ހަބަރު

ދައުވާގައި އަސްލެއް ނެތް، ބޭނުމަކީ އަހަރެން އެކަހެރިކުރުން: ރިޔާޒު

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުއްވި އަމުރާ ގުޅިގެން ފުލުހުން ތަހުގީގު ހިންގުމަށްފަހު ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އުފުލާފައިވާ ދައުވާގައި އެއްވެސް އަސްލެއް ނެތް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ރިޔާޒު މިހެން ވިދާޅުވީ، އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގަ އެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރިޔާޒުގެ މައްޗަށް ކުރާ ދައުވާ އިއްވާފަ އެވެ. އެ ދައުވާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މަގާމު އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައި ހުންނަވާ އިތުރު ބަޔަކާ ގުޅިގެން ސަރުކާރު ވައްޓާލަން ރިޔާޒު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރިޔާޒާއި އޭނާގެ ބައިވެރިންގެ އަމިއްލަ މަންފާއަށް އެކެއް ފެބުރުއަރީގެ އަމުރު ނެރެފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ. އޭގެއިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ރިޔާޒު އުޅެފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

ދައުވާ އިއްވުމުން ރިޔާޒު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެންމެ ފުރަތަމަ އޭނާ ފާހަގަކުރެއްވީ އޭނާ ހައްޔަރުކުރުމާއި ބަންދުކުރުމުގައި ކަން ހިނގައި ދިޔަ ގޮތެވެ. އެގޮތުން އޭނާ ހައްޔަރުކުރީ އެއްވުމެއްގެ ތެރެއިން ކަމަށާއި ހައްޔަރުކޮށް ކުރި ތުހުމަތަކީ ނުފޫޒު ފޯރުވުމުގެ ތުހުމަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އެއަށްފަހު އެ ތުހުމަތާ ގުޅިގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަކީލެއް ވެސް ނެތި އަމުރުކުރި ކަމަށާއި އެ އަމުރު ރިވިއުކޮށް ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި ނަމަވެސް އަދިވެސް އެކަން ނުކޮށްދެއްވާ ކަމަށެވެ. އަމުރު ރިވިއު ނުކުރެވެނީސް ހައިކޯޓުން އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވައި ބަންދުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

