ވިޔަފާރި

ރާއްޖޭގެ އިންޝުއަރެންސް ވިޔަފާރި އެއް ބިލިއަނަށްވުރެ މައްޗަށް!

ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ފުޅާވެ އެއް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިދިޔަ އަހަރުގެ އަހަރީ ނަމްބަރުގައިވާ ގޮތުންމިދިޔަ އަހަރު ވެސް އިންޝުއަރަންސްގެ ވިޔަފާރިތަކުގެ ޖުމްލަ އެސެޓްއާއި ޖުމްލަ ޕްރީމިއަމް ނުވަ ޕަސެންޓް އިތުރުވެ، ވަނީ 1.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި ޕްރީމިއަމްގެ ގޮތުގައި ލިބުނު ޖުމްލަ ފައިސާ ވަނީ 15 ޕަސެންޓް އިތުރުވެ، 767.3 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި އިންޝުއަރަންސް ކުންފުނިތަކުގެ އެސެޓްތަކަށް ބަލާއިރު ޖުމްލަ އެސެޓްގެ 28 ޕަސެންޓް އިންވެސްޓްމެންޓްގެ ގޮތުގައި ހުރިއިރު ރީ- އިންޝުއަރަންސްގެ ގޮތުގައި 25 އަދި ލިބެން ހުރި ޕްރީމިއަމްގެ ގޮތުގައި ހުރީ 17 ޕަސެންޓެވެ.

އެމްއެމްއޭއިން ބުނީ މިދިޔަ އަހަރު އިންޝުއަރަންސް ކުންފުނިތަކުން ބަދަލުގެ ގޮތުގައި ދިން 240 މިލިއަން
ރުފިޔާއަކީ 2016 ވަނަ އަހަރާ އަޅާބަލާއިރު ހަތް ޕަސެންޓް ދަށް އަދަދެއް ކަމަށެވެ. މީގެ ތެރެއިން 45 ޕަސެންޓް ނުވަތަ 108 މިލިއަން ރުފިޔާ ދައްކާފައި ވަނީ ސިއްހީ އިންޝުއަރަންސް ޕޮލިސީތަކުގެ ބަދަލަށެޗެ. އަދި 30 ޕަސެންޓް ނުވަތަ 72 މިލިއަން ރުފިޔާ ދައްކާފައި ވަނީ ކަނޑުގެ އުޅަނދުފަހަރާ ގުޅޭ
އިންޝުއަރަންސް ޕޮލިސީތަކުގެ ކްލެއިމްތަކަށެވެ.

އެމްއެމްއޭ އިން ބުނީ އިންޝުއަރެންސް ކުރިއެރުން ބެލުމަށް އާންމުކޮށް ބޭނުން ކުރާ ދެމިންގަނޑެއް ކަމަށްވާ އިންޝުއަރަންސް ޕެނެޓްރޭޝަން އާއި އިންޝުއަރަންސް ޑެންސިޓީއަށް ބަލާއިރު މިދިޔަ އަހަރު ރާއްޖޭގެ އިންޝުއަރަންސް ދާއިރާ އަށް ރަނގަޅު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. މިގޮތުން ޖެނެރަލް އިންޝުއަރަންސް ވިޔަފާރި އަށް ބަލާއިރު ޕްރީމިއަމްގެ ގޮތުގައި ލިބުނު ޖުމްލަ ފައިސާ އިން އާބާދީގެ ބޮލަކަށް ޖެހޭ މިންވަރު ދައްކުވައިދޭ "އިންޝުއަރަންސް ޑެންސިޓީ" ވަނީ 2016 ވަނަ އަހަރު ބޮލަކަށް ޖެހުނު 91.5 އެމެރިކާ ޑޮލަރު، މިދިޔަ އަހަރު ވަނީ 103.3 ޑޮލަރަށް އިތުރުވެފަ އެވެ.

އިންޝުއަރަންސްގެ ވަކިވަކި ބާވަތްތަކުގެ ރިޓެންޝަން ރޭޝިއޯ އަށް ބަލާއިރު، އެންމެ ގިނައިން ނަގާ އިންޝުއަރަންސް ކަމަށްވާ އަލިފާނުގެ އިންޝުއަރަންސްގެ ރިޓެންޝަން ރޭޝިއޯ ވަނީ ކުރީ އަހަރެކޭ އެއްފަދައިން އަށް ޕަސެންޓުގައި ހިފެހެއްޓިފައެވެ. ނެގުން ލާޒިމު އިންޝުއަރަންސްތަކެއް ތައާރަފް ކުރުމުގެ
ސަބަބުން އިތުރުވަމުން އަންނަ ސިއްހީ އިންޝުއަރަންސް އާއި އެއްގަމު އުޅަނދުފަހަރުގެ އިންޝުއަރަންސްގެ މިދެ ބާވަތުންކުރެ ކޮންމެ ބާވަތަކުން ވެސް ވަނީ 90 ޕަސެންޓް އަށް ވުރެ ބޮޑުކޮށް ރިޓެންޝަން ރޭޝިއޯ ބަހައްޓާފައެވެ. ކުރީ އަހަރާ އަޅާ ބަލާއިރު ސިއްހީ އިންޝުއަރަންސް ގެ ރިޓެންޝަން ރޭޝިއޯ
ދެ ޕަސެންޓް އިން އިތުރުވެފައިވާއިރު، އެއްގަމު އުޅަނދުފަހަރުގެ އިންޝުއަރަންސް ވަނީ ތިން ޕަސެންޓް އިން ދަށްވެފަ އެވެ.

ރާއްޖޭގައި އިންޝުއަރަންސްގެ ވިޔަފާރި ފަސް ކުންފުންޏަކުން ކުރެ އެވެ. މީގެ ތެރޭގައި ހިމެނެނީ ޖެނެރަލް
އިންޝުއަރަންސް (ލައިފް ނޫން ބާވަތްތަކުގެ އިންޝުއަރަންސް) ގެ ވިޔަފާރި ކުރާ ހަތަރު ކުންފުންޏަކާއި، ޖެނެރަލް އަދި ލައިފް އިންޝުއަރަންސްގެ ވިޔަފާރި ކުރާ އެއް ކުންފުންޏެވެ. އިންޝުއަރަންސް ދާއިރާ އިން އާންމު ގޮތެއްގައި ވިޔަފާރި ކުރަނީ އިންޓަމީޑިއަރީއަކާ ނުލާ ކަމުގައިވީ ނަމަވެސް، މި ދާއިރާގައި ބްރޯކަރުންނާއި އޭޖެންޓުން ވެސް ހަރަކާތްތެރިވެ އެވެ.