ވިޔަފާރި

މިދިޔަ އަހަރު އިމާރާތް ކުރުމުގެ ދާއިރާއަށް ދޫކުރި ލޯނު 24 ޕަސެންޓް މައްޗަށް

މިދިޔަ އަހަރު ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް ދޫކުރި ލޯނުގެ އަދަދު 22 ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މިދިޔަ އަހަރުގެ އަހަރީ ނަމްބަރުގައިވާ ގޮތުން ގެދޮރާއި އިމާރާތްތައް ހަދަން އޮންނަ ޑިމާންޑް އިތުރުވަމުން ދިއުމާއެކު، ފައިނޭންސް ހޯދަން ފަސޭހަވުމުން މި ދާއިރާއަށް ބޭންކްތަކުން ދޫކުރި ލޯނުތައް ވަނީ އިތުރުވެފަ އެވެ.

"މީގެ މައިގަނޑު ސަބަބަކީ ގެދޮރު އިމާރާތް ކުރުމަށާއި ގެސްޓްހައުސް އަދި އާ ރިސޯޓްތައް ތަރައްގީ ކުރުމަށް ދޫކުރި ލޯނުގެ އަދަދު އިތުރުވުމެކެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރު އިމާރާތް ކުރުމުގެ ދާއިރާ އަށް ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ އަދަދުވެސް ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މި މުއްދަތުގައި ލަކުޑިއާއި ދަގަނޑު އަދި ސިމެންތި އާއި ހިލަ އަދި ހިލަވެލި ގިނަ އަދަދަކަށް އިތުރުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ އިމާރާތް ކުރުމުގެ ދާއިރާގެ ކުރިއެރުން އެނގޭ އެއް ކަމަކީ އިމާރާތް ކުރަން ހުއްދަ ދީފައިވާ މިންވަރު އިތުރުވެގެން ދިއުން ކަމަށެވެ.

މިދިޔަ އަހަރު މާލެ ސަރަހައްދުގައި އިމާރާތް ކުރަން 622 ފަރާތަކަށް ހުއްދަ ދީފައިވެ އެވެ. އަދި އިމާރާތް ބޭނުން ކުރުމުގެ ހުއްދަ 794 ފަރާތަކަށް ދީފައިވާއިރު، ޑީވޯޓަރިން ހުއްދަ 523 ފަރާތަކަށް ވަނީ ދީފަ އެވެ. މީގެން އެނގެނީ އިތުރު މަަސައްކަތްތައް ފެށިފައިވާކަން ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.