ދުނިޔެ

ޑޮމިނިކަން ރިޕަބްލިކުން ގުޅުން ކަނޑައިލީ ޗައިނާއިން ފައިސާ ދީގެން: ޓައިވާން

ޓައިވާނާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ޑޮމިނިކަން ރިޕަބްލިކް އިން ކަނޑައިލީ ޗައިނާއިން ލޯނާއި އިންވެސްޓްމެންޓް ހިމެނޭގޮތުން 3.1 ބިލިޔަން ޑޮލަރު ދޭން ޗައިނާއިން އެގައުމަށް ހުށަހެޅުމުން ކަމަށް ޓައިވާނުން ބުނެފިއެވެެ. ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި އެގައުމުން ބަލާ ތަނެކެވެ.

ކެރީބިއަން ސަރަހައްދުގެ ގައުމެއް ކަމަށްވާ ޑޮމިނިކަން ރިޕަބްލިކުން ގުޅުން ކަނޑައިލުމަކީ ޓައިވާނަށް ލިބުނު ބޮޑު ގެއްލުމެކެވެ. އެެހެނީ ޓައިވާނުގެ މިހާރުގެ ސަރުކާރުން ބުރަކޮށް މަސައްކަތް ކުރަމުން އަންނަނީ ވަކި ގައުމެއްގެ ގޮތުގައި ޓައިވާނާ ގުޅުން ގާއިމްކުރާ ގައުމުތަކުގެ އަދަދު އިތުރުކުރުމަށެވެ. ޑޮމިނިކަން ރިޕަބްލިކް އިން ގުޅުން ކަނޑައިލުމުން ޓައިވާނާ އެކު އެގޮތަށް ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުގެ އަދަދު 19 އަށް ތިރިވާނެއެވެ.

ޓައިވާނާ އެކު ވަކި ގައުމެއްގެ ގޮތުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްގެން އުޅުމަށް ފަހު ޕެނަމާއިން ވެސް ވަނީ މިދިޔަ އަހަރު އެގުޅުން ކަނޑާލާފައެވެ. އަދި ވެޓިކަން އިން ވެސް ވަރަށް އަވަހަށް ގުޅުން ކަނޑާލާނެ ކަަމަށް ވަނީ ބެލެވިފައެވެ.

ޑޮމިނިކަން ރިޕަބްލިކް އިން ޓައިވާނާ ގުޅުން ކަނޑާލައި ޗައިނާއާ ގުޅުނުކަން ޗައިނާގެ ވެރިރަށް ބެއިޖިންއާއި ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސެންތޯ ދޮމިންގޯގައި ވެސް އިއުލާނުކުރިއެވެ. އެކަން އިއުލާނު ކުރުމާ އެކު ޓައިވާނުގެ ފޮރިން މިނިސްޓްރީން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

" ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ޑެނީލޯ މެޑީނާ ވަނީ އަޅުގަނޑުމެންގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް އިހުމާލުވެވަޑައިގެންފައި. އަދި ޑޮމިނިކަން ރިޕަބްލިކްގެ ރައްޔިތުންގެ އުއްމީދުތަކަށް ވެސް ،" ޓައިވާނުގެ ފޮރިން މިނިސްޓަރު ޖޯސެފް ވޫ ވިދާޅުވި ކަމަށް ރޮއިޓާސް ބުންޏެވެ.