ދުނިޔެ

ގުއާންޓެނާމޯ ބޭ ޖަލުން ސައުދީ މީހަކު މިނިވަންކޮށްފި

ކިއުބާގެ ގުއާންޓެނާމޯ ބޭގައި އެމެރިކާއިން ހިންގާ ޖަލުގައި ހުރި ސައުދީ އަރަބިއްޔާގެ ރައްޔިތަކުން އެޖަލުން ނެރެ ސައުދީއަށް ފޮނުވާލައިފިއެވެ.

ގައިދީންނަށް ލާއިންސާނީ އެތައް އަނިޔާއެއް ދިންކަން ފަޅާ އަރާފައިވާ ގުއާންޓެނާމޯ ޖަލުން ނެރުނު އަހުމަދު އަލް ދަރުބީއަކީ ފްރާންސްގެ ތެޔޮ ޓޭންކަރަކަށް 2002 ވަނަ އަހަރު ބޮމުގެ ހަމަލާއެއް ދިން ކަމަށް 2014 ވަނަ އަހަރު އެއްބަސްވެފައިވާ މީހެކެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ނިންމައި އެމެެރިކާގެ ފަނޑިޔާރުން މިދިޔަ އަހަރު ވަނީ ދަރުބީއަށް 13 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ.

ދަރުބީ ސައުދީއަށް ބަދަލުކުރިކަން އިއްޔެގައި އިއުލާނުކުރީ އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަން އިން ނެރުނު ބަޔާނެއްގައެވެ. އޭނާ ޖަލުން ނެރުމުން ގުއާންޓެނާމޯ ޖަލުގައި ތިބި ގައިދީންގެ އަދަދު މިހާރު ވަނީ 40 އަށް ތިރިވެފައެވެ. އެޖަލުން އެންމެން ނެރެ އެތަން ބަންދުކުރަން އެމެރިކާގެ ކުރީގެ ރައީސް ބަރަކް ހުސައިން އޮބާމާ ވައުދުވިއެވެ. ނަމަވެސް އޭނާގެ ރައީސް ކަމުގެ ދެދައުރު ނިމުނު އިރު އެ ވައުދު ނުފުއްދަވައެވެ.

ކުށަށް އިއުތިރާފް ވުމުން މިނިވަން ކުރާ ގޮތަށް އެމެރިކާ ސަރުކާރާއި އެކު އޭނާ ވަނި އެއްބަސްވެފައެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން ގުއާންޓެނާމޯ ޖަލަށް ލައިގެން ދަރުބީއާ މެދު އަމަލުކުރި ގޮތާއި މެދު އޭނާ އެމެރިކާއާ ދެކޮޅަކަށް ދައުވާއެއް ނުކުރާނެއެވެ. ދަރުބީއަށް ވޯޓަބޯޑިން ފަދަ ލާއިންސާނީ އަނިޔާތައް ޖަލުގައި ދިންކަމަށް ވަކީލުން މެދުވެރިކޮށް އޭނާ ވަނީ ކުރިން ބުނެފައެވެ.