ހަބަރު

މުއައްޒަފުން އެހެން ވަޒީފާއެއް ހޯދަން ވިލާއިން އަންގައިފި

May 20, 2015
2

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕްގެ ދަށުން ހިންގަމުން ދާ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި މުސާރައާއި ނުލައި މަސައްކަތް ކުރަން ދަތިވާ މުއައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވާން މުއައްޒަފުންނަށް އަންގައިފި އެވެ.

ގާސިމްގެ ދަރިކަލުން އަދި ވިލާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއި ކުރައްވާ މިއަދުގެ ތާރީހުގައި ނެރެފައިވާ އޮފީސް މެމޯއެއްގައި ބުނަނީ މުސާރައާއި އިނާޔަތްތައް ހަމަޖައްސައި ދެވޭނެ ވަކި ތާރީހެއް ކަނޑައެޅިގެން ދަންނަވަން އުނދަގޫ ކަމަށެވެ. އަދި އެކަން "ހިތާމައާއެކު ދަންނަވާ" ކަމަށެވެ. މީގެ އިތުރުން ބުނެފައި ވަނީ މުސާރަ ނުލިބި ދެމި ތިބެން ދަތި މުއައްޒަފުން ވަޒީފާގެ އެހެން ފުރުސަތެއް ހޯދަން އެދޭ ކަމަށެވެ.  

އަމިއްލައަށް ވަކިވާ މުއައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ހަމަޖެހިގެން ދިއުމުން އެ މުއައްޒަފުންނަށް މުސާރަ ދޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ،

"... މިފަދަ ދަތިތަކުގައިވެސް މުއައްޒަފުން ކެތްތެރިކަމާ އެކު ކުންފުންޏަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރަމެވެ،" މެމޯގައި ވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެކުންފުނީގެ އެކި ވިޔަފާރިތަކަށް ލިބޭ އާމްދަނީ މަދުވަމުން އަންނަ ކަމަށް އިޝާރާތް ކޮށް ބުނެފައި ވަނީ ކުންފުނީގެ ހަރަދުތައް ބޮޑުވެފައިވާތީ ލޯނެއް ނަގައިގެން ހަރަދުތައް ދެކޮޅު ޖައްސަން މަސައްކަތް ކުރަމުން ދިޔަ  ނަމަވެސް ސަރުކާރުގެ ޒިންމާދާރުކަން ކުޑަވުމުގެ އެކަން ފޭލިވެފައިވާ ކަމަށެވެ.