ދުނިޔެ

ދެކޮރެއާ ސުލްހަވިޔަސް އެމެރިކާ ސިފައިން ދެކުނުގައި ތިބޭނެ

އުތުރުކޮރެއާއާއި ދެކުނުކޮރެއާ އިން ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރިޔަސް ދެކުނުކޮރެއާގައި ތިބޭ އެމެެރިކާ ސިފައިން ނުފައިބާ ތިބެން އެދޭ ކަމަށް އެގައުމުން ބުނެފިއެވެ.

"އެމެރިކާ ސިފައިން ދެކުނުކޮރެއާގައި ގާއިމްވެ ތިބުމަކީ ދެކުނުކޮރެއާއާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމުގެ ކަމެއް. ސުލްހައިގެ މުއާހަދާތަކުގައި ސޮއިކުރުމާ އެކަމަކާ ގުޅުމެއް ނެތް،" ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ކިމް އިޔޫ ކްޔޫމް ވިދާޅުވި ކަމަށް ރޮއިޓާސް ބުންޏެވެ. ކްޔޫން އަކީ ދެކުނުކޮރެއާގެ ރައީސް މޫން ޖައި އިންގެ އޮފީހުގެ ތަރުޖަމާނެކެވެ.

ދެކުނުކޮރެއާގައި އެމެރިކާ ސިފައިން ތިބޭ ތިބުމާ މެދު މީޑިއާއިން ސުވާލުތައް އުފެއްދީ އެގައުމުގެ ރައީސް އަށް ލަފާއަރުވާ އިލްމީ ބޭފުޅެއްކަމަށްވާ މޫން ޗުން އިން ލިއުއްވި ކޮލަމަކާ ގުޅިގެންނެވެ. މިހަފުތާގެ ކުރީޅު ޝާއިއު ކުރި އެ ކޮލަމްގައި ޗުން ވިދާޅުވެފައި ވަނީ ދެކޮރެއާ ދެމެދު ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރުމަށް ފަހު އެމެރިކާ ސިފައިން ދެކުނުކޮރެއާގައި ތިބޭ ތިބުން ދިފާއުކޮށް ވާހަކަ ދައްކަން އުނދަގޫވާނެ ކަމަށެވެ. ކްޔޫން ވިދާޅުވީ އޮޅުން އަރާ ގޮތަށް އަމަލުނުކުރެއްވުމަަށް ޗުންއަށް ދަންނަވާފައިވާ ކަމަށެވެ.

ދެކުނުކޮރެއާގައި އެމެރިކާ ސިފައިން ތިބެން ޖެހޭ ސަބަބެއްގެ ގޮތުގައި ދެކުނުކޮރެއާގެ ރިޔާސީ ގަނޑުވަރުގެ އެހެން އޮފިޝަލަކު ވިދާޅުވެފައި ވަނީ ދެކުނުކޮރެއާގެ އަވަށްޓެރިންގެ ގޮތުގައި ތިބި ޗައިނާއާއި ޗަޕާން ފަދަ ބާރުތަކުގެ މެދުގައި އުފެދޭ ހަމަނުޖެހުންތަކުގައި މެދުވެރިއެއްގެ ދައުއުރު އަދާކުރުމެެވެ.

ދެކުނުކޮރެއާގައި އެމެރިކާގެ 28500 ސިފައިން ތިބެއެވެ. އެމީހުން ދެކުނުކޮރެއާއިން ފޭބުމަކީ އުތުރުކޮރެއާއިން ކުރިއްސުރެ އެދެމުން އަންނަ ކަމެކެވެ. ނިއުކްލިއަ ހަތިޔާރު ނައްތައިލުމުގެ ޝަރުތެއްގެ ގޮތުގައި ވެސް އެގައުމުން އެކަން ނަގައެވެ.