ދުނިޔެ

ޕާކިސްތާނުގައި ދީނީ ހަމަނުޖެހުމަށް ގޮވާލި އިމާމަކު ޖަލަށް ލާން ހުކުމްކޮށްފި

May 21, 2015

ދީނީ ހަމަނުޖެހުމަށް ގޮވާލުމުގެ ކުށުގައި ޕާކިސްތާނުގެ މިސްކިތެއްގެ އިމާމަކު ފަސް އަހަރަށް ޖަލަށް ލާން އިއްޔެ ހުކުމް ކޮށްފި އެވެ.

އެހެން ނަމަވެސް، މިފަދަ މައްސަލަތަކެއްގައި އިތުރު ހަ ދީނީ އިލްމުވެރިއެއްގެ މައްޗަށް މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި ޖަލު ހުކުމް އިއްވާފައިވެ އެވެ. އަދި ޕެޝާވަރުގެ ސްކޫލަށް ދިން ހަމަލާ އަށް ފަހު، މިހާތަނަށް 21 މީހަކު މިފަަދަ މައްސަލަތަކުގައި ޖަލަށް ލާފައިވާ ކަމަށް ޑޯން ނޫހުން ބުނެފައިވެ އެވެ.

ސުންނީންގެ ބޮޑު އާބާދީއެއް އޮންނަ ޕާކިސްތާނުގައި ބައިމަދު ޝީއީންނާ ދެކޮޅަށް މިސްކިތްތަކުގެ އިމާމުން ފަތުވާ ނެރުމަކީ އާއްމު ކަމެކެވެ.

އެކަން ހައްލުކުރުމަށް، ޕާކިސްތާނުގެ ސަރުކާރުން ވަނީ މިސްކިތްތަކުގެ އަޑުގަދަކުރާ ބޭނުންކުރުން މަދުކުރުމަށް ދާދި ފަހުން އަންގާފަ އެވެ. އަދި އަޑުގަދަކުރާ ބޭނުންކޮށްގެން ދީނީ ހަމަނުޖެހުންތަކަށް ހިތްވަރު ލިބޭ ގޮތަށް ހުތުބާ ކިޔާ ކަމުގެ ތުހުމަތު ކުރެވޭ އިމާމުން ހައްޔަރުކުރުން އިތުރުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެހެން ނަމަވެސް، ދީނީ ހަމަނުޖެހުންތައް ދަނީ ހުއްޓުމެއް ނެތި ހިނގަމުންނެވެ. އެ ގޮތުން، ކަރާޗީގައި ބަހެއްގައި ދަތުރުކޮށްފައި ދިޔަ 45 ޝީއީންގެ މީހަކު ވަނީ މިދިޔަ ހަފުތާގައި މަރާލާފަ އެވެ.