ދުނިޔެ

އިންޑިއާއަށް ވެލީގެ ތޫފާނެއް އަރައި 74 މީހުން މަރުވެއްޖެ

އިންޑިއާގެ އުތުރުގެ ރާޖަސްތާން އާއި އުއްތަރަ ޕްރަދޭޝް އަށް ރޭގައި އެރި ވެލީގެ ތޫފާނެއްގައި 74 މީހުން މަރުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުން ލަފާކުރާ ގޮތުގައި މަރުވިމީހުންގެ އަދަދު އަދި މިއަށް ވުރެ އިތުރުވާނެއެވެ.

އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ ތޫފާނުގައި ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑި ގަސްތައް މުލުން ލުހި ގިނަ އަދަދެއްގެ ގެތައް ހަލާކުވެ ގިނަ އަދަދެއްގެ ޖަނަވާރު ވެސް މަރުވިކަމަށެވެ. ގިނަ މީހުން މަރުވީ ނިދާފައި ތިއްބާ ގެތައް ވެއްޓުމުގެ ސަބަބުންނެވެ.

ރާޖަސްތާންގެ ޗީފް މިނިސްޓަރު ވަސުންދަރާ ރާޖް ވިދާޅުވީ ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އޮފިޝަލުން މިހާރު އެ ސަރަހައްދުތަކަށް ދަތުރު ކުރަމުންދާ ކަމަށެވެ. މަރުވި މީހުންގެ އާއިލާތަކަށް ކޮންމެ އާއިލާއަކަށް 400000 (ހަތަރުލައްކަ) ރުޕީސްގެ މަގުން ފައިސާގެ އެހީ ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތިޔަނާތު ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކައިރިން ބަލަން އޮފިޝަލުންނަށް އަންގަވައިފަ އެވެ.

ވެލީގެ ތޫފާން އެރި ސަރަހައްދާ 62 މޭލު ދުރުގައިވާ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ވެސް އެތޫފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކުރިއެވެ. ނަމަވެސް އެރަށުން މީހަކަށް ނުވަތަ އިމާރާތަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.