އަނެއްކާ ހަމަނުޖެހުން: 5000 މީހުން ވަޒަނުން ބޭރަށް

މިޔަންމާގެ ރަޚައިން ސްޓޭޓްގައި ގައި ބައިމަދު ރޯހިންޔާ މީހުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގައި އެތައް ހާސް ބަޔަކު މަރައި އެތައް ސަތޭކަ ގެދޮރެއް އެންދުމުން ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މިޔަންމާގައި އަނެއްކާވެސް އެފަދަ ކަންތައްގަނޑެއް ފަށައިފިއެވެ.

މިފަހަރުގެ ހަމަނުޖެހުންތައް ހިނގަމުން ދަނީ މިޔަންމާއާއި ޗައިނާ ގުޅޭ ބޯޑަރު ކައިރީގައިވާ ކާޗިން ސްޓޭޓާއި ސްޓޭޓުގައެވެ. ކާޗިން ސްޓޭޓުގައި އެސަރަހައްދުގެ ހަނގުރާމަވެރި ޖަމާއަތަކާ ދެކޮޅަށް ސަރުކާރުން ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމުން ގެދޮރު ދޫކޮށް ދާން ޖެހުނު މީހުންގެ އަދަދު އިއްޔެއާ ހަމައަށް ވަނީ 5000 އަށް އަރާފައެވެ. އޭގެ ކުރިންް ކުރި ހަނގުރާމަތަކުގައި ވެސް އެ ސަރަހައްދުގެ އެތައް ބަޔަކު ވަނީ ރެފިއުޖީންނަށް ވެފައެވެ.

ސަރުކާރުން އެކަށީގެން ނުވާ ބާރުގެ ބޭނުން ކުރޭ

ރަޚައިން ސްޓޭޓުގައި މިޔަންމާ ސަރުކާރުން ހިންގި ޖަރީމާތަކަށް ފަހުގައި ވެސް ބުނަމުން ދިޔައީ އެމީހުން ހަނގުރާމަ ކުރީ ހަނގުރާމަވެރި ޖަމާއަތަކާ ދެކޮޅަށް ކަމަށެވެ. ނަމަވެސް އޭރުގައި ވެސް ބޮޑެތި ގިނަ ޖަރީމާތައް ހިންގީ އާއްމުންނާ ދެކޮޅަށެވެ. ކާޗިން ސްޓޭޓުގައި މިފަހަރު ފެށި ހަަރަކާތުގައި ވެސް ސަރުކާރުން ދަނީ އާއްމުންނަށް ބެލުމެއް ނެތި އެކަށީގެން ނުވާ ބާރުގެ ބޭނުންކުރަމުންނެވެ.

އެގޮތުން އާމުން ދިރިއުޅޭ ސަރަހައްދުތަކަށް ވައިގެ މަގުން ބޮން އެޅުމާއި ބޮޑުބަޑީގެ ހަމަލާތައް ދިނުން ފަދަ ކަންތައްތައް ކޮށްފައިވާ ކަމުގެ ރިޕޯޓްތައް އާއްމު ވުމުން އދ. އިން މިހާރު ވަނީ އެކަން ހުއްޓައިލުަމަށް ގޮވާލާފައެވެ.

" ކުށެއް ނެތް އާއްމުން ދަނީ ޒަހަމްވަމުން މަރުވަމުން. އެތައް ސަތޭކާ އާއިލާއެއް ދަނީ އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ގެދޮރު ދޫކޮށް ނުކުންނަމުން،" މިޔަންމާގެ އިންސާނީ ހައްގުތަކުގެ ކަންތައްތައް ބަލަން އދ އިން ކަނޑައަޅާފައި ހުންނާ މަންދޫބު ޔަންޣީ ލީ ވިދާޅުވި ކަމަށް ރޮއިޓާސް ބުންޏެވެ.

ރަޚައިން އެެކޭ އެއްގޮތަށް ކާޗިންގައި ވެސް މިޔަންމާ ސިފައިން އަންނަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމަށް ހުރަސްއަޅަމުންނެވެ. އެގޮތަށް ކަންތައް ނުކުރުމަށް ގޮވާލައި ކާޗިންގެ އެތައް ހާސް ބަޔަކު އިއްޔެގައި މުޒާހާވެސް ކުރިއެވެ.

" އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ހުރަސްއެޅުމަކީ ބައިނަލް އަގުވާމީ ގާނޫތަކުގެ ދަށުން ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބެލެވޭނެ،" ލީ ވިދާަޅުވި ކަމަށް ނޫހުން ބުންޏެވެ.