މީހުން

ރޯލީމޭ އިން ހިތްތައް ކަތިލި ފަތޯ

އޭނާ އެންމެ ފުރަތަމަ ގިޓާއެއް ކޮނޑުގައި އަޅުވައިގެން ސްޓޭޖަކަށް އެރީ އަސްލަށް ގިޓާކުޅޭކަށް ނޫނެވެ. ސްޓޭޖަށް އަރައި ގިޓާކުޅޭ ކަމަށް ހެދިލައިގެން ހައެއްކަ ގަޑިއިރުވަންދެން ސްޓޭޖު މަތީގައި ހަމައެކަނި "އެކްޓްކޮށްލަ" ކޮށްލަ ހުރީ އެވެ.

އެއީ ނިއު އިޔާ ފާހަގަކުރުމަށް ޗާޔާ ލެގޫނުގައި ބޭއްވި ޝޯއެކެވެ. ޕްރޮގްރާމް މިއުޒިކަށް ލަވަކިޔައިގެން ގެސްޓުންކޮޅު މޮޔަ ހައްދާލައިގެން އޭނާގެ ބޭންޑުގެ މެމްބަރުން އެފަހަރު ނިކަން ބޮޑު ލާރިގަނޑެއް އެ ޝޯ އިން ނެގި އެވެ.

ނަމަވެސް އާޚިރުގައި އޭނާ އަށް ވެސް ލިބުނީ ކެއްސެވެ. އެ ޝޯއަކަށް އޭނާ ގެންދިޔަ މީހާ ގެސްޓުންނަށް އޮޅުވާލުމަށް ފަހު އެންމެފަހުން އޭނާ އަށް ވެސް ލަނޑު ދިނީ އެވެ.

މިއީ އިހަކަށް ދުވަހު އޮލިމްޕަހުގައި ނިކަން ކާމިޔާބު ޝޯތަކެއް ދެއްކި ދިވެހި ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ ހިތްގައިމު ލަވަ "ރޯލީ މޭ" ގެ ފަހަތުގައި ހުރި ޒުވާން ހުނަރުވެރި މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ ފަތުހުﷲ އަބްދުލްފައްތާހު އާންމުންގެ ތެރެއަށް މިވަރަށް މަޝްހޫރުވުމުގެ މާ ކުރިން އޭނާގެ މި އާދަޔާހިލާފު ދަތުރު ފަށަން ޖެހުނު ގޮތެވެ.

މީހުން ބުނެ އުޅެއެއް ނޫން ހެއްޔެވެ. ކާމިޔާބީގެ ފޮނިމީރުކަން ލިބޭނީ ހާލެއްގައި އުޅެވޭ ފަހުންނެވެ.

މިއުޒީޝަނަކަށް ވުމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން އޭނާ ޕްރޮގްރާމު މިއުޒިކަށް އެކްޓްކުރަން ވެސް ސްޓޭޖަށް އެރީ އެވެ. ފަތުހުﷲ ނުވަތަ އޭނާގެ މަޝްހޫރު ނަމުން ނަމަ، ފަތޯ އަށް މިއުޒިކްގެ ދުނިޔެ އަށް ވަދެވުނު ގޮތަކީ މިއީ އެވެ.

އޭރު އޭނާ އަށް 15 އަހަރެވެ.

"އެއީ ސްޓޭޖަކަށް އަރައި މިއުޒިކް ކުޅުމަކާ އެންމެ ގާތަށް ވެސް ދެވުނު ފުރަތަމަ ދުވަހަކީ. ގިޓާ ކުޅެން އެނގުނަސް ގިޓާ ކުޅެ އަމިއްލަ ހުނަރު ދައްކާލުމުގެ ފުރުސަތެއް އެ ދުވަހަކު ނުލިބުނު."

އޭނާ މި ޝޯއެއްގައި "އެކްޓްކުރަން" ދިޔައީ ސްކޫލުގައި ވެސް އުޅެމުންނެވެ. އަނެއްކޮޅުން ގިޓާ ކުޅެން ފެށުމުން އާއިލާގެ ތެރެއިން ކުރިމަތިވި ފިއްތުންތަކުން ވެސް ފިތިގެން ހުރެ އެވެ.

ނަމަވެސް ކުރި މަސައްކަތަށް ލިބެން ޖެހޭ ވަރުގެ އަގެއް ނުލިބި ހިތްމަރުވީ އެވެ.

"އެހެންވީމަ އެގޭ ފަހަކުން ނުދަން. އެނގުނީ އެހާ މަދު ލާރިކޮޅަކަށް އެހާ ދުރަށް ގޮސް އެހާ ބޮޑަށް ވަރުބަލިވުން ވޯތެއް ނޫނޭ. މިއުޒިކް ނުކުޅެ ހަމައެކަނި އެކްޓްކޮށްލަން ޖެހުނަސް އެއޮތް ބަރު ގިޓާ ކޮނޑުގައި އަޅުވައިގެން ފަސް ހަ ގަޑިއިރު ހުންނަން ޖެހުމަކީ ވެސް ފަސޭހަވެގެން ކުރި ކަމެއް ނޫންވިއްޔަ،" މިހާރު 24 އަހަރުވެފައި ހުރި ފަތޯ ބުނީ މިހެންނެވެ.

ފަތޯ އަކީ މެޓަލިކާ އާއި މެގަޑެތު ފަދަ ބޭންޑްތަކުގެ ލަވަތަކަށް ބޯ ހޫރަމުން ގޭތެރޭގައި ގިޓާކުޅެން އުޅުނު ބޭބެއެއްގެ ހުނަރުވެރިކަން ފެނި ގިޓާ ކުޅުމަށާއި ލަވަކިޔުމަށް ޝައުގުވެރިކަން އުފެދުނު ޒުވާނެކެވެ. އެއީ މީގެ 10 އަހަރު ކުރިންނެވެ.

އޭރު އޭނާގެ ބޭބެ މެޓަލް ލަވަތައް ގިޓާ އިން ކުޅެމުންދިޔައިރު އޭނާ އަޑުއަހަން ހުރީ އަލީ ރަމީޒާއި ޒީރޯ ޑިގްރީ އާއި މެޒޯގެ ހިތްގައިމު ދިވެހި ލަވަތަކެވެ.

ފަހަރެއްގައި ދިވެހިންގެ ހިތްތަކާ ކުޅެލެވޭ ވަރުގެ މިއުޒިކާއި ލަވަ އުފައްދަން އޭނާ އަށް މިއަދު އެނގެނީ އެ ދުވަހު އަޑުއެހި މިއުޒިކެއްގެ ސަބަބުންނެވެ. ނުވަތަ ދިވެހިންގެ ހިތްތައް ކަތިލި މަޝްހޫރު އެހެން ބޭންޑްތައް ކަމުގައިވީ އެމޭޒަން ޖޭޑާއި ޓްރިއޯ ފަދަ ބޭންޑްތަކުގައި ވެސް މިއުޒިކް ކުޅެފައި ވާތީ އެވެ.

މާ މޮޅު ލަވަކިޔުންތެރިއެއް އަދި މިއުޒީޝަނެއްގެ ގޮތުގައި މާ ގިނަ ބަޔަކަށް ފަތޯއެއް ނޭނގުނަސް އޭނާ އަކީ ތަންކޮޅެއް ކުރިން ވެސް މިގޮތަށް ގެނެސްދިން އަމިއްލަ ރާގުގެ ދިވެހި ލަވަތަކުން އެހުންތެރިން އާޝޯހުކޮށްލާފައިވާ ފަރާތެކެވެ.

އެގޮތުން ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ހެޕީ ބާތު ޑޭ" އަށް ޓްރިއޯ ބޭންޑާ އެކު ރިކޯޑްކުރި ތީމް ލަވަ އާއި މީގެ ހައެއްކަ އަހަރު ކުރިން ނެރުނު އަމިއްލަ ލަވަ "ހާލަތޭ" އަކީ ވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. ނަމަވެސް "އެންމެ ފަހު ވިންދާ ޖެހެން ދެން" ފަތޯގެ ވާހަކަ އޮތީ މެއިންސްޓްރީމް މީޑިއާގައި ނުދެކެވި، ދިވެހި އުފެއްދުންތެރި ލަވަ އާއި މިއުޒިކަށް ލޯބިކުރާ ފަރާތްތަކާ ހަމަ އަށް ނައިސް އެވެ.

ފަހަރެއްގައި މިއުޒީޝަނެއްގެ ގޮތުގައި ކިރިޔާ ވެސް ހިންދެމިލެވޭވަރުގެ އާމްދަނީއެއް ލިބޭ ރިސޯޓް މިއުޒިކުގައި ކާމިޔާބުވުމަށް ކުރި މަސައްކަތާ ހެދި އެވެ. ފަތޯ ބުނީ އެންމެ ފުރަތަމަ ރިސޯޓް މިއުޒިކަށް ނުކުތީ އެ މާކެޓްގެ އެއްވެސް ކަމެއް ނޭނގި ކަމަށް ވުމުން އެންމެންގެ ފަރާތުން ވެސް ލިބުނީ ފާޑަކަށް ކެހި ކަމަށެވެ.

މިއުޒީޝަނެއްގެ ގޮތުގައި ކުރި އަރައިގެން ދާން އޭނާ ކުރި މަސައްކަތް އެކި ފަހަރުމަތިން ވަޅުޖެހި އޭނާގެ އަޑު ދުވަސްދުވަސްގަނޑަށް ކެނޑިގެން ދިޔަ ސަބަބަކީ ވެސް އެއީ އެވެ. ރަނގަޅު ބަޔަކާ ޖެހި ރަނގަޅު ފުރުސަތެއް ލިބުމަށް އޭނާ އަށް ނެގި ވަގުތު ގިނަވީ އެވެ.

"މިއުޒިކް ކުޅެގެން ލާރިއެއް ނުލިބޭ ދުވަސްތަކެއް ވެސް ދިޔަ. ރިސޯޓަށް ގެންދާ މީހާ އަށް ލާރި ލިބުނަސް އަހަރެމެންނަށް ލިބެން ޖެހޭ ބައި އޮންނަނީ ނުލިބިފައި. ދެން ޖެހެނީ އެގޮތަށް މިއުޒިކް ކުޅުން ހުއްޓާލަން،" ފަތޯ ކިޔައިދިނެވެ.

"ފުރުސަތުތަކަށް އެދި މީސް މީހުން ގާތު އާދޭސްކުރި ހަނދާން ވެސް އެބަހުރި އަދިވެސް."

ނަމަވެސް އޭރު އޭނާއަކަށް އެންމެ އެދެވޭ ގޮތަކަށް އެ ފުރުސަތެއް ނުލިބުނެވެ. އޭނާގެ ހުނަރުވެރިކަމަކަށް އެހެން މީހުންގެ ފަރާތުން ލިބުނު މާ ބޮޑު ޝައުގުވެރިކަމެއް ވެސް ނެތެވެ.

އެކަމަކު ފަތޯގެ "ރޯލީމޭ" އަކާ ޖެހިގެން ގޮސް އެތައް ބައެއްގެ ހިތް މި ވަނީ އޭނާގެ މި އާދަޔާހިލާފު ލަވަ އަށް ވެއްޓިފަ އެވެ.

އެހެންވީމަ ދެން ކުޑަކޮށް މި ލަވައެއްގެ ވާހަކަ ދައްކާލަމާ ހިނގާށެވެ. މި ލަވަ އަކީ ޖުމައްޔިލް އާއި މަޖުދާ ލީޑް ރޯލު ކުޅެފައިވާ ލޯބީގެ އަސަރުގަދަ ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" އެއްގައި ހިމަނައިގެން ބެލުންތެރިންނާ ހަމަ އަށް ގެނައުމުގެ މާ ކުރިން ވެސް ފަތޯ އާންމުކޮށްގެން އުޅުނު ލަވައެކެވެ.

"ނަމަވެސް މި ފިލްމަށް މި ލަވައެއް ލީމަހެން ހީވަނީ މިވަރަށް މި މަޝްހޫރުވީ. އަސްލު ހީއެއް ވެސް ނުކުރަން މިވަރުގެ ބޮޑު ތަރުހީބެއް މި ލަވަ އަށް ލިބިގެން ހިނގައިދާނެ ކަމަކަށް ވެސް،" ލަވަ އަށް ލިބިގެން ދިޔަ ބޮޑު ތަރުހީބާ ގުޅިގެން ހައިރާންވެ އަދި ހަމަ އެ ވަރަށް އުފާވެފައި ހުރި ފަތޯ ބުނީ މިހެންނެވެ.

އޭނާ ބުނީ މިއީ އެއް ދުވަހަކު ރައްޓެއްސެއްގެ ގެއެއްގައި ގިޓާ ހިފައިގެން ސަކަރާތް ޖަހަން އުޅެނިކޮށް އުފަންކުރެވުނު މެލޮޑީއެއް ކަމަށެވެ.

"ދެން ވަގުތުން ގިޓާއިން ކުޅެލާފައި ރިކޯޑްކޮށްލީ ފަހުން ކުޅެންވެގެން. އަސްލު އޭގެ މެލޮޑީ ސަލާމަތްވީ އަހަރެން ކުޅުނުއިރު ފޯނަކުން ރިކޯޑްކޮށްދޭނެ މީހަކު އެތަނުގައި ހުރީމަ. އެހެން ނޫން ނަމަ އެހެން ވަރަށް ގިނަ ރާގުތައް ފަދައިން އެ ލަވަ ވެސް ދާނީ ހަނދާން ނެތިގެން،" ފަތޯ ކިޔައިދިނެވެ.

އޭނާ ބުނީ ލަވަ ނިންމަން ނެގީ މަސް ދުވަސް ކަމަށެވެ.

"އެ ލަވައިގެ ހުރިހާ ކަމެއް ކުރީ އަމިއްލަ އަށް. މިކްސްކޮށް މާސްޓާ ހެދީ ވެސް އަމިއްލަ ކޮޓަރީގައި. ލެޕްޓޮޕުން. އެކަމަކު ވިތު އެކްސްޕީރިއަންސް އާއި ނޮލެޖު ހުރެގެން މި މަސައްކަތްކުރަނީ. ލަވަ އަޑުއަހާލާފައި ނޭނގޭނެ އެއީ ކޮޓަރި ތެރޭގައި އެގޮތަށް ނިންމާލާފައިވާ ލަވައެއް ކަމެއް ވެސް."

ފަތޯ ބުނީ އޭނާ އަށް ގަބޫލުކުރެވޭ ގޮތުގައި މި ލަވައަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައީ އޭގެ ސިމްޕަލްކަމާ ހުރެގެންނެވެ. އަދި ފަސޭހައިން ބޮލު ތެރޭގައި ހަރުލާ ކަހަލަ ރާގަކަށް އޭގެ ޓިއުންވީމަ ކަމަށެވެ.

މި ލަވަ އަށް ތައުރީފު އޮއްސަމުންދާ އެންމެން ވެސް ބުނަނީ އެހެންނެވެ. މިއީ އެއް ފަހަރު އަޑުއަހައިފި ނަމަ ދެ ވަނަ ފަހަރަށް އަޑު އަހަން މަޖުބޫރުކޮށްލާ ލަވައެއް ކަމަށެވެ. ދެން އެއަށް ފަހު ބޮލު ތެރޭގައި ހަރުލާނެ ރާގެއް އަދި ލަވައެއް ކަމަށެވެ.

ފަތޯ ބުނީ އޭނާގެ މިފަދަ މަސައްކަތްތަކަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގައި ކުރެވިފައިވާ ހިތި ތަޖުރިބާތައް ކަމަށެވެ. އޭނާގެ މިފަދަ ލަވަތައް އުފައްދަމުން ދަނީ އާއިލާގެ ތެރެއިން އަދި އަމިއްލަ ޒާތީ ދިރިއުޅުމުން ތަޖުރިބާކުރެވިފައިވާ ކަންކަމުން ހިތްވަރު ހޯދައިގެންނެވެ.

"މި ލަވަ އަކީ ވެސް ހަޔާތުގައި ދިމާވެފައި ހުރި ގޮތް. ކުރެވުނު އަމިއްލަ ތަޖުރިބާތަކުން އިންސްޕަޔާވެގެން އައި ލަވައެއް މިއީ ވެސް."

އޭނާ ބުނީ މިހާތަނަށް އުފެއްދުނު އެންމެ ހިތްހަމަޖެހޭ ލަވައަކީ މިއީ ކަމަށާއި ނަމަވެސް އޭނާގެ އެކުވެރިންނަށް އަދިވެސް އެންމެ ރީތީ މާ ކުރިން ރިކޯޑްކޮށްފައިވާ ލަވައެއް ކަމަށެވެ. އެއީ "ހާލަތޭ" އެވެ.

"އެންމެން ވެސް ބުނަނީ ހާލަތޭ ވަރަށް ވުރެ ރީތި ލަވައެއް ނުހެދެޔޭ އަހަންނަކަށް. ދެން ބޭނުންވީ އެއަށް ވުރެ ރީތި ލަވައެއް ހަދަން. އެގޮތުން އަސްލު މި ލަވައާ މެދު މިހާރު މާ ބޮޑަށް ހިތްހަމަޖެހޭ."

ކޮންމެއަކަސް ރިސޯޓް މިއުޒިކްގެ ތެރެއަށް ގެއްލިފައިހުރި މި ހުނަރުވެރިޔާގެ ވާހަކަ އާންމުންނާ ހަމަ އަށް ވެސް އައީ އެވެ. ނަމަވެސް ފަތޯ ބުނަނީ ރިސޯޓް މިއުޒިކަކީ އަދިވެސް އޭނާގެ ދިރިއުޅުން ކަމަށެވެ.