ވިޔަފާރި

ފެލިވަރުގެ އަޕްގްރޭޑަށްފަހު ސަބްވޭއަށް ބޭނުންވާ މަސް ރާއްޖޭގައި ބަންދުކުރާނެ: މިފްކޯ

May 21, 2015

ފެލިވަރު ފެކްޓްރީ އަޕްގަރޭޑްކޮށް ނިމުމުން ސަބްވޭ ޗެއިނަށް ބޭނުންވާ މަސް ރާއްޖޭގައި ބަންދު ކުރަން ފެށޭނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ރެސްޓޯރެންޓް ޗެއިން ކަމަށްވާ ސަބްވޭއަށް ބޭނުންވާ މަހުގެ ބައެއް ފޯރުކޮށްދިނުމަށް މިފްކޯއަށް ހަވާލުވުމާ ގުޅިގެން "އަވަސް" އަށް ވާހަކަ ދައްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ ސަބްވޭއާއެކު އެއްބަސްވުމަކަށް އައުމަކީ މުޅިރާއްޖެއަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށެވެ.

"މިފްކޯ އިން 2014 ވަނަ އަހަރު ބައިވެރިވި ވޯލްޑް ޓޫނާ ކޮންފަރެންސުން ފެށުނު ނެގޯސިއޭޝަނެއް މިއީ. ސަބްވޭ ކަހަލަ ބަޔަކާއެކު އެއްބަސްވުމަކަށް އާދެވުމަކީ ބޮޑު ކުރިއެރުމެއް. މީގެ ސަބަބުން އިތުރު ދޮރުތަކެއް ހުޅުވިގެން ދާނެ،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެލިވަރު ފެކްޓްރީ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި މަސައްކަތް ނިމުމުން މަސް ބަންދު ކުރުން ފުޅާ ކުރެވޭނެ ކަމަށެވެ.

"މި އަހަރު ނިމުމުގެ ކުރިން މަސައްކަތް އިރާދަކުރެއްވިއްޔާ ނިންމާލެވޭނެ. އޭރުން ސަބްވޭ ޗެއިނަށް ބޭނުންވާ ކޮލިޓީގައި ރާއްޖޭގައި މަސް ޕެކް ކުރަން ފެށޭނެ. މި ވެގެންދާނީ ބޮޑު ކުރިއެރުމަކަށް،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަބްވޭ ޗެއިނާއެކު އެއްބަސްވުމަކަށް އާދެވުނީ އެ ކުންފުނީގެ ބައެއް ބޭފުޅުން ރާއްޖެއަށް ޒިޔާރަތްކޮށް ގިނަ ކަންތައްތަކެއް ބެލުމަށްފަހު ކަމަށެވެ.

"އެ ބޭފުޅުން މަހަށް ގޮސް މަސް ބާނާ ގޮތް ވެސް ބެލި. މިފްކޯގެ ބޯޓު ފަހަރަށް ވެސް އެރި. މީގެ އިތުރުން ރަށްރަށުގެ މަސްވެރިންގެ މަސައްކަތް ވެސް ބެލި. ގިނަ ކަންތައްތަކެއް ބެލުމަށްފަހު މި އެއްބަސްވުމަށް މިއައީ،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މިވަގުތު މަސް ބޭރުކުރާނީ ހަމައެކަނި އެމެރިކާގައި ހުންނަ ސަބްވޭގެ ރެސްޓޯރެންޓްތަކަށް ކަމަށެވެ.

"މިހާރު މި މަސް ފޯރުކޮށްދޭން އެއްބަސްވެވުނީ އެމެރިކާ އަށް. މި ޗެއިންގެ ތަންތަން ޔޫރަޕުގައި ވެސް ހުރޭ. އެހެންވެ މުސްތަގުބަލުގައި އިތުރު ތަންތަނަށް ވެސް މަސް ފޯރުކޮދޭން ފެށޭނެ،" އަދްލީ ވިދާޅުވި އެވެ.