ރިޔާޒު ވިދާޅުވީ، ޓެރަރިޒަމް ފަދަ ބޮޑު ތުހުމަތެއް އޭނާގެ މައްޗަށް ކުރާއިރު އެކަމާ ގުޅޭ ގޮތުން އެކަށީގެންވާ ތަހުގީގެއް ކޮށްފައިނުވާ ކަމަށެވެ. ރިޔާޒު ވިދާޅުވީ ޓެރަރިޒަމްގެ ކުށުގައި އޭނާއާ ސުވާލުކުރީ އެންމެ ދުވަހަކު ކަމަށާއި އެއީ ވެސް ވަރަށް ޖެނަރަލް ސުވާލުތަކެއް ކަމަށެވެ. ވަކި ކަމެއް ކުރިތޯ ވަކި މީހަކާ ވާހަކަ ދެއްކިތޯ ވެސް އަހާނުލާ ކަމަށާއި އޭނާއާ ދެކޮޅަށް ހުރި ހެކިތަކަކީ ކޮބައިކަން ވެސް ނާންގާ ކަމަށެވެ. އަދި ތަހުގީގަށް އޭނާގެ ފޯނު ބެލުން ނުވަތަ ގެ ފާސްކުރުން ފަދަ ކަމެއް ވެސް ހިނގާފައިނުވާ ކަމަށެވެ. އެ ތުހުމަތާ ގުޅިގެން އޭނާ ބަންދުކުރުމަށް ދައުލަތުން ކޯޓުގައި އެދިފައިނުވާކަން ވެސް ރިޔާޒު ފާހަގަކުރެއްވި އެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ، ދައުވާގެ ސީޣާގައި ބުނާ ކަންކަމާ ގުޅޭ ގޮތުން ރިޔާޒާ ތަހުގީގުގައި ސުވާލު ކުރެވިފައިވާ ކަމަށާއި ޓެރަރިޒަމްގެ ކުށުގެ އަމަލެއްގެ ތުހުމަތުކުރާ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށެވެ. އޭގެއިތުރަށް އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒްނާ ވިދާޅުވީ ޓެރަރިޒަމް މައްސަލާގައި ރިޔާޒު ބަންދުކުރަން ކޯޓުގައި އެދިފައިނުވަނީ އެހެން މައްސަލައެއްގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާތީ އެވެ. މީހަކު ބަންދުކުރުމަށް އެދެނީ އެމީހަކީ މުޖުތަމައުއަށް ނުރައްކަލެއްވާފަދަ މީހެއް ކަމަށްވާނަމަ ނުވަތަ ހެއްކަކަށް ނުފޫޒު ފޯރުވަދާނެ ކަމުގެ ބިރު އޮންނަ ހާލަތްތަކުގަ ކަމަށާއި ނަމަވެސް ރިޔާޒު ބަންދުގައި ހުންނެވުމުން މި ހާލަތަށް އެކަންކަން ނެތް ކަމަށް ފަޒްނާ ވިދާޅުވި އެވެ. އެއް މައްސަލައެއްގައި ބަންދުކޮށްފައި ހުރިނަމަ އަނެއް މައްސަލާގައި ބަންދުކުރުމަށް ނޭދުމަކީ އާންމުކޮށް އަމަލުކުރަމުން އަންނަ އުސޫލު ކަމަށް ވެސް ފަޒްނާ ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ދައުވާގައި ބުނާ ކަންކަމާ ގުޅޭ ގޮތުން ރިޔާޒާ ސުވާލުކޮށްފައިވާކަން އެނގެން އެބަ އޮތް ކަމަށާއި އަދި މައްސަލާގެ ތަހުގީގު ހިންގާފައިވަނީ އެކަށީގެންވާ މިންވަރަށްކަން މައްސަލާގެ ހެކި ހުށަހެޅުމުން އެނގިގެންދާނެ ކަމަށެވެ. އެހެންވެ އެ މައްސަލާގައި ދައުވާދާރީވުމަށް ރިޔާޒަށް އެންގެވި އެވެ. ރިޔާޒު ވިދާޅުވީ ދައުވާއަކީ އަސްލެއް ނެތް ދައުވާއެއް ކަމަށެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރަނީ ސަރުކާރުގެ ވެރިން މުއައްސަސާތަކުގެ ބޭނުން ހިފައިގެން ކަމަށެވެ. އެއީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގައުމު އިސްލާހުކުރުމަށް ކުރާ މަސައްކަތުން އޭނާ އެކަހެރިކުރުމަށްޓަކައި ކަމަށެވެ.

މައްސަލާގައި އިތުރަށް ކުރިއަށް ވަޑައިގަންނަން ބޭނުންވީ ގާނޫނީ ވަކީލަކާއެކު ކަމަށް ރިޔާޒު ވިދާޅުވި އެވެ. ރިޔާޒު އެދިލެއްވީ 10 ދުވަސް އެކަމަށް ދެއްވުމަށެވެ.

ނަމަވެސް ގާޒީ ހައިލަމް ދެއްވީ ފަސް ދުވަހެވެ. އާންމުކޮށް ގާޒީ ހައިލަމް މި މައްސަލަތަކުގައި ދެއްވަމުން އައީ ދެ ދުވަހެވެ. ރިޔާޒަށް ފަސް ދުވަސް ދެއްވީ މައްސަލާގައި ބަންދު މަޖިލީހެއް ވެސް ބާއްވާފައިނުވާތީ މައްސަލައަށް އަލަށް ވަކީލަކު އައްޔަންކުރަންޖެހޭތީ އެވެ.