ހަބަރު

"ބްރިޖް އެޅޭނެކަން ޔަގީން، އެކަމާ ޝައްކެއްނެތް"

ބްރިޖް އެޅޭނެ ކަން މިހާރު ޔަގީންވެފައިވާ ކަމަށާއި އެކަން މި ސަރުކާރުން ކުރާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މިހާތަނަށް ކުރި ސާވޭތަކަށް ބަލާއިރު ވެސް ބްރިޖް އެޅޭނެކަން ޔަގީންވެފައިވާ ކަމަށާއި ޗައިނާ ސަރުކާރުގެ ފަރާތުން އެކަމަށް ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަ ދިރާސާތަކަކީ ބްރިޖް އަޅާނެ ޑިޒައިނެއް ފައިނަލް ކުރުމުގެ މަރުހަލާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ބްރިޖެއް އެޅުމުގެ ކުރިން އެތައް މަރުހަލާއެއްގައި ދިރާސާ ކުރާނެ އެވެ. އަދި އެކަމަކީ ބްރިޖް އެޅޭނެތޯ ނުވަތަ ނޫންތޯ ޝައްކުވެގެން ކުރާ ކަންކެމއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ބްރިޖް އެޅޭނެކަން މި އޮތީ ޔަގީންވެފައި. އެ މަރުހަލާ ނިމިއްޖެ. މިއީ ހަމައެކަނި ސާވޭ އެކޭ ކުރަނީ އެކަމެއް ނުވާނެ ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުއްވާލާނެ ކަމެއް ނެތް. ބްރިޖް އެޅޭނެކަން ޔަގީންވާތީ އޭގެ ޑިޒައިނެއް ފައިނަލް މި ކުރަނީ. މި ސަރުކާރުން ބްރިޖް އަޅާނެ،" މުއިއްޒު ވިދާޅުވި އެވެ.

ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް މިއަދު ފަށާފައި ވާތީ، އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މިހާރު މި ދަނީ ދިރާސާތަކުގެ އެންމެ ފަހުގެ މަސައްކަތް ކަމަށެވެ. މުއިއްޒު ވިދާޅުވީ ބޯހޯލްގެ ދިރާސާގައި އެއްކުރާނީ ބިމުގެ އަޑީގައި މާއްދާތައް ހުންނަ ގޮތާއި ސްޓްރަކްޗާ ކަމަށެވެ. އަދި އެއަށް ފަހު ބްރިޖް އޮންނާނެ ގޮތުގެ ޑިޒައިނެއް ފައިނަލް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަންނަ މަހުގެ ތެރޭގައި ޑިޒައިންތައް އެ ކުންފުނިން ސަރުކާރަށް ހުށަހަޅާނެ އެވެ.

"އެބޭފުޅުން ވިދާޅުވެފައި އޮތީ އަންނަ މަހުގެ 20-25 ހިސާބުގައި ދެ ޑިޒައިން ކޮންސެޕްޓެއް ސަރުކާރަށް ހުށަހަޅާނަމޭ. އެ ހިސާބުން ސަރުކާރުން ފައިނަލްކޮށް ޑީޓެއިލް އިންޖިނިއަރިން ކަންތައްތައް ނިންމާނީ. ދެން ބްރިޖް އެޅުމުގެ މަސައްކަތް މި އަހަރު ފަހުކޮޅު ފަށައިގަނެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖް އެޅުމުގެ ސަބަބުން ރާޅުގަނޑުގެ ބޭނުން ނުކުރެވޭނެ ކަމަށް ބުނާތީ މިނިސްޓަރު ވިދާޅުވީ ބްރިޖްގެ ހުރިހާ މަސައްކަތެއް ވެސް ކުރަނީ އީއައިއޭ ހަދައި ހޯދަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ. އަދި ބްރިޖް އެޅުމުގެ ތަބު ޖަހަނީ ހަތަރު ވަރަކަށް ސަރަހައްދެއްގައި ކަމަށް ވުމުން ރާޅުގަނޑު ބޭނުން ނުކުރެވޭ ވަރަށް އޮއިވަރަށް ބަދަލު އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ހުރިހާ ކަމަކަށް އަޅުގަނޑުމެން ބަލާފައި މިކަން ކުރިއަށް މި ގެންދަނީ. ބްރިޖްގެ ޑިޒައިން ފައިނަލް ކުރާއިރު ސާފަރުންނާ ވެސް ވާހަކަ ދައްކާނަން. އަޅުގަނޑު ދޭނެ ޔަގީންކަމަކީ އެކަން ކުރާނީ ރާޅުގަނޑު ހަމަ ބޭނުން ކުރެވޭ ގޮތަށޭ. އެންމެ ގޯސްކޮށް ކަންތައް ދިޔަ ނަމަވެސް އެ މީހުންނަށް ކޮންމެވެސް ގޮތްތަކެއް ހޯދައިދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.