ދުނިޔެ

ލަންކާގެ ކެބިނެޓަށް ބަދަލުތަކެއް ގެނެސް ބޭފުޅުން ލައިފި

ސްރީލަންކާގެ ކެބިނެޓަށް ރައީސް މައިތިރިޕާލާ ސިރިސޭނާ މިއަދު ބަދަލުތަކެއް ގެންނަވައިފި އެވެ.

ލަންކާ ކެބިނެޓަށް މިއަދު ބަދަލުތައް ގެންނެވި އިރު ކުރިން ހުސްވެފައިވާ މިނިސްޓްރީތަކަށް ވެސް ބޭފުޅުން ހަމަޖެއްސެވި އެވެ. އެ މިނިސްޓްރީތައް ހުސްވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓަށްއ ފަހު ބައެއް މިނިސްޓަރުން އިދިކޮޅާ ގުޅިވަޑައިގެންނެވުުމުންނެވެ. އޭރުގައި ސަރުކާރާ އެއްކޮޅަށް ތިއްބެވި ޕާލަމެންޓްގެ 16 މެމްބަރަކު އިދިކޮޅާ ގުޅިވަޑައިގަތެވެ. އޭގެ ތެރޭގައި ގިނައީ މިނިސްޓަރުންނެވެ.

ސިރިސޭނާ މިއަދު ބޭފުޅުން ހަމަޖެއްސެވީ ޖުމްލަ 18 މިނިސްޓްރީއަކަށެވެ. އެއީ ވަޒީރުން ހުސްވެފައިވާ މިނިސްޓްރީތައް ވެސް ހިމެނޭ ގޮތުންނެވެ.

ލަންކާގައި ވެރިކަން ކުރާ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ބައިބައިވުން އުފެދުނީ އެ ގައުމުގައި ފެބްރުއަރީމަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ އިއްތިހާދަށް ނާކާމިޔާބު ވުމުންނެވެ. ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ދެކޮޅަށް އިއްތިހާދުގެ ތެރެއިން ފާޑުކިއުންތައް އަމާޒުވީ ބޮންޑް ވިއްކުމުގައި ހިންގި ކަމަށް ބެލެވޭ ކޮރަޕްޝަނެއް ހުއްޓުވުމުގައި އޭނާ ނާކާމިޔާބު ވެވަޑައިގެންނެވުމުންނެވެ. އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ލަންކާ ޕާލަމެންޓަށް ވެއްދީ މި އޭޕްރިލްމަހުގެ ހަތަރުވަނަ ދުވަހު އެވެ. އެ މައްސަލައިގައި އޭނާއާ އެއްކޮޅަށް 122 ވޯޓު ލިބުނު އިރު ދެކޮޅަށް ލިބުނީ 76 ވޯޓެވެ.

އިތުބާރު ނެތްކަމުގެ މައްސަލައަށް ފަހު މި މޭމަހުގެ އަށް ވަނަ ދުވަހާ ހަމައަށް ލަންކާ ޕާލަމެންޓްގެ ޖަލްސާތައް ވަނީ މެދުކަނޑާލާފައެވެެ